އިންޑޮނޭޝިޔާގެ ވައިސް މިނިސްޓަރ އޮފް ފޮރިން އެފެއާޒް މުޙައްމަދު އަނިސް މައްޓާ، އިސްލާމީކަންތައްތަކާއި އައުޤާފާ ބެހޭ ވުޒާރާގެ އިސްވެރިންނާއި ބައްދަލުކުރައްވައިފި
ރަސްމީ ދަތުރުފުޅެއްގައި ރާއްޖެ ވަޑައިގެން އުޅުއްވާ، އިންޑޮނޭޝިޔާގެ ވައިސް މިނިސްޓަރ އޮފް ފޮރިން އެފެއާޒް މުޙައްމަދު އަނިސް މައްޓާ އިސްލާމީކަންތައްތަކާއި އައުޤާފާ ބެހޭ ވުޒާރާގެ އިސްވެރިންނާއި މިއަދު ބައްދަލުކުރައްވައިފިއެވެ.
މިއަދު މެންދުރުފަހު އިސްލާމީކަންތައްތަކާއި އައުޤާފާ ބެހޭ ވުޒާރާގައި ބޭއްވުނު މި ބައްދަލުކުރެއްވުމުގައި ވަޒީރު ޑރ. މުޙައްމަދު ޝަހީމް ޢަލީ ސަޢީދާއި، އިސްލާމީ މަރުކަޒުގެ އިސް އިމާމު ފަޟީލަތުއްޝައިޚް މުޙައްމަދު ލަޠީފްގެ އިތުރުން ވުޒާރާގެ އިސްވެރިން ވަނީ ބައިވެރިވެލައްވާފައެވެ.
މި ބައްދަލުކުރެއްވުމުގައި ވުޒާރާއިން ކުރަމުންދާ މުހިއްމު މަސައްކަތްތަކާއި، ވުޒާރާގެ ދަށުން މަސައްކަތްކުރާ އެކި އިދާރާތަކުގެ މަސައްކަތްތަކުގެ ތަފްސީލް ވައިސް މިނިސްޓަރ އޮފް ފޮރިން އެފެއާޒް މުޙައްމަދު އަނިސް މައްޓާއަށް އަރުއްވާފައިވެއެވެ.
އަދި އިސްލާމީ ދާއިރާއިން ދެ ޤައުމު ގުޅިގެން ކުރެވިދާނެ މުހިއްމު މަސައްކަތްތަކާއި ގުޅޭ ގޮތުން ފުޅާ ދާއިރާއެއްގައި މަޝްވަރާ ކުރައްވާފައިވެއެވެ.
މި ބައްދަލުކުރެއްވުމުގެ އިތުރުން އިންޑޮނޭޝިޔާގެ ވައިސް މިނިސްޓަރ އޮފް ފޮރިން އެފެއާޒް މުޙައްމަދު އަނިސް މައްޓާ މިއަދު ވަނީ އިސްލާމީ މަރުކަޒާއި މާލެ ހުކުރު މިސްކިތްވެސް ބައްލަވާލައްވާފައެވެ.
