ކިންގް ސަލްމާން ހިއުމަނިޓޭރިއަން އެއިޑް އެންޑް ރިލީފް ސެންޓަރުން ދިވެހިރާއްޖެއަށް 50 ޓަނުގެ ކަދުރު ހަދިޔާކުރައްވައިފި
ސަޢުދީ ޢަރަބިއްޔާގެ ރަސްގެފާނު ސަލްމާން ބިން ޢަބްދުލްޢަޒީޒްގެ ހިއުމަނިޓޭރިއަން އެންޑް ރިލީފް ސެންޓަރުން ދިވެހިރާއްޖެއަށް 50 ޓަނުގެ ކަދުރު ހަދިޔާކުރައްވައިފިއެވެ.
މި ކަދުރު ރަސްމީކޮށް އިސްލާމީކަންތައްތަކާއި އައުޤާފާ ބެހޭ ވުޒާރާއާއި ހަވާލުކުރެއްވުމަށް މިއަދު އިސްލާމީ މަރުކަޒުގެ ޖަލްސާކުރާ މާލަމުގައި ވަނީ ޚާއްސަ ރަސްމިއްޔާތެއް ބާއްވަވާފައެވެ.
މި ރަސްމިއްޔާތުގައި ސަޢުދީ ޢަރަބިއްޔާގެ ފަރާތުން ކަދުރު ހަވާލުކޮށްދެއްވީ ސަޢުދީ ޢަރަބިއްޔާއިން ދިވެހިރާއްޖެއަށް ކަނޑައަޅުއްވާފައި ހުންނަވާ ސަފީރު ހިޒް އެކްސެލަންސީ ޔަޙްޔާ ޙަސަން އަލްޤަޙްޠާނީއެވެ. އަދި ވުޒާރާގެ ފަރާތުން ހަވާލުވެލެއްވީ ވަޒީރު ޑރ. މުޙައްމަދު ޝަހީމް ޢަލީ ސަޢީދުއެވެ.
ސަޢުދީ ޢަރަބިއްޔާގެ އިސްލާމީކަންތައްތަކާ ބެހޭ ވުޒާރާއިން މީގެ ކުރިން އިސްލާމީކަންތައްތަކާއި އައުޤާފާ ބެހޭ ވުޒާރާއަށް 15ޓަނުގެ ކަދުރު ހަދިޔާކުރައްވާފައިވާކަން ފާހަގަކޮށްލެވެއެވެ. އެ ކަދުރުތައް އެކި ދާއިރާތަކުގެ ފަރާތްތަކަށް ވުޒާރާއިން ވަނީ ހަދިޔާކުރައްވާފައެވެ.
