logo
banner image

އައުޤާފަށް ޚާއްސަ ވުޒާރާއެއް އެންމެ ފުރަތަމަ އުފެދުނީ 1932 ގައި، މިއަދު އަލުން މި އެކުލަވާލެވުނީ އައުޤާފްގެ މާޒީ އިއާދަކުރުމުގެ އައު ޞަފްޙާއެއް!

ރައީސުލްޖުމުހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު މިނިސްޓްރީ އޮފް އިސްލާމިކް އެފެއާޒްގެ ނަން، މިނިސްޓްރީ އޮފް އިސްލާމިކް އެފެއާޒް އެންޑް އެންޑައުމެންޓްސްގެ ނަމަށް މިއަދު ބަދަލުކުރައްވާފައިވާއިރު، މިއީ ދިވެހިރާއްޖޭގެ ތާރީޚުގައި ފާހަގަކޮށްލެވޭ އައުޤާފްގެ މާޒީ އިއާދަކުރުމުގެ އައު ޞަފްޙާއެކެވެ.

ތާރީޚުން އެނގެން އޮތް ގޮތުގައި، ދިވެހިރާއްޖޭ އިސްލާމްވީއްސުރެ އިސްލާމީ ވަޤުފުގެ ކަންކަން ދިވެހިރާއްޖާގައި ވަރަށް ފުޅާާދާއިރާއެއްގައި ހިނގާފައިވެއެވެ. މިކަމުގެ ހެއްކެއްގެ ގޮތުން 22 ޑިސެމްބަރު 1932 ގައި ދިވެހިރާއްޖޭގައި ޤާނޫނުއަސާސީއެއް ހިންގަން ފެށި އެންމެ ފުރަަތަމަ އުފެދުނު ވުޒާރާތަކުގެ ތެރޭގައި ވުޒާރަތުލް އައުޤާފު ހިމެނެއެވެ. ވުޒާރަތުލް އައުޤާފު ހިނގަމުންދިޔައީ 22 ޑިސެންބަރު 1932 އިން 29 އޮކުޓޫބަރު 1961 އަށެވެ.

އިސްލާމީ ކަންކަމާއި ބެހޭގޮތުން 1932 ގައި 2 ވުޒާރާ އުފެދިފައިވާކަމަށް ތާރީޚުތަކުން ހެކިދެއެވެ. ވަޒީރުލްޙައްޤާނިއްޔާގެ މަޤާމުގައި ހުންނެވީ ފަޟީލަތުއްޝައިޚް ޙުސައިން ޞަލާޙުއްދީންއެވެ. އެއީ ދީނީ ޝިޢާރުފާޅުކުރެއްވުމާއި ބެހޭ ވަޒީރެވެ. އަދި ވަޒީރުލްއައުޤާފު އަލްއަމީރު އިބްރާހީމް ފާމުލަދޭރިކިލެގެފާނުއެވެ. އެއީ އިސްލާމީ ވަޤުފު ކަންކަމުގެ ވަޒީރެވެ.

14 އޭޕްރިލް 2026 ވީ އަންގާރަ ދުވަހު، ރައީސުލްޖުމުހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު މިވަނީ އައުޤާފަށް ޚާއްސަ ވުޒާރާއެއް އުފައްދަވާ އެ ވުޒާރާގެ ވަޒީރުގެ މަޤާމަށް ޑރ. މުޙައްމަދު ޝަހީމް އަލީ ސަޢީދު އައްޔަން ކުރައްވާފައެވެ. މިއީ ރައީސުލްޖުމުހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒުގެ ޒަޢާމަތުގައި އިސްލާމީ ވަޤުފުގެ ދާއިރާއަށް ދެއްވާ އަހައްމިއްޔަތު ހާމަވެގެންދާކަމެކެވެ. އަދި މި ދާއިރާއިން އިތުރު ކުރިއެރުން ދިވެހިރާއްޖެއަށް ގެންނެވުމަށް ނިންމެވި މުހިއްމު ނިންމެވުމެކެވެ.