"ހުޅުމާލޭގެ ޑިވެލޮޕްމަންޓް ކޮންޓްރޯލްތައް ކަނޑައެޅުމުގެ ގަވާއިދު"
މި ލިއުމުގެ މި ގެނެސްދެނީ، "ހުޅުމާލޭގެ ޑިވެލޮޕްމަންޓް ކޮންޓްރޯލްތައް ކަނޑައެޅުމުގެ ގަވާއިދު" އެވެ.
މި ލިއުމުގައި ގެނެސްދޭނީ މި ގަވާއިދުގެ މާއްދާތައް ވަކިވަކިންނެވެ.
އެގޮތުން މި ލިއުމުގައި މި ހިމަނާލަނީ މި ގަވާއިދުގެ ދެވަނަ ބާބު "ދިރިއުޅުމަށް ދޫކުރާ ގޯތިތަކުގެ ޕްލޭނިންގ އާއި އިމާރާތްކުރުން" ގެ މާއްދާތަކެވެ.
"ހުޅުމާލޭގެ ޑިވެލޮޕްމަންޓް ކޮންޓްރޯލްތައް ކަނޑައެޅުމުގެ ގަވާއިދު، އިމާރާތް ފަރުމާކުރުން (ތިންވަނަ ބާބު) ގެ މާއްދާތަކެވެ.
އިންފާރު ރޭނުން 14.
(ހ) މި ގަވާއިދުގެ ޖަދުވަލު 8 ގައިވާ ގޮތަށް ގޯތީގެ އިންފާރު ރާނަންވާނީ އަންނަނިވި ގޮތަށެވެ.
(1) ހުރިހާ ގޯތިތަކުގެ ވެސް ކުރިމަތީ ސެޓްބެކަށްވާ ފަރާތުގެ އިންފާރު ރާނަންވާނީ އެންމެ އުސްވެގެން 1.2 (އެކެއް ޕޮއިންޓް ދޭއް) މީޓަރަށެވެ. މިގޮތަށް އިންފާރު ރޭނުމަށްފަހު 0.8(ސުމެއް ޕޮއިންޓު އަށެއް) މީޓަރުގެ ފެންސެއް ހަރުކުރެވިދާނެއެވެ. އަދި މިގޮތަށް ހަރުކުރާ ގޭޓް ހުންނަންވާނީ އިމާރާތުގެ ތެރެއަށް ވަޔާއި އަލިކަން ދައުރުވާނޭހެންނެވެ. (ޕަރފޮރޭޓަޑް)؛
(2) ކަންމަތީ ގޯތިތަކުގައި މަގާވީ ފަރާތުގެ އިންފާރު ރާނަންވާނީ، އެންމެ އުސްވެގެން 1.2 (އެކެއް ޕޮއިންޓު ދޭއް) މީޓަރަށެވެ. މިގޮތަށް ކަންމަތީ ގޯތިތަކުގައި އިންފާރު ރޭނުމަށްފަހު 0.8 (ސުމެއް ޕޮއިންޓް އަށެއް) މީޓަރުގެ ފެންސެއް ލެވިދާނެއެވެ. އަދި އިމާރާތަށް ވަނުމަށް 2 (ދޭއް) މީޓަރުގެ އުސް ގޭޓެއް ލެވިދާނެއެވެ. އަދި މިގޮތަށް ހަރުކުރާ ގޭޓް ހުންނަންވާނީ، އިމާރާތުގެ ތެރެއަށް ވަޔާއި އަލިކަން ދައުރުވާނޭހެންނެވެ. (ޕަރފޮރޭޓަޑް)؛
(3) ސްޓަރަކްޗަރަލް އެއްވެސް ބައެއް (ބެރިއާއި ތަނބު ފަދަ އެއްޗެއް) ކުރިމަތީ ސެޓްބެކްގެ ފާރުގެ 1.2 (އެކެއް ޕޮއިންޓު ދޭއް) މީޓަރުން މައްޗަށް ހުރެގެން ނުވާނެއެވެ؛
(4) ގޯތީގެ އަރިމަތި (މަގާވީ ފަޅި ފިޔަވައި) ސެޓްބެކާއި ފަހަތު ސެޓްބެކްގެ އިންފާރު ރާނަންވާނީ، އެންމެ އުސްވެގެން 3 (ތިނެއް) މީޓަރަށެވެ. ސަލާމަތާއި ރައްކައުތެރިކަމަށް ފަރުމާކުރެވޭ، ކޮޅު ތޫނުކޮށްފައިވާ ފެންސް ފަދަ ތަކެތި ހަރުކޮށްފައި ހުންނަންވާނީ މި އުސްމިނުގެ ތެރޭގައެވެ.
(5) މަގާވީ ފަޅީގައި އިންފާރު ރާނަން ބޭނުންނުވާ ހާލަތްތަކުގައި، އިންވަކިކުރެވޭނެ އެ ނޫން އެހެން ވަސީލަތެއް (މިސާލު: ތަފާތު ޕޭވިންގް) ބޭނުންކޮށްގެން ބިމުގެ އިން ވަކިވާނޭހެން ސާފުކޮށް އެނގެން ހުންނަންވާނެއެވެ.
(ށ) ގޯތީގައި ހަދާ އިމާރާތް ބޭނުންކުރުމުގެ ހުއްދަ ދޫކުރެވޭނީ، މި މާއްދާގެ (ހ) ގައި ބަޔާންކޮށްފައިވާ ގޮތަށް އިންފާރު ރާނައިފައިވާނަމައެވެ. ނުވަތަ މި މާއްދާގެ (ހ) ގެ (5) ވަނަ ނަންބަރުގައި ބަޔާންކޮށްފައިވާ ގޮތަށް އިން ވަކިކޮށްފައިވާނަމައެވެ.
