ސޮނެވާ ޖާނީ ރިސޯޓުގައި ރޯވި އަލިފާން، ނައިފަރު ފަޔަރ ސްޓޭޝަނުން ހަރަކާތްތެރިވެ ނިއްވާލައިފި
ސޮނެވާ ޖާނީ ރިސޯޓުގެ "ގެދަރިން" އިމާރާތުގައި ރޯވި އަލިފާން، އެމްއެންޑީއެފް ނޮދަން އޭރިއާ ކޮމާންޑް، ނައިފަރު ފަޔަރ ސްޓޭޝަނުން ހަރަކާތްތެރިވެ ނިއްވާލައިފިއެވެ.
މި ހާދިސާގެ ރިޕޯޓް އިއްޔެ 14:10 ހާއިރު އެމްއެންޑީއެފް ނޮދަން އޭރިއާ ކޮމާންޑް، ނައިފަރު ފަޔަރ ސްޓޭޝަނަށް ލިބުމާއެކު، އެ ފަޔަރ ސްޓޭޝަނުގެ ފަޔަރ ފައިޓަރުން ވަނީ އެ ރިސޯޓަށް ގޮސް އަލިފާން ނިއްވުމުގެ މަސައްކަތް ކޮށްފައެވެ. މިގޮތުން، ފަޔަރ ފައިޓަރުން ކުރި މަސައްކަތުން އަލިފާން ނިއްވާލެވުނީ ރޭ 21:00 ހާއިރުއެވެ.
މި ހާދިސާގައި އަލިފާން ރޯވި "ގެދަރިން" އިމާރާތަކީ 3 ފްލޯއަށް ހަދާފައިވާ ތަނެކެވެ. މި އިމާރާތުގައި ރިސޯޓުގެ މުހިންމު ތަންތަން ހިމެނޭއިރު އެ ތަންތަން ވަނީ ބޭނުން ނުކުރެވޭވަރަށް އަނދާފައެވެ.
އަލިފާން ނިއްވުމުގައި ޝިޔާމް ވޯލްޑް އަދި ރަންދެލި ރިސޯޓުން ވަނީ އެހީތެރިކަން ފޯރުކޮށްދީފައެވެ. އަދި މި ހާދިސާގައި އެއްވެސް މީހަކަށް އަނިޔާވިކަމުގެ މަޢުލޫމާތެއް ލިބިފައެއް ނުވެއެވެ.
