logo
banner image

10 ވަނަ ޗައިނާ ސައުތު-އޭޝިއާ އެކްސްޕޮޒިޝަންގައި ބައިވެރިވުމުގެ ފުރުޞަތު ހުޅުވާލައިފި

ޗައިނާގެ ޔުނާން ޕްރޮވިންސްގެ ކުންމިންގގައި ބޭއްވުމަށް ހަމަޖެހިފައިވާ 10 ވަނަ ޗައިނާ ސައުތު-އޭޝިއާ (ސީ.އެސް.އޭ) އެކްސްޕޮޒިޝަންގައި ބައިވެރިވުމުގެ ފުރުޞަތު ދިވެހި ވިޔަފާރިވެރިންނަށާއި އުފެއްދުންތެރިންނަށް މިނިސްޓްރީ އޮފް އިކޮނޮމިކް ޑިވެލޮޕްމަންޓް، ޓްރާންސްޕޯޓް އެންޑް ޓްރޭޑުން ހުޅުވާލައިފިއެވެ.

މި އަހަރުގެ ޖޫން މަހުގެ 11 އިން 16 އަށް ބޭއްވުމަށް ހަމަޖެހިފައިވާ މި އެކްސްޕޯގައި ބައިވެރިވުމުގެ ދައުވަތު ޗައިނާ ސަރުކާރުން މިނިސްޓްރީއަށް ވަނީ އަރުވާފައެވެ. އެހެން އަހަރުތަކެކޭވެސް އެއްފަދައިން، މި އަހަރުގެ އެކްސްޕޯގައިވެސް ދިވެހި އުފެއްދުންތައް ބައިނަލްއަޤްވާމީ މައިދާނުގައި ދައްކާލުމުގެ ފުރުޞަތާއި، އުފެއްދުންތައް ގަތުމަށް ޝައުގުވެރިވާ ފަރާތްތަކަށް އެ ތަކެތި ވިއްކުމުގެ ފުރުޞަތު ދިވެހި ވިޔަފާރިތަކަށް ލިބިގެންދާނެއެވެ.

ސީ.އެސް.އޭ އެކްސްޕޯ އަކީ ޗައިނާގެ އިތުރުން ދުނިޔޭގެ އެކި ޤައުމުތަކުގެ ވިޔަފާރިތަކުން ބައިވެރިވާ އަދި ގިނަ އަދަދެއްގެ އާންމުން ޒިޔާރަތްކުރާ ބޮޑު އެކްސްޕޯއެކެވެ. މި އެކްސްޕޯގެ ތެރެއިން ވިޔަފާރީގެ ގުޅުންތައް ބަދަހިކުރުމަށްޓަކައި ގިނަ ހަރަކާތްތަކެއް ކުރިއަށް ގެންދިއުމަށް ވަނީ ރޭވިފައެވެ. އޭގެ ތެރޭގައި އާ އުފެއްދުންތައް ތައާރަފުކުރުމަށް ބާއްވާ ޕްރޮޑަކްޓް ލޯންޗް ސެރެމަނީތަކާއި، ޕްރޮކިއުމަންޓް މެޗްމޭކިންގ ބައްދަލުވުންތަކުގެ އިތުރުން ފުޑް ކާނިވަލް ފަދަ ހަރަކާތްތައް ހިމެނެއެވެ.

މިނިސްޓްރީން ފާހަގަކުރާ ގޮތުގައި، މިއީ ރާއްޖޭގެ ވިޔަފާރިތަކުން އުފައްދާ ތަފާތު އުފެއްދުންތައް ބައިނަލްއަޤްވާމީ މާކެޓުގައި އިޝްތިހާރުކޮށް، މާކެޓް ފުޅާކުރުމަށް ލިބޭ ރަނގަޅު ފުރުޞަތެކެވެ. މި އެކްސްޕޯގައި ބައިވެރިވާން ބޭނުންވާ ފަރާތްތަކުން 28 އޭޕްރިލް 2026 ވާ އަންގާރަ ދުވަހުގެ 14:00 ގެ ކުރިން މިނިސްޓްރީގެ އީމެއިލް އެޑްރެސް [email protected] އަށް މައުލޫމާތު ފޮނުވުމަށް ވަނީ އެދިފައެވެ.

މި އެކްސްޕޯގައި ބައިވެރިވާން އެދޭ ފަރާތްތަކަށް ޖާގަ ހަމަޖައްސައިދޭނީ، ދިވެހިރާއްޖެއަށް އެކްސްޕޯއިން ލިބޭ ބޫތުތަކުގެ އަދަދަށް ބަލައިގެން ކަމަށްވެސް މިނިސްޓްރީގެ އިއުލާނުގައި ބަޔާންކޮށްފައިވެއެވެ.