logo
banner image

"ހުޅުމާލޭގެ ޑިވެލޮޕްމަންޓް ކޮންޓްރޯލްތައް ކަނޑައެޅުމުގެ ގަވާއިދު"

މި ލިއުމުގެ މި ގެނެސްދެނީ، "ހުޅުމާލޭގެ ޑިވެލޮޕްމަންޓް ކޮންޓްރޯލްތައް ކަނޑައެޅުމުގެ ގަވާއިދު" އެވެ.

މި ލިއުމުގައި ގެނެސްދޭނީ މި ގަވާއިދުގެ މާއްދާތައް ވަކިވަކިންނެވެ.

އެގޮތުން މި ލިއުމުގައި މި ހިމަނާލަނީ މި ގަވާއިދުގެ ދެވަނަ ބާބު "ދިރިއުޅުމަށް ދޫކުރާ ގޯތިތަކުގެ ޕްލޭނިންގ އާއި އިމާރާތްކުރުން" ގެ މާއްދާތަކެވެ.

"ހުޅުމާލޭގެ ޑިވެލޮޕްމަންޓް ކޮންޓްރޯލްތައް ކަނޑައެޅުމުގެ ގަވާއިދު، އިމާރާތް ފަރުމާކުރުން (ތިންވަނަ ބާބު) ގެ މާއްދާތަކެވެ.

ޕާކިންގ ގޮތުގައި ކަނޑައަޅާ އޭރިޔާ 13.

(ހ) 518. (އަށާރަ ޕޮއިންޓް ފަހެއް) މީޓަރަށް ވުރެ ތިރިކޮށް ހަދާ އިމާރާތުގައި ސައިކަލު ޕާކިންގއަށް އަންނަނިވި ގޮތަށް ޖާގަ ދޫކުރަންވާނެއެވެ.

(1) ސައިކަލު ޕާކިންގ ގޮތުގައި ކޮންމެ 1 (އެކެއް) ކޮޓަރީގެ އެޕާޓްމަންޓަކަށް ނުވަތަ ޔުނިޓަކަށް 1 (އެކެއް) ޖާގަ؛

(2) ސައިކަލު ޕާކިންގ ގޮތުގައި ކޮންމެ 2 (ދޭއް) ކޮޓަރީގެ އެޕާޓްމަންޓަކަށް ނުވަތަ ޔުނިޓަކަށް ނުވަތަ އެޔަށް ވުރެ އިތުރުވާ ނަމަ 2 (ދޭއް) ޖާގަ.

(3) ސައިކަލު ޕާކިންގއަށް ޖާގަ ދޫކުރުމުގައި އިމާރާތުގެ ސެޓްބެކް ވެސް ބޭނުންކުރެވިދާނެއެވެ. ނަމަވެސް ސެޓްބެކްގެ ތެރެއިން މި ޖާގަ ހަމަޖައްސާ ނަމަ، މި ޖާގަ ހުންނަންވާނީ، އިމާރާތުގެ ތެރެއަށް ސައިކަލު ވަނުމަށް ހަމަޖެހިފައިވާ ޖާގައިން ޕާކުކޮށް ނެރުމަށް ފަސޭހަވާނެ ގޮތަކަށެވެ.

(ށ) 18.5 (އަށާރަ ޕޮއިންޓް ފަހެއް) މީޓަރަށް ވުރެ އުސްކޮށް ހަދާ އިމާރާތެއްނަމަ، ހަދާ އިމާރާތުގެ (ތިރީ ފަންގިފިލާ) ގްރައުންޑް ފްލޯރ އެއްކޮށް ކަނޑައަޅަންވާނީ ޕާކިންގގެ ބޭނުމަށެވެ. އިމާރާތުގެ (ތިރީ ފަންގިފިލާ) ގްރައުންޑް ފްލޯރ އެއްކޮށް ޕާކިންގއަށް ދޫކޮށްލުމުން އިސްތިސްނާވާނީ، މި ގަވާއިދުގެ 7 ވަނަ މާއްދާގެ (ށ) ގެ (2) ވަނަ ނަންބަރުގައި ބަޔާންކޮށްފައިވާ ކަންކަން ފުރިހަމަވާނަމައެވެ.

ޕާކިންގއަށް ކޮންމެހެން ދޫކުރަންޖެހޭ ފަންގިފިލާގެ އިތުރުން، އެހެން ފަންގިފިލާތަކުން ޕާކިންގ ޖާގަ ދޫކުރުމަށް މި ގަވާއިދު ހުރަހެއް ނާޅައެވެ.

(ނ) އަދި މިގޮތަށް ހަމަޖައްސާ ނަމަ، އެފަދަ ފަންގިފިލާތަކަށް ޕާކުކުރާ އުޅަނދަށް މަގުމަތިން ވަދެ ނުކުމެވޭނެ އިންތިޒާމު ހަމަޖެހިފައި ހުންނަންވާނެއެވެ. މިގޮތަށް ބާއްވާ ޕާކިންގ އޭރިޔާއަށް ވަނުމަށް އޮންނަ މަގު ނުވަތަ ރޭމްޕް، އިމާރާތުގެ އިމުގެ ތެރެއިން ޕާކިންގއަށް ދޫކުރަންޖެހޭ ޖާގައިގެ ތެރެޔަކު ނުހިމެނޭނެއެވެ.

(ރ) މި ގަވާއިދުގެ ދަށުން ގޯތި ބައިކޮށްގެން އިމާރާތްކުރާކަމުގައި ވާ ނަމަ، އަދި ވަކިން އިމާރާތްކުރާ ބައެއްގެ އޭރިޔާ 600 (ހަސަތޭކަ) އަކަފޫޓު ނުވަތަ އެޔަށް ވުރެ ކުޑަ ނަމަ، އިމާރާތުގައި ޕާކިންގ ޖާގަ ކަނޑައަޅާކަށް ނުޖެހޭނެއެވެ.

(ބ) އިމާރާތުގެ ތެރެއިން ޕާކިންގ އޭރިޔާއަށް ދިޔުމުގެ ބޭނުމަށް މެކޭނިކަލް ޕާކިންގ ސިސްޓަމް ބަހައްޓާ ނަމަ، މެކޭނިކަލް ޕާކިންގ ސިސްޓަމާއި ވެހިކަލް ލިފްޓުގެ ތަފުސީލު (މެނުފެކްޗަރަރސް ސްޕެސިފިކޭޝަން) ހުށަހަޅަންވާނެއެވެ.

(ޅ) ދިރިއުޅުމަށް ދޫކުރާ ގޯތިތަކުގައި ހަދާ އިމާރާތުގައި ގޯތީގެ އިމުގެ ތެރެއިން، ހަތަރު ފުރޮޅުލީ އުޅަނދު ޕާކުކުރުމަށް ކަނޑައަޅާ ސައިޒް ހުންނަންވާނީ، ގަވާއިދު ނަންބަރު (އެއްގަމުގައި ދުއްވާ އިންޖީނުލީ އުޅަނދު ރަޖިސްޓަރީކުރުމުގެ ގަވާއިދު) ގައި ބަޔާންކޮށްފައިވާ ގޮތަށެވެ.

ޕާކުކުރުމަށް މަގުމަތިން އިމާރާތުގެ ތެރެއަށް ވަންނަ ޖާގަ (ގްރީން ވަރޖް) ކެނޑުމުގައި ޢަމަލުކުރެވޭނީ، އެޗް.ޑީ.ސީގެ ވެބްސައިޓުގައި ޝާއިޢުކޮށްފައިވާ "ގަރާޖް ލޮކޭޝަންސް" ގައި ކޮންމެ ގޯއްޗަކަށް ކަނޑައަޅައިފައިވާ ޖާގައާވީ ދިމާއަށެވެ. ނަމަވެސް ގަރާޖް ލޮކޭޝަންގައި ދައްކާފައިވާ ފަރާތްނޫން އެހެން ފަރާތަކަށް އިމާރާތުގެ ތެރެއިން ޖާގަ ބަދަލުކުރާނަމަ، ގްރީން ވަރޖް ކަނޑައެޅުމުގައި އަމުލުކުރާނީ އެތަނުގައިވާ ގަސްތަކާއި ލައިޓް ޕޯސްޓްތަކާއި މިނޫންވެސް ޔުޓިލިޓީސް އަށާއި ސަރވިސަސްއަށް ކަނޑައަޅާފައިވާ ޖާގަތަކާއި ފުށުނާރާގޮތުގެ މަތިންނެވެ.

(ކ) އަދި މި ކަންތައްތަކަށް ރިޢާޔަތްކޮށް އިމާރާތްކުރުމުގެ އެންމެހައި ކަންކަން ކުރުމަކީ ވެރިފަރާތުގެ ޒިންމާއެކެވެ.

(އ) މި މާއްދާގެ (ކ) ގައި ބަޔާންކޮށްފައިވާ ގަރާޖް ލޮކޭޝަންސްގައި ކަނޑައަޅައިފައިވާ ޖާގަ ފާހަގަކުރެވިފައިވަނީ އިމާރާތަށް އުޅަނދު ވަނުމަށް ގްރީން ވަރޖް ކެނޑުމުގެ ބޭނުމަށެވެ.

(ވ) ޕާކިންގއަށް ވަނުމަށް ގޭޓް ކެނޑުމުގައި ޢަމަލުކުރަންވާނީ އަންނަނިވި ގޮތަށެވެ.

(1) ގޯތީގެ އިމުގައި، އުޅަނދު ޕާކިންގ އޭރިޔާއަށް އުޅަނދު ވައްދަން ގޭޓެއް ކެނޑިދާނެއެވެ. ޕާކިންގ އޭރިޔާގެ މަގާވީފަޅިން އުޅަނދު ވަންނަ ދިމާގެ ފުޅާމިނުގައި (ގޭޓުގެ ފުޅާމިނުގައި) މަދުވެގެން 2.5 (ދޭއް ޕޮއިންޓު ފަހެއް) މީޓަރު ހުންނަންވާނެއެވެ. އަދި ގޯތީގެ އިމުގައި ގޭޓް ހަރުކޮށްފައި ހުންނަ ފާރުގެ ދިގުމިން، ގޭޓާއި ފާރުގެ ޖުމުލަ 3 (ތިނެއް) މީޓަރަށް ވުރެ ދިގުވެގެން ނުވާނެއެވެ؛

އިމާރާތުގެ ކުރިމަތީ ސެޓްބެކް ދޫކޮށްފައި، އިމާރާތުގެ އިމުގައި ހަރުކުރާ ގޭޓުގެ ވަންނަ ދިމާގެ ފުޅާމިނުގައި (ގޭޓުގެ ފުޅާމިނުގައި) މަދުވެގެން 2.5 (ދޭއް ޕޮއިންޓު ފަހެއް) މީޓަރު ހުންނަންވާނެއެވެ.

(2) އަދި އިމާރާތުގެ ކުރިމަތީ ފުޅާމިނުގެ %50 (ފަންސާސް އިންސައްތަ) އަށް ވުރެ ބޮޑުވެގެން ނުވާނެއެވެ.

(މ) އިމާރާތުގައި ހަތަރުފުރޮޅުލީ އުޅަނދު ޕާކުކުރުމަށް ޖާގަ ކަނޑައަޅަންވާނީ، އިމާރާތުގައި ދިރިއުޅުމަށް ނުވަތަ މި ގަވާއިދުން ހުއްދަކުރާ އެހެން ބޭނުމަކަށް ޖާގައެއް ހިމެނުމަށްފަހުގައެވެ. މި ޖާގައިގައި މަދުވެގެން 400 (ހަތަރުސަތޭކަ) އަކަފޫޓު ހަމަވާންވާނެއެވެ.

(ފ) އިމާރާތުގައި ކަނޑައެޅިފައިވާ ޕާކިންގ އޭރިޔާ ހުންނަންވާނީ ދުއްވާ އުޅަނދުތަކަށާއި އިމާރާތް ބޭނުންކުރާ މީހުންނަށް ފަސޭހައިން ވަދެނުކުމެވޭނޭ ގޮތަށެވެ.

(ދ) ބޭސްމަންޓް ހުންނަންވާނީ، ތިރީގައި ބަޔާންކޮށްފައިވާ ގޮތަށެވެ.

(1) ބޭސްމަންޓް ޕާކިންގގެ ސަރަހައްދު އެފް.އެސް.އައި.ގެ ތެރެޔަކު ނުހިމެނޭނެއެވެ؛

(2) ބޭސްމަންޓުގެ ތަޅުމުން ފެށިގެން ބީމުގެ ތިރީކައިރި (ބީމް ސޮފިޓް) އާ ހަމަޔަށް މަދުވެގެން 2.2 (ދޭއް ޕޮއިންޓު ދޭއް) މީޓަރުގެ ކްލިޔަރ ހައިޓް ހުންނަންވާނެއެވެ. އަދި މިގޮތަށް ކްލިޔަރ ހައިޓް ހުންނަންވާނީ، އިމާރާތުގައި ހުންނަ ސަރވިސަސް ޕައިޕްތަކާއި އެހެނިހެން ސަރވިސަސް ޑަކްޓްތައް އެޅުމަށް ދާ ޖާގަ އުނިކުރުމަށްފަހުގައެވެ.

(3) ބޭސްމަންޓް ހަދަން ހުއްދަ ދެވޭނީ، ކޮންމެ ޕްލޮޓަކަށް ކަނޑައެޅިފައިވާ ސެޓްބެކް ޕްލޭނާ އެއްގޮތްވާ ގޮތަށެވެ. ނަމަވެސް އެއްކޮށް ބިމު އަޑީގައި (ގްރައުންޑް ލެވެލުން ތިރީގައި) ހަދާ ބޭސްމަންޓެއް ނަމަ، ގޯތީގެ އިމުން 1 (އެކެއް) މީޓަރު ދޫކުރުމަށްފަހު ބޭސްމަންޓް ހެދުމުގެ ހުއްދަ ދެވޭނެއެވެ؛

(4) މި ގަވާއިދުގެ ދަށުން އިމާރާތްކުރެވޭ އިމާރާތެއްގައި ބޭސްމަންޓް ޕާކިންގ ހަދާއިރު ގްރައުންޑް ފްލޯރ ލެވެލް މަގުގެ ލެވެލަށް ވުރެ އުސްކުރާ ނަމަ އަދި އެ އުސްކުރާ މިން، މަގުމަތީ ލެވެލްއިން ފެށިގެން 1.5 (އެކެއް ޕޮއިންޓު ފަހެއް) މީޓަރަށް ވުރެ އުސްނުވާ ނަމަ މުޅި އިމާރާތުގެ އުސްމިން 1.5 (އެކެއް ޕޮއިންޓު ފަހެއް) މީޓަރާ ހަމަޔަށް އިތުރަށް އުސްކުރެވިދާނެއެވެ. މިގޮތުން އިތުރު ކުރެވޭނީ ބޭސްމަންޓް ފްލޯރ އިން ގްރައުންޑް ފްލޯރއަށް އިތުރުވާ މިންވަރެވެ.

(ތ) މި ގަވާއިދުގެ ދަށުން އިމާރާތުގައި ހަތަރުފުރޮޅުލީ އުޅަނދު ޕާކުކުރުމުގައި، 2 (ދޭއް) ޓަނަށް ވުރެ ބަރުކޮށް މުދާ އުފުލޭ އުޅަނދު ޕާކުކުރުން ހުއްދައެއް ނުވާނެއެވެ.

(ލ) ޕާކުކުރެވޭ އުޅަނދުގެ އަދަދު ފާސްކުރެވޭނީ ކުރެހުން ފާސްކުރުމަށް ހުށަހެޅުމުންނެވެ.

(ގ) ދިވެހި ސަރުކާރުގެ ގެޒެޓުގައި މި ގަވާއިދު ޝާއިޢުކުރުމުގެ ކުރިން އެހެން ގަވާއިދެއްގެ ދަށުން ހުޅުމާލޭގައި އިމާރާތްކުރުމުގެ މަސައްކަތް ނިމިފައިވާ އިމާރާތެއް ނަމަ، އިމާރާތްކުރުމުގެ މަސައްކަތް ނުފަށާ ނަމަވެސް ކުރެހުން ފާސްކޮށްފައިވާ (ކުރެހުން ބާޠިލުނުވާ) ފަރާތެއް ނަމަ އަދި އިމާރާތްކުރުމުގެ މަސައްކަތް ކުރަމުންދާ ފަރާތެއް ނަމަ، އެ ފަރާތަކުން އިމާރާތުގައި ޕާކިންގ ޖާގަ ދޫކުރުމުގައި އެ ގަވާއިދެއްގެ ދަށުން ކުރިޔަށް ގެންދިޔުމަކަށް މި ގަވާއިދު ހުރަހެއްނާޅައެވެ.

(ޏ) މި މާއްދާގެ (ލ) ގައި އެހެން ބަޔާންކޮށްފައި އޮތްނަމަވެސް، އަލަށް ހަދާ އިމާރާތްތައް (ކުރިން ހުރި އިމާރާތެއް ތަޅައިލުމަށްފަހު އަލުން އިމާރާތްކުރުން ނުވަތަ އެއްވެސް ވަރަކަށް އިމާރާތްކުރުމުގެ މަސައްކަތް ކުރިން ކޮށްފައިނުވާ ބިމެއްގައި އަލަށް އިމާރާތްކުރުން) އަދި އިމާރާތުގެ ކުރެހުން ބާޠިލުވެފައިވާ ފަރާތްތައް އަލުން އިމާރާތުގެ ކުރެހުން ފާސްކުރާ ނަމަ، މި ގަވާއިދުގެ ދަށުން ކަނޑައަޅައިފައިވާ ޕާކިންގ ޖާގަ ދޫކުރަންވާނެއެވެ.