logo
banner image

ފީއަލި އަލިފާނުގެ ހާދިސާގައި ލިބުނު ގެއްލުންތަކަށް ސަރުކާރުން ހައްލު ހޯދައިދޭނެ:ވަޒީރު

ފ.ފީއަލި ބަނދަރުގައި އޮތް ތެޔޮ ބޯޓެއްގައި ރޯވެ ހިނގި ހިތާމަވެރި އަލިފާނުގެ ހާދިސާގައި އެރަށު އައިސްޕްލާންޓަށާއި މަސްވެރިކަންކުރާ ބައެއް ދޯނިތަކަށް ލިބުނު ގެއްލުންތައް ބަލާ އެކަމަށް އަވަސް ހައްލެއް ހޯދުމަށް ސަރުކާރުން މަސައްކަތް ކުރަމުން އަންނަ ކަމަށް މަސްވެރިކަމާ ކަނޑުގެ ވަސީލަތްތަކާ ބެހޭ ވަޒީރު އަހުމަދު ޝިޔާމް ވިދާޅުވެއްޖެއެވެ.

މިދިޔަ ބުރާސްފަތި ދުވަހު ހެނދުނު ފ.ފީއަލި ބަނދަރުގައި އޮތް ތެޔޮ ބޯޓެއްގައި ރޯވުމުގެ ސަބަބުން އެ ރަށުގައި މިފްކޯއިން ހިންގަމުން ދިޔަ އައިސްޕްލާންޓާއި ފާނަ މަސްވެރިކަންކުރާ 2 ދޯންޏެއް ވަނި ބޭނުން ނުކުރެވޭ ވަރަށް އަނދާފައެވެ. އަދި އިތުރު ބައެއް އެހެން އުޅަނދުތަކަށްވެސް އެކިވަރުގެ ގެއްލުން ވަނީ ލިބިފައެވެ.

ފ. ފީއަލީގައި ހިނގި އަލިފާނުގެ ހާދިސާއާއި ގުޅިގެން އެރަށުގައި މިފްކޯ އިން ހިންގަމުން ދިޔަ އައިސްޕްލާންޓަށާއި ބައެއް މަސް ދޯނިތަކަށް ލިބުނު ގެއްލުންތައް ބެލުމަށް މިނިސްޓްރީގެ ޓީމެއް ވަނީ އެ ރަށަށް ޒިޔާރަތްކޮށްފައެވެ.

ވަޒީރު އަހުމަދު ޝިޔާމް ވިދާޅުވީ މިކަމުގެ ސަބަބުން ލިބުނު ގެއްލުންތައް ވަރަށް ކައިރިން މި ވުޒާރާއިން ބަލަމުން އަންނަކަމަށެވެ. އަދި އަލިފާނުގެ ހާދިސާގައި ލިބުނު ގެއްލުންތައް ބަލާ އެކަމަށް ހައްލެއް ހޯދުމަށް ސަރުކާރުން މަސައްކަތް ކުރަމުން އަންނަ ކަމަށްވެސް ވަޒީރު އަހުމަދު ޝިޔާމް ވިދާޅުވިއެވެ.