"ހުޅުމާލޭގެ ޑިވެލޮޕްމަންޓް ކޮންޓްރޯލްތައް ކަނޑައެޅުމުގެ ގަވާއިދު"
މި ލިއުމުގެ މި ގެނެސްދެނީ، "ހުޅުމާލޭގެ ޑިވެލޮޕްމަންޓް ކޮންޓްރޯލްތައް ކަނޑައެޅުމުގެ ގަވާއިދު" އެވެ.
މި ލިއުމުގައި ގެނެސްދޭނީ މި ގަވާއިދުގެ މާއްދާތައް ވަކިވަކިންނެވެ.
އެގޮތުން މި ލިއުމުގައި މި ހިމަނާލަނީ މި ގަވާއިދުގެ ދެވަނަ ބާބު "ދިރިއުޅުމަށް ދޫކުރާ ގޯތިތަކުގެ ޕްލޭނިންގ އާއި އިމާރާތްކުރުން" ގެ މާއްދާތަކެވެ.
"ހުޅުމާލޭގެ ޑިވެލޮޕްމަންޓް ކޮންޓްރޯލްތައް ކަނޑައެޅުމުގެ ގަވާއިދު، އިމާރާތް ފަރުމާކުރުން (ތިންވަނަ ބާބު) ގެ މާއްދާތަކެވެ.
އިމާރާތުގެ އުސްމިން 10.
(ހ) މި ގަވއިދުގެ ޖަދުވަލް 1 ގައިވާ ޖާޓުގައި ދައްކާފައިވާ ނެއިބަރހުޑް 9 ގައިވާ ގޯތިތައް އިމާރާތް ކުރެވޭނެ އެންމެ އުސްމިނަކީ 18.5 (އަށާރަ ޕޮއިންޓު ފަހެއް) މީޓަރާއި ހަމައަށެވެ. އަދި މީގެ އިތުރަށް ނެއިބަރހުޑް 9 ގައިވާ ގޯތިތަކުގައި ހަދާ އިމާރާތްތަކުގައި ލިފްޓްމެޝިން ރޫމް އަދި މިނޫންވެސް 18.5 (އަށާރަ ޕޮއިންޓް ފަހެއް) މީޓަރު މައްޗަށް އިމާރާތުގެ ބައިތައް އަރާނަމަވެސް، ވައިގެ ބަނދަރުގެ ސަލާމަތީ މިންގަޑުތައް ބަލައި މުޅި އިމާރާތުގެ އުސްމިން 22 (ބާވީސް) މީޓަރަށްވުރެ އުސްވެގެން ނުވާނެއެވެ. ނެއިބަރހުޑް 9 ފިޔަވައި އެހެން ހުރިހާ ގޯތިތަކެއް އިމާރާތްކުރެވޭނެ އެންމެ އުސްމިނަކީ 30.5 (ތިރީސް ޕޮއިންޓް ފަހެއް) މީޓަރެވެ. ނަމަވެސް 18.5 (އަށާރަ ޕޮއިންޓް ފަހެއް) މީޓަރުން ފެށިގެން 30.5 (ތިރީސް ޕޮއިންޓް ފަހެއް) މީޓަރާއި ހަމައަށް އިމާރާތްކުރުމުގެ ހުއްދަ ދެވޭނީ، މި ގަވައިދުގެ 7 ވަނަ މާއްދާގައި ބަޔާންކޮށްފައިވާ ގޮތަށް އިމާރާތުގެ ފަންގިފިލާތައް ބޭނުންކުރާ ގޮތުގެމަތިންނެވެ.
(ށ) މި ގަވާއިދުގެ އެހެން މާއްދާއަކުން ބަޔާންކުރާ ހާލަތްތަކުގައި މެނުވީ އިމާރާތުގެ އުސްމިން ކަމުގައި ބެލެވޭނީ، ޕޭވްމަންޓް ލެވެލް/ގްރައުންޑް ލެވެލުން ފެށިގެން ސްޕްރިންގ ލައިން ނުވަތަ ރޫފްބީމްގެ މަތީކައިރިއާ ހަމައަށެވެ. ނުވަތަ އިމާރާތުގެ އެންމެ މަތީގައި ޓެރަހެއް ހަދާ ނަމަ، ދުވާރުން ފެށިގެން ޓެރަސް ސްލެބް ނުވަތަ ޑެކްގެ މަތީކައިރިއާ ހަމަޔަށެވެ.
(ނ) އިމާރާތުގެ އުސްމިން 16.5 (ސޯޅަ ޕޮއިންޓު ފަހެއް) މީޓަރަށް ވުރެ އުސްވާ ނަމަ، އިމާރާތުގައި ލިފްޓް ހިމަނަންވާނެއެވެ. ލިފްޓް ނުލާ އިމާރާތެއް ހަދާނަމަ ހެދޭނީ މި ގަވައިދުގެ ޖަދުވަލް 5 ގައިވާ ގޮތުގެމަތިންނެވެ.
(ރ) އިމާރާތުގައި ބޭސްމަންޓެއް ހަދާ ނަމަ، ބޭސްމަންޓަށް ދިޔުމަށް އިމާރާތުގައި ހަރުކުރާ ލިފްޓް ބޭނުންކުރެވިދާނެއެވެ.
(ބ) މައިގަނޑުގޮތެއްގައި ދިރިއުޅުމަށް ބޭނުންކުރާ ބައިތަކުގެ ތަޅުމާއި ފަންގިފިލަޔާ ދެމެދުގެ އުސްމިނުގައި މަދުވެގެން 2.7 (ދޭއް ޕޮއިންޓު ހަތެއް) މީޓަރު ހުންނަންވާނެއެވެ. ގަރާޖް / ސްޓަޑީ ރޫމް / އެޓިކް ފަދަ ތަންތަން މިއިން އިސްތިސްނާ ކުރެވިދާނެއެވެ. ނަމަވެސް އެފަދަ އެއްވެސް ތަނެއްގެ ތަޅުމާއި ސީލިންގއާ ދެމެދުގައިވާ އުސްމިން 2.1 މީޓަރަށްވުރެ ކުޑަވެގެން ނުވާނެއެވެ. އަދި މިފަދަ ތަންތަނަކީ އާންމު ދިރިއުޅުމަށް ބޭނުންކުރާ ތަންތަނުގެ ގޮތުގައެއް ނުހިމެނޭނެއެވެ.
(ޅ) މި ގަވާއިދުގެ ޖަދުވަލު 6 އާއި ޖަދުވަލު 7 ގައިވާ ކުރެހުމުގައިވާ ގޮތަށް ލިފްޓް ލާ ނަމަ، 4 (ހަތަރެއް) މީޓަރަށް ވުރެ އުސްނުވާނޭހެން އިމާރާތުގެ ސިޑިގޮޅިއާއި ލިފްޓް މެޝިންރޫމްގެ ހިޔާކުރާބައި ހެދިދާނެއެވެ. ބަހައްޓަން ބޭނުންވާ ލިފްޓް މެޝިންރޫމް 4 (ހަތަރެއް) މީޓަރަށް ވުރެ އުސްވާ ނަމަ، ލިފްޓުގެ ތަފުސީލު (މެނުފެކްޗަރަރސް ސްޕެސިފިކޭޝަން) ކުރެހުން ފާސްކުރުމަށް ހުށަހަޅާއިރު ހުށަހަޅަން ޖެހޭނެއެވެ. ލިފްޓުގެ ތަފުސީލު (މެނުފެކްޗަރަރސް ސްޕެސިފިކޭޝަން) ހުށަހެޅުމުން ޓެރަހުގެ މަތީގައި ސިޑިގޮޅިއާއި ލިފްޓް މެޝިންރޫމަށްވާބައި ހިޔާކުރުމަށް ހުއްދަ ދެވޭނީ އެންމެ އުސްވެގެން 7 (ހަތެއް) މީޓަރަށެވެ.
(ކ) ސިޑިގޮޅިއާއި ލިފްޓް މެޝިންރޫމްގެ ހިޔާކުރާބައިގައި 7 (ހަތެއް) މީޓަރު ހުރިކަމުގައި ވިޔަސް، ޓެރެސްގައި ހިޔާކުރާބައި ހިޔާކުރެވޭނީ އެންމެ އުސްވެގެން 4 (ހަތަރެއް) މީޓަރަށެވެ.
(އ) ލިފްޓްނުލާ އިމާރާތްތަކުގެ ޓެރަސް ލެވެލްގައި ސިޑިގޮޅި ހިޔާކުރާބައި އުސްކުރެވޭނީ 3 (ތިނެއް) މީޓަރަށެވެ. ސިޑިގޮޅި ހިޔާކުރަން ކަތިފުރާޅެއްލާ ނަމަވެސް ފުރާޅާއެކު ސިޑިގޮޅީގެ އުސްމިން ހުންނަންވާނީ، މި ގަވާއިދުގެ ޖަދުވަލު 6 ގައި ދައްކުވައިދޭހެން 3 (ތިނެއް) މީޓަރަށް ވުރެ އުސްނުވާވަރަށެވެ.
(ވ) ގޯއްޗެއް ބައިކުރުމަށްފަހު ރަޖިސްޓަރީކުރުމުން ގޯތީގެ އޭރިޔާއަށް އަންނަ ބަދަލުތަކަށް ރިއާޔަތްކޮށް، އިމާރާތުގެ އުސްމިން، ތިރީގައި ކަނޑައަޅައިފައި މިވަނީއެވެ.
