"ހުޅުމާލޭގެ ޑިވެލޮޕްމަންޓް ކޮންޓްރޯލްތައް ކަނޑައެޅުމުގެ ގަވާއިދު"
މި ލިއުމުގެ މި ގެނެސްދެނީ، "ހުޅުމާލޭގެ ޑިވެލޮޕްމަންޓް ކޮންޓްރޯލްތައް ކަނޑައެޅުމުގެ ގަވާއިދު" އެވެ.
މި ލިއުމުގައި ގެނެސްދޭނީ މި ގަވާއިދުގެ މާއްދާތައް ވަކިވަކިންނެވެ.
އެގޮތުން މި ލިއުމުގައި މި ހިމަނާލަނީ މި ގަވާއިދުގެ ދެވަނަ ބާބު "ދިރިއުޅުމަށް ދޫކުރާ ގޯތިތަކުގެ ޕްލޭނިންގ އާއި އިމާރާތްކުރުން" ގެ މާއްދާތަކެވެ.
"ހުޅުމާލޭގެ ޑިވެލޮޕްމަންޓް ކޮންޓްރޯލްތައް ކަނޑައެޅުމުގެ ގަވާއިދު، ދެވަނަ ބާބުގެ 7 ވަނަ މާއްދާ:
އިމާރާތް ބޭނުންކުރެވޭނެ ގޮތް 7.
ހުޅުމާލޭގައި ދިރިއުޅުމަށް ދޫކުރެވިފައިވާ ގޯތިތައް ދޫކޮށްފައިވަނީ އާންމު ދިރިއުޅުމުގެ ބޭނުމަށެވެ. ނަމަވެސް، އިމާރާތުގެ އުސްމިނަށް ބަލައި، އިމާރާތުގެ ފަންގިފިލާތައް ބޭނުންކުރެވޭނެ ގޮތް ތިރީގައި މިވަނީއެވެ.
(ހ) 18.5 (އަށާރަ ޕޮއިންޓް ފަހެއް) މީޓަރު ހަމަޔަށް ނުވަތަ އެޔަށް ވުރެ ތިރިކޮށް ހަދާ އިމާރާތްތަކުގެ ބޭސްމަންޓާއި، ތިރީ ފަންގިފިލާ (ގްރައުންޑް ފްލޯރ)، ފުރަތަމަ ފަންގިފިލާ (ފަސްޓް ފްލޯރ) އާއި އަދި މެޒަނިންގ ފްލޯރ (ގްރައުންޑް ފްލޯރ އާއި ފަސްޓް ފްލޯރގައި) ހިމެނޭ ނަމަ މެޒަނިންގ ފްލޯރގައި ދިރިއުޅުން ނޫން ބޭނުންތަކަށް، މި ގަވާއިދުގައި ބަޔާންކޮށްފައިވާ ގޮތުގެ މަތީން ބޭނުންކުރެވިދާނެއެވެ.
(ށ) 18.5 (އަށާރަ ޕޮއިންޓް ފަހެއް) މީޓަރުގެ މަތިން 30.5 (ތިރީސް ޕޮއިންޓު ފަހެއް) މީޓަރާ ހަމަޔަށް ނުވަތަ އެ ދެމެދުގެ އުސްމިނަކަށް ހަދާ އިމާރާތްތަކުގެ ހަދާ އިމާރާތްތަކުގެ ފަންގިފިލާތައް ބޭނުންކުރަންވާނީ އަންނަނިވި ގޮތްތަކުންކުރެ ގޮތަކަށެވެ.
(1) 18.5 (އަށާރަ ޕޮއިންޓް ފަހެއް) މީޓަރުން ފެށިގެން 30.5 (ތިރީީސް ޕޮއިންޓް ފަހެއް) މީޓަރާއި ހަމައަށް ނުވަތަ އެ ދެމެދުގެ އުސްމިނަކަށް ހަދާ އިމާރާތްތަކުގެ ތިރީ ފަންގިފިލާ (ގްރައުންޑް ފްލޯރ) އެއްކޮށް ޚާއްޞަކުރަންވާނީ ޕާކިންގގެ ބޭނުމަށެވެ. އަދި ފުރަތަމަ ފަންގިފިލާ (ފަސްޓް ފްލޯރ) ޚާއްޞަކުރަންވާނީ ދިރިއުޅުންނޫން އެހެން ބޭނުމަކަށެވެ. މިގޮތުން ތިރީ ފަންގިފިލާ (ގްރައުންޑް ފްލޯރ) އާއި ފުރަތަމަ ފަންގިފިލާ (ފަސްޓް ފްލޯރ) ދިއިރުޅުމުގެ ބޭނުމަކަށް ހުއްދައެއް ނުދެވޭނެއެވެ.
ނުވަތަ؛
(2) 18.5 (އަށާރަ ޕޮއިންޓް ފަހެއް) މީޓަރުން ފެށިގެން 30.5 (ތިރީސް ޕޮއިންޓް ފަހެއް) މީޓަރާއި ހަމައަށް ނުވަތަ އެ ދެމެދުގެ އުސްމިނަކަށް ހަދާ އިމާރާތްތަކުގައި ބޭސްމަންޓެއް ހިމަނައި، އަދި މުޅި ބޭސްމަންޓް ބޭނުންކުރަނީ ޕާކިންގއަށް ކަމުގައި ވާ ނަމަ، އިމާރާތުގެ ތިރީ ފަންގިފިލާ (ގްރައުންޑް ފްލޯރ) ޕާކިންގގެ އިތުރުން ދިރިއުޅުން ނޫން އެހެން ބޭނުމަކަށް ބޭނުންކުރެވިދާނެއެވެ. އަދި ފުރަތަމަ ފަންގިފިލާ (ފަސްޓް ފްލޯރ) ޚާއްޞަކުރަންވާނީ ދިރިއުޅުންނޫން އެހެން ބޭނުމަކަށެވެ. ބޭސްމަންޓް ޕާކިންގއެއް ހިމެނިކަމުގައި ވިޔަސް، އިމާރާތުގެ ތިރީ ފަންގިފިލާ (ގްރައުންޑް ފްލޯރ) އާއި ފުރަތަމަ ފަންގިފިލާ (ފަސްޓް ފްލޯރ) ދިރިއުޅުމުގެ ބޭނުމަކަށް ހުއްދައެއް ނުދެވޭނެއެވެ. ޕާކިންގ ގޮތުގައި ބޭސްމަންޓް ބޭނުންކުރަންވާނީ ގޯތީގެ ފުޓްޕްރިންޓްއަށް ކަނޑައެޅިފައިވާ އޭރިޔާއާއި އެއްވަރަށެވެ.
(ނ) ހުޅުމާލޭގައި ދިރިއުޅުމަށް ދޫކުރެވިފައިވާ ގޯތިތަކުގެ އެއްވެސް ބައެއްގައި ނުވަތަ ފަންގިފިލާއެއްގައި، ތިރީގައި ބަޔާންކޮށްފައިވާ ކަންކަމުގެ ތެރެއިން ކަމެއް ކުރުން ހުއްދައެއްނުވާނެއެވެ.
(1) ސިނާއީ މަސައްކަތް؛
(2) އަލިފާން ހިފާ ޒާތުގެ ތަކެތި ގެންގުޅޭ/ރައްކައުކުރެވޭ ތަންތަން ހެދުން؛
(3) އާންމުންނަށް އުނދަގޫވާވަރަށް އަޑުގަދަވާ ކަންތައްތަކާއި، ވަސްދުވާ ކަންތައްތައް؛
(4) ކުނޑި އުފެދޭ ނުވަތަ ތަން ހަޑިވާ ފަދަ މަސައްކަތްތައް؛
(5) ގުދަންކުރުން (ވެއަރހައުސް، ސްޓޯރޭޖް ފަދަ ބޭނުންތަކަށް)؛.
(ރ) މި މާއްދާގައި ބަޔާންކޮށްފައިވާ އިމާރާތުގެ ފަންގިފިލާތައް ބޭނުންކުރަންވާނީ ކުރެހުމުގައި މި ބައި ހިމަނައި، ކުރެހުން ފާސްކޮށް، އެޗް.ޑީ.ސީން ހުއްދަ ހޯދުމަށް ފަހުގައެވެ.
(ބ) އިމާރާތްކުރުމުގެ މަސައްކަތް ނިމިފައި އަދި މިހާރު ބޭނުންކުރަމުންދާ އިމާރާތްތަކުގައި މި މާއްދާގެ ބަޔާންކޮށްފައިވާ ފަންގިފިލާތައް، ދިރިއުޅުންނޫން އެހެން ބޭނުމަކަށް ބަދަލުކުރަންވާނީ، މި ގަވާއިދުގެ 5 ވަނަ މާއްދާގައިވާ ގޮތުގެ މަތީން އިމާރާތުގެ ކުރެހުމަށް ބަދަލުގެނެސް، ކުރެހުން ފާސްކޮށް، އެޗް.ޑީ.ސީން ހުއްދަ ހޯދުމަށް ފަހުގައެވެ.
(ޅ) އިމާރާތުގައި ބޭސްމަންޓެއް ހަދާ ނަމަ، ބޭސްމަންޓުގެ ގޮތުގައި ހެދޭ އޭރިޔާގެ ތެރެއިން (އެފް.އެސް.އައި) ގެ ތެރޭގައި ނުހިމެނޭނީ އަންނިވި ބޭނުންތަކަށް ދޫކުރާ އޭރިޔާ އެކަންޏެވެ.
(1) ޕާކިންގ؛
(2) ޔުޓިލިޓީސްއާއި މެއިންޓެނަަންސް ސަރވިސް؛
(ކ) މި މާއްދާގެ (ޅ) ގެ (1) ވަނަ ނަންބަރާއި (2) ވަނަ ނަންބަރުގައި ގައި ބަޔާންކޮށްފައިވާ ކަންކަން ފިޔަވައި އެހެނިހެން ބޭނުންތަކަށް ބޭސްމަންޓް ބޭނުންކުރާ ނަމަ، އެފަދަ ޖާގަތައް އެފް.އެސް.އައި ތެރޭގައި ހިމެނޭނެއެވެ.
(އ) ގަވާއިދު ނަންބަރު 2013/R-557 (ނުކުޅެދުންތެރިކަން ހުންނަ މީހުންނަށް ޚިދުމަތް ދޭ މަރުކަޒުތަކުގައި ހުންނަންޖެހޭ ފެންވަރު ކަނޑައަޅާ ގަވާއިދު) ގައި ބަޔާންކޮށްފައިވާ ޚިދުމަތް ފޯރުކޮށްދޭ ފަދަ ތަނެއް އިމާރާތުގައި ގާއިމުކުރާ ނަމަ، މިފަދަ ބަޔަކަށް ވަނުމަށް ހަދާ ރޭމްޕް ހުންނަންވާނީ، ބުނެވިދިޔަ ގަވާއިދުގައި ބަޔާންކޮށްފައިވާ ފަދައިންނެވެ.
(ވ) ތިރިފަންގިފިލާ އަދި ފުރަތަމަ ފަންގިފިލާގައި ފިހާރައެއް ނުވަތަ އާންމު ޚިދުމަތް ފޯރުކޮށްދޭތަނެއް ހަދާނަމަ ހަދަންވާނީ, ނުކުޅެދުންތެރިކަން ހުންނަ ފަރާތްތަކަށް މި ޖާގަތަކަށް ފަސޭހައިން ވަދެނިކުމެވޭ ގޮތަކަށް ރޭމްޕް ލައިފައެވެ. އަދި ދޮރުގެ ފުޅާމިން ހުންނަންވާނީ ގަވާއިދު ނަންބަރު 2013/R-557 (ނުކުޅެދުންތެރިކަން ހުންނަ މީހުންނަށް ޚިދުމަތް ދޭ މަރުކަޒުތަކުގައި ހުންނަންޖެހޭ ފެންވަރު ކަނޑައަޅާ ގަވާއިދު) އާއި އެއްގޮތްވާގޮތަށެވެ.
(މ) ދިރިއުޅުމުގެ ބޭނުމަށް ދޫކޮށްފައި ހުންނަ ގޯތިތަކުގައި އިމާރާތްކުރުމުގެ މަސައްކަތް ކުރަން ފެށުމުގެ ކުރިން ވަގުތީގޮތުން ބިން ބޭނުންކުރުމަށް މި ގަވާއިދު ހުރަހެއް ނާޅައެވެ. ނަމަވެސް މި މާއްދާގެ (ނ) ގެ (1) ވަނަ ނަންބަރުން ފެށިގެން (5) ވަނަ ނަންބަރުގެ ނިޔަލަށް ބަޔާންކޮށްފައިވާ ކަންތައްތަކުގެ ތެރެއިން ކަމެއް، ހުސް ބިމެއްގައި ކޮށްގެން ނުވާނެއެވެ. މިގޮތަށް ވަގުތީގޮތުން ބިން ބޭނުންކުރަންވާނީ، ގޯތީގެ އިންފާރު ރާނައި، ވަގުތީގޮތުން ބިމުގައި ކުރާ ބޭނުމަށް އެދި އެޗް.ޑީ.ސީއަށް ހުށަހަޅައި ހުއްދަ ހޯދުމަށްފަހުގައެވެ.
(ފ) ދިރިއުޅުމުގެ ބޭނުމަށް ހުޅުމާލެއިން ދޫކޮށްފައި ހުންނަ ގޯތިތަކުގައި ހަދާ އިމާރާތްތަކުގައި ކޮމިއުނިކޭޝަން ބޭނުމަށް ޓަވަރާއި އެންޓަނާއާއި ސެޓެލައިޓް ޑިޝްފަދަ ތަކެތި ބަހައްޓަންވާނީ، އެފަދަ ތަކެތި ބެހެއްޓުމަށް އެޗް.ޑީ.ސީއަށް ލިޔުމުން ހުށަހަޅައި، ހުއްދަ ހޯދައިގެންނެވެ.
