logo
banner image

ކުދިންގެ ދުޅަހެޔޮކަމަށް ގޭތެރެ އުފާވެރި ތަނަކަށްވުން މުހިންމު

ޖިސްމާނީ އަދި ނަފްސާނީ ދުޅަހެޔޮކަން ލިބިގެންވާ، ހަރުދަނާ ކުއްޖެއްގެ ގޮތުގައި ބޮޑުވުމަށްޓަކައި އުފާވެރި އާއިލީ މާހައުލެއްގެ ދައުރު ވަރަށް ބޮޑެވެ. ކޮންމެ ކުއްޖަކަށްވެސް ލޯތްބާއި، އިތުބާރާއި، ރައްކާތެރިކަން އެންމެ ފުރަތަމަ އިހުސާސްކުރެވެނީ ގޭތެރެއިންނެވެ. ކުއްޖާގެ ތަރުބިއްޔަތާއި، ހެދިބޮޑުވުމުގެ ބިންގަލަކަށް ވާނީ ޅަފަތުގެ މަރުހަލާގައި ގޭތެރެއިން ކުރެވޭ ތަޖުރިބާތަކެވެ.

އުފާވެރި އާއިލީ މާހައުލަކީ ހަމައެކަނި މާއްދީ ތަނަވަސްކަމުން ކަށަވަރުކުރެވޭނެ ކަމެއް ނޫނެވެ. އޭގެ ބަދަލުގައި، އުފާވެރިކަމުގެ އަސްލަކީ ގޭތެރޭގެ ގުޅުންތަކުގެ ބަދަހިކަމާއި، ނަފްސާނީ ހަމަޖެހުމުން ލިބޭ އަމާންކަމެވެ. އާއިލާގެ އެންމެން އެކުގައި ކެއުމާއި، ވާހަކަ ދެއްކުމާއި، ކުޅިވަރު ކުޅުމާއި، ވާހަކަ ކިޔައިދިނުމާއި، އަދި އެކި ކަހަލަ މުނިފޫހިފިލުވުމުގެ ހަރަކާތްތަކުގައި ބައިވެރިވުމަކީ އާއިލީ ގުޅުން ބަދަހިވެ، އެކުގައި އުފާވެރި ވަގުތުތަކެއް ހޭދަކުރުމަށް މަގުފަހިވާ ކަމެކެވެ. އާއިލާގެ މެންބަރުން އެކަކު އަނެކަކަށް ކުރާ އިހުތިރާމާއި، ދޭ އެއްބާރުލުމާއި، އަދި މައްސަލަތައް ހައްލުކުރުމުގައި ގެންގުޅޭ ރިވެތި އުސޫލުތައް ފެނުމުން، އެހެން މީހުންނާ މުއާމަލާތްކުރަންވީ ރަނގަޅު ގޮތްތައް ކުދިންނަށް ދަސްވެއެވެ. އިޖުތިމާޢީ ގޮތުން ހުޝިޔާރު ކުދިންނަށް ވުމަށް ފުރުސަތުފަހިވެއެވެ. އެހެން މީހުންނާ މުޢާމަލާތްކުރުމުގައާއި، ދިމާވާ ގޮންޖެހުންތަކުން އަރައިގަންނަން އެފަދަ ކުދިންނަށް ފަސޭހަވެއެވެ. މިފަދަ ބިނާކުރުވަނިވި މާހައުލެއްގައި ބޮޑުވުމުގެ ފުރުސަތު ލިބުމުގެ ނަތީޖާއަކަށް ވާނީ ކުއްޖާއަށް ފާޑުކިޔުން އަމާޒުވާ ހާލަތްތަކުގައިވެސް ޖެހިލުންވުމެއް ނެތި، ދިރިއުޅުމުގެ ތަޖުރިބާތައް ހޯދައި އާ ކަންކަން ދަސްކުރުމުގެ ހިތްވަރު ކުއްޖާގެ ކިބައިގައި އަށަގަތުމެވެ. ކުދިންނާ އެކު ހޭދަކުރެވޭ ވަގުތުތަކުގައި ކުރެވޭ މުއާމަލާތްތަކާއި، ވާހަކަދެއްކުމުގައި ގެންގުޅޭ ރީތި އުސޫލުތަކުގެ އިތުރުން، މައިންބަފައިން ދައްކާ އަމަލީ ނަމޫނާއަކީ ކުއްޖާގެ ޝަޚުޞިއްޔަތު ބައްޓަންކުރުމުގައި އެންމެ މުހިންމު ދައުރު އަދާކުރާ ސިފަތަކެވެ. މައިންބަފައިން ނުވަތަ ބެލެނިވެރިންނަކީ ތެދުވެރި، އަނެކުންގެ އިހުސާސްތައް ދަންނަ، ކެތްތެރި އަދި އިހުތިރާމް ކުރާ ބަޔަކަށް ވެއްޖެނަމަ، ކުދިންގެ ކިބައިގައިވެސް އެ ރީތި ސިފަތައް އަށަގަތުމުގެ ފުރުސަތު ބޮޑުވެގެންދެއެވެ. އިސްލާމީ ރިވެތި އުޞޫލުތަކަށް ބަލާއިރު، އާއިލީ ގުޅުން ބަދަހިކުރުމާއި، ކުޑަކުދިންނަށް އޯގާތެރިވުމަކީ ދީނުގައި ބާރުއަޅުއްވާފައިވާ ކަމެކެވެ. ގޭތެރޭގައި ނަމާދުކުރުމާއި، ޤުރުއާން ކިޔެވުމާއި، ﷲ ހަނދުމަކުރުން ގިނަކުރުމަކީ ގޭތެރެއަށް ބަރަކާތާއި ހިތްހަމަޖެހުން ލިބޭނެ ކަމެކެވެ. މިފަދަ މާހައުލެއްގައި ބޮޑުވާ ކުއްޖާގެ ކިބައިގައި ދީނީ އަޚުލާޤާއި ރިވެތި ސިފަތައް އަށަގަތުން އަވަސްވެއެވެ.

އަސާސީ ބޭނުންތައް ފުއްދައިދިނުމުގެ އިތުރުން، އުފާވެރި މާހައުލެއްގެ ތެރެއިން ކުއްޖާއަށް ރައްކާތެރިކަމާއި، ލޯތްބާއި އަޅާލުމާއި އަދި ކަންކަމުގައި އެހީތެރިކަން ލިބޭނެކަމުގެ ފުރިހަމަ އިތުބާރު ގާއިމުކޮށްދޭންޖެހެއެވެ. ލޯތްބާއި އިތުބާރުގެ މައްޗަށް ބިނާވެފައިވާ މިފަދަ މާހައުލަކީ ހަރުދަނާ ގުޅުންތައް ބިނާކުރުމުގެ ހުނަރާއި، އިޖުތިމާއީ އަދި ފިކުރީ ގާބިލުކަން ތަރައްގީކުރުމަށް މަގުފަހިކޮށްދޭ މުހިންމު ވަސީލަތެކެވެ. މީގެ އިތުރުން އުފާވެރި މާހައުލެއް ހޯދައިދިނުމުން ކުދިންގެ ހިތުގައި އުފެދޭ ބިރުވެރިކަމާއި ނުތަނަވަސްކަން ކުޑަވެ، ކުއްޖާ ބޮޑުވަމުން އަންނައިރު ދިރިއުޅުމުގައި ދިމާވާ ގޮންޖެހުންތަކާ ކުރިމަތިލާން ކެރޭ، މިނިވަންކަމާއެކު ޝުއޫރުތައް ފާޅުކުރަން ކެރޭ، އޯގާތެރި އަދި ނަފްސާނީ ގޮތުން ދުޅަހެޔޮ ފުރިހަމަ ޝަހުސިއްޔަތެއްގެ ގޮތުގައި ބޮޑުވުމަށް މަގުފަހިކޮށްދެއެވެ.

ކުދިންނަކީ ޠަބީއީގޮތުން ކަންކަން ހޯދައި ބަލަން ބޭނުންވާ ބަޔަކަށް ވާއިރު، ގޭތެރޭގައި އެދެވޭ މާހައުލެއް އޮތުމުން އެކުދިންގެ އުފެއްދުންތެރިކަމާއި ކަންކަން އިތުރަށް ހޯދައި ދަސްކުރުމަށް ހިތްވަރު ލިބެއެވެ. ކުދިން އުނގެނޭ ކަންކަމާ މެދު ސުވާލުކޮށް، އިރުޝާދުދީ، އަދި އެކުދިން ހޯދާ ކާމިޔާބީތައް ފާހަގަކޮށް ބެލެނިވެރިން ހިތްވަރުދިނުމުގެ ސަބަބުން، ކުދިންގެ އަމިއްލަ ނަފްސަށް އޮންނަ އިތުބާރު ބޮޑުވެ، އުނގެނުމަށް ޝައުގުވެރިކަން އުފެދެއެވެ. މިފަދަ އެހީތެރިކަމުގެ ސަބަބުން ތައުލީމީ ގޮތުން ކާމިޔާބު ހޯދުމަށާއި، މުޅި އުމުރަށްވެސް އުނގެނުމަށް ލޯބިކުރާ ކުއްޖަކަށް ވުމަށް ބިންގާ އެޅެއެވެ.

މީގެ އިތުރުން، ދިރިއުޅުމުގެ ކަންކަން ވަކި ހަމައަކުން ތަރުތީބުވެފައި ހުރުމަކީ ކުއްޖާގެ ކުރިއެރުމަށް ކޮންމެހެން ބޭނުންތެރި ކަމެކެވެ. ކެއުމާއި، ފިލާވަޅު ދަސްކުރުމާއި، ނިދުން ފަދަ ކަންކަން ކޮންމެ ދުވަހަކުވެސް ވަކި ވަގުތުތަކެއްގައި ގަވާއިދުން ކުރުމުގެ އާދަ ހަރުލެއްވުމުން، ކަންކަން ވާނެގޮތް ކުއްޖާއަށް ދުރާލާ އެނގި، ކުއްޖާގެ އަމިއްލަ ނަފްސުގެ މައްޗަށް އޮންނަ އިތުބާރު ބޮޑުވެއެވެ. މިފަދަ އިންތިޒާމުތަކުގެ ސަބަބުން ނަފްސާނީގޮތުން ކުއްޖާއަށް ތަހައްމަލުކުރަންޖެހޭ ބުރަ ކުޑަވެ، އުނގެނުމާއި ހުނަރުތައް ތަރައްގީކުރުމަށް ސަމާލުކަން ދިނުމަށް ފުރުސަތު ލިބެއެވެ. އަދި މިއީ ކުދިންގެ ކިބައިގައި އަދަބުވެރިކަމާއި، ވަގުތަށް ކަމޭހިތުމާއި، ޒިންމާދާރުކަން ފަދަ ދިރިއުޅުމުގެ މުހިންމު ސިފަތައް އަށަގަންނުވައިދޭ ކަމެކެވެ.

އުފާވެރި އާއިލާއެއްގައި އަދަބުވެރިކަން ބިނާވެފައިވަނީ އަދަބު ދިނުމަށްވުރެ ބޮޑަށް، ރަނގަޅު މަގު ދެއްކުމުގެ މައްޗަށެވެ. ނަތީޖާ ނެރެވޭފަދަ ގޮތެއްގައި ކުދިން އަދަބުވެރިކުރުވުމަކީ، ސާފު އުސޫލުތަކެއް ކަނޑައަޅައި، އެ އުސޫލުތަކުގެ ބޭނުމާއި މުހިންމުކަން ކިޔައިދީ، އަދި ކުއްޖާއަށް ގެއްލުންވުމުގެ ބަދަލުގައި އެއިން ފިލާވަޅެއް ލިބިގަނެވޭނެ ފަދަ ނަތީޖާތަކެއް ކުރިމަތިކުރުވުމެވެ. ކަނޑައެޅިފައިވާ އިމާއި އަމަލުތަކުން ނުކުމެދާނެ ނަތީޖާ ކުދިންނަށް ވިސްނައިދިނުމުން، އެކުދިންގެ ކިބައިގައި ޒިންމާދާރުކަމާއި އަމިއްލަ ނަފްސު ކޮންޓްރޯލްކުރުމުގެ ސިފަ އަށަގަނެއެވެ. މިއާ ހިލާފަށް، ހަރުކަށިކޮށް ނުވަތަ ވަކި ހަމައެއް ނެތް ގޮތަކަށް އަދަބު ދިނުމަކީ ކުދިންގެ ހިތުގައި ބިރުވެރިކަމާއި ނަފްރަތު އުފެދި، އުފާވެރި ގެއަކުން ލިބެންޖެހޭ ރައްކާތެރިކަމުގެ އިހުސާސް ގެއްލިގެންދާނެ ކަމެކެވެ. ހަރުދަނާކަމާއެކު އޯގާތެރިކަން އިސްކޮށްގެން ގެންގުޅޭ ހަމަހަމަ އުސޫލުގެ ސަބަބުން، ކުއްޖާގެ އަމިއްލަ ނަފްސަށް އޮންނަ އިތުބާރު ނުގެއްލި، ހެދޭ ގޯސްތަކުން އިބުރަތް ހާސިލުކުރުމަށް މަގުފަހިވެއެވެ.

ކުއްޖާ ހުރީ އުފަލުގައި ކަމަށް ވިޔަސް، ނުވަތަ މާޔޫސްވެ، ބިރުގަނެ އަދި ދެރަވެފައި ކަމަށް ވިޔަސް، އެ ކުއްޖާގެ އިހުސާސްތައް ބަލައިގަނެ، އެކަމަށް ސަމާލުކަންދޭކަން ކުއްޖާއަށް އެނގެންޖެހެއެވެ. ބެލެނިވެރިން ނުވަތަ ކުދިން ބަލަހައްޓާ ފަރާތްތަކުން ކުލުނާއި ހަމްދަރުދީއާއެކު ކަންކަމުގައި އިޖާބަދޭނަމަ، އަމިއްލަ އިހުސާސްތަކަކީ މުހިންމު އެއްޗެއްކަމާއި، އެކަންކަން ކޮންޓްރޯލް ކުރެވިދާނެކަން ކުދިންނަށް ދަސްވެއެވެ. މީގެ ސަބަބުން ކަންކަމާ ކުރިމަތިލުމުގެ ހުނަރާއި، ނަފްސާނީ ހޭލުންތެރިކަން (އިމޯޝަނަލް އިންޓެލިޖެންސް) އެކުދިންގެ ކިބައިގައި އަށަގަނެއެވެ.

މިއާ ހިލާފަށް، ނަފްސާނީ އެހީތެރިކަން ނުލިބޭނަމަ، ކުއްޖާގެ ކިބައިގައި ނުތަނަވަސްކަމާއި ބިރުވެރިކަން އުފެދި، ބޮޑު މީހަކަށް ވުމުން ވެސް އަމިއްލަ އިހުސާސްތައް ފާޅުކުރަން ދަތިވެއެވެ. އެހެންކަމުން، ކުއްޖާގެ ނަފްސާނީ ދުޅަހެޔޮކަމަށްޓަކައި މިނިވަންކަމާއެކު ވާހަކަދެއްކޭނެ މާހައުލެއް ގާއިމުކުރުމަކީ ނުހަނު ބޭނުންތެރި ކަމެކެވެ.

އުފާވެރި މާހައުލެއް ކުދިންނަށް ކަށަވަރުކޮށްދިނުމަށްޓަކައި ކުދިން ބޮޑުވަމުން އަންނަ ވަރަކަށް އެކުދިންގެ ބޭނުންތަކަށް އަންނަ ބަދަލުތަކަށް ހޭނޭ މާހައުލަކަށް އެކުދިން ދިރިއުޅޭތަން ވުން ވެސް ވަރަށް މުހިންމެވެ. ޅަފަތުގެ ކުއްޖަކަށް ބޭނުންވާ ކަންތައްތަކާއި، ފުރާވަރުގެ ކުއްޖަކަށް ބޭނުންވާ ކަންތައްތައް މުޅިން ތަފާތެވެ. އެހެންކަމުން، ބެލެނިވެރިންނަކީ ކުދިންގެ ބޭނުންތަކަށް ސަމާލުކަންދީ، އެކުދިންގެ ހެދިބޮޑުވުމުގެ ކޮންމެ މަރުހަލާއަކަށް އެކަށީގެންވާ ގޮތަށް އަމަލުތައް ބަދަލުކުރަން ދަންނަ ބަޔަކަށް ވާންޖެހެއެވެ. މިގޮތަށް ކަންކަން ބައްޓަންކުރުމުން، ކުދިން ބޮޑުވަމުން އަންނައިރުވެސް އެކުދިންނަށް ބޭނުންވާ އެހީތެރިކަމާއި އަޅާލުން ލިބޭކަމުގެ އިހުސާސް އަބަދުވެސް ކުރެވޭނެކަން ކަށަވަރުވެއެވެ.