އިމިގްރޭޝަންގެ މުވައްޒަފުންނަށް ފަސްޓްއެއިޑް ކޯހެއް ފަށައިފި
މޯލްޑިވްސް ނޭޝަނަލް ޑިފެންސް ފޯސް (އެމްއެންޑީއެފް) އިން މޯލްޑިވްސް އިމިގްރޭޝަންގެ މުވައްޒަފުންނަށް ފަސްޓްއެއިޑް ކޯހެއް ފަށައިފިއެވެ.
މޯލްޑިވްސް އިމިގްރޭޝަން އިން ހިންގާ ސެޓިފިކެޓް 3 އިން އިމިގްރޭޝަން އެންފޯސްމަންޓް ސްޓަޑީޒްގެ ދަރިވަރުންނަށް ކުރިއަށް ގެންދާ މި ކޯހުގައި ފަސްޓްއެއިޑަކީ ކޮބައި ކަމާއި، ހަށިގަނޑުގެ ބައެއް މުހިންމު ސިސްޓަމްތައް މަސައްކަތްކުރާ ގޮތާއި، ސީޕީއާރު ދޭނެ ގޮތާއި، ހޭނެތިފައިވާ މީހަކަށް ފަރުވާދޭނެ ގޮތާއި، ޒަޚަމްވެ ލޭއައުން ފަދަ ކަންކަން މެނޭޖްކުރުމާއި، ފިހުމުން ފަރުވާދޭންވީ ގޮތާއި، ބަލި މީހުން އެސެސް ކުރާނެގޮތާއި މަސްކިއުލަރ ސްކެލަޓަލް އިންޖަރީސްއާއި، ސްޓިންގްސް އެންޑް ބައިޓްސްއާއި، އެންވައިރަމަންޓަލް އިންޖަރީސްއާއި، ކޮމަން މެރިން އިންޖަރީސް ފަދަ އެހެނިހެން މުހިންމު އަދި އާންމުކޮށް ދިމާވާ ކުއްލި ހާލަތްތަކުގައި މަސައްކަތް ކުރާނެގޮތް ކިޔަވައިދީ އިމްތިހާނު ކުރުމަށްވަނީ ހަމަޖެހިފައިއެވެ.
އެޕްރީލް 21 އިން މެއި 09 އަކަށް ތިން ބެޗަކަށް ބަހާލައިގެން ކުރިއަށްދާ މި ކޯހުގައި 70 ދަރިވަރުން ބައިވެރިއެވެ. ކޯހުގައި ކިޔަވައިދެއްވާނީ އެމްއެންޑީއެފް މެޑިކަލް ކޯރ އަދި މިލިޓަރީ ސްކޫލް އޮފް މެޑިސިންގެ ތަޖުރިބާކާރު މުދައްރިބުންނެވެ.
