logo
banner image
ދިފާޢީ ވުޒާރާ

މި އަހަރުގެ ސިފައިންގެ ދުވަހުގެ މުނާޞަބަތުގައި ހިންގުމަށް ހަމަޖެހިފައިވާ ހަރަކާތްތައް

އެހެން އަހަރުތަކޭ އެއްފަދައިން މި އަހަރު ވެސް ސިފައިންގެ ދުވަހުގެ މުނާޞަބަތުގައި މޯލްޑިވްސް ނޭޝަނަލް ޑިފެންސް ފޯސް (އެމްއެންޑީއެފް)އިން ހަރަކާތްތަކެއް ހިންގުމަށް ނިންމައިފިއެވެ.

މި އަހަރުގެ ސިފައިންގެ ދުވަހުގެ ހަރަކާތްތައް ފެށުމަށް ހަމަޖެހިފައިވަނީ އެޕްރީލު 21ވަނަ ދުވަހުގެ ހެނދުނު، ރާއްޖޭގެ ހަތަރު ސަރަހައްދުގައި ގާއިމުކޮށްފައިވާ އެމްއެންޑީއެފްގެ ހުރިހާ މަރުކަޒުތަކެއްގައި ބާއްވާ ދިދަ ނެގުމުގެ ޚާއްޞަ ރަސްމިއްޔާތުންނެވެ. މާލޭގައި މި ރަސްމިއްޔާތު ބޭއްވުމަށް ހަމަޖެހިފައިވަނީ ކަޅުތުއްކަލާކޮށީގައެވެ.

ސިފައިންގެ ދުވަހުގެ މުނާޞަބަތުގައި، މާލޭގެ މަގުތަކުގައި ކުރިއަށްގެންދާ ސިފައިންގެ އަސްކަރީ ހިނގާލުން ބޭއްވުމަށް ނިންމާފައިވަނީ މޭ 2 ވަނަ ދުވަހުއެވެ. އެ ދުވަހުގެ ހަވީރު 16:15ގައި ފެށުމަށް ހަމަޖެހިފައިވާ މި ހިނގާލުމުގައި ދިވެހި ސިފައިންގެ ލަޝްކަރުގެ ތަފާތު ދާއިރާތަކާއި ޚިދުމަތްތައް އާންމުންނަށް ދައްކާލުމުގެ އިތުރުން، އެމްއެންޑީއެފް ބޭންޑުގެ ހުށަހެޅުންތައް ކުރިއަށްދާނެއެވެ.

މި މުނާސަބަތާ ގުޅިގެން ބާއްވާ އެންމެ މުހިންމު އެއް ހަރަކާތަކީ ރައީސުލްޖުމްހޫރިއްޔާ އަދި ސިފައިންގެ އެންމެމަތީ ވެރިޔާ، ޑޮކްޓަރ މުޙައްމަދު މުޢިއްޒު ބައިވެރިވެވަޑައިގަންނަވާ ސިފައިންގެ ދުވަހުގެ ރަސްމީ ޖަލްސާއެވެ. މޭ 9ވަނަ ދުވަހުގެ ރޭ ބޭއްވުމަށް ތާވަލުކޮށްފައިވާ ޖަލްސާގައި، އެކި ދާއިރާތަކުން ފާހަގަކޮށްލެވޭ ފަދަ މުހިންމު ޚިދުމަތްތަކެއް ކޮށްފައިވާ ސިފައިންނަށް ހިތްވަރު ދިނުމުގެ އިތުރުން، އެމްއެންޑީއެފަށް އެކި ގޮތްގޮތުން އެހީތެރިކަން ފޯރުކޮށްދޭ އާންމު ފަރާތްތަކުގެ އަގުވަޒަންކުރުން އޮންނާނެއެވެ.