ނާށި ބޭނުންކޮށްގެން އަތްތެރި މަސައްކަތްތައް ދަސްކޮށްދޭ ވޯކްޝޮޕެއް ފަށައިގެން ކުރިއަށް!
ޒުވާނުންގެ ހުނަރު ކުރިއެރުވުމަށް ކުރަމުންދާ މަސައްކަތްތަކުގެ ތެރެއިން، ނާށި ބޭނުންކޮށްގެން އަތްތެރި މަސައްކަތްތައް ދަސްކޮށްދޭ ޚާއްސަ ވޯކްޝޮޕް ފަށައިގެން ކުރިއަށް އެބަދެއެވެ.
މި ވޯކްޝޮޕްގައި 32 ޒުވާނުން ބައިވެރިވެފައިވާއިރު މި ވޯކްޝޮޕް ކުރިއަށްގެންގޮސްފައިވަނީ ޔޫތު ހަބްގެ ޓްރެއިނިންގ ރޫމްގައެވެ.
އިއްޔެ ފެށި މި ވޯކްޝޮޕް ކުރިއަށް ގެންދިއުމަށް ހަމަޖެހިފައިވަނީ 23 ވަނަ ދުވަހުގެ ނިޔަލަށެވެ.
ކޮންމެ ދުވަހެއްގެވެސް ރޭގަނޑު 20:00 އިން 23:00 އަށް ކުރިއަށްދާ މި ވޯކްޝޮޕަކީ އެއްވެސް ފީއަކާ ނުލައި ހިލޭ ބައިވެރިވެވޭނެ ހަރަކާތެކެވެ.
މި ވޯކްޝޮޕަކީ އުމުރުން 18 އަހަރާއި 35 އަހަރާ ދެމެދުގެ ޒުވާނުންނަށް އަމާޒުކޮށްގެން ހިންގި ޕްރޮގްރާމެކެވެ.
މި ވޯކްޝޮޕްގައި ކާށިކުނބު ބޭނުންކޮށްގެން ތަފާތު ސަގާފީ އަދި ޒަމާނީ ތަކެތި ފަރުމާކޮށް ތައްޔާރުކުރާނެ ގޮތްތައް ދަސްކޮށްދިނުމަށް ވަނީ ހަމަޖެހިފައެވެ.
ނާށި ބޭނުންކޮށްގެން އަތްތެރި މަސައްކަތްތައް ދަސްކޮށްދޭ ވޯކްޝޮޕެއް މިއަހަރުގެ ޖެނުއަރީ މަހުވެސް ވަނީ ބާއްވާފައެވެ. މި ވޯކްޝޮޕްގައި ޖުމްލަ 15 ޒުވާނުން ބައިވެރިވެފައިވާއިރު މި ވޯކްޝޮޕް ފުރިހަމަކުރި ބައިވެރިންނަށް ވަނީ ސެޓްފިކެޓް ހަވާލުކޮށްފައެވެ.
