ހުރިހާ އެންމެން ޝާމިލުވާ ފަދަ މުޖުތަމަޢެއް ބިނާކުރެވޭނީ ހޭލުންތެރިކަމާއި، އޯގާތެރިކަމާއި، އަދި ނަތީޖާ ނެރެވޭނެ ފަދަ ހަރުދަނާ ފިޔަވަޅުތަކަކުން: ރައީސް
މުޖުތަމަޢުގެ ހުރިހާ އެންމެން ޝާމިލުވާ ފަދަ މާޙައުލެއް ބިނާކުރުން ފެށެނީ ހޭލުންތެރިކަމާއި، އޯގާތެރިކަމާއި، އަދި ނަތީޖާ ނެރެވޭނެ ފަދަ ހަރުދަނާ ފިޔަވަޅުތަކަކުން ކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ވިދާޅުވެއްޖެއެވެ.
އެމަނިކުފާނު މިހެން ވިދާޅުވީ ދުނިޔޭގެ އޯޓިޒަމްއަށް ހޭލުންތެރިކަމުގެ ދުވަހާ ގުޅިގެން 'އެކްސް' ގައި ކުރެއްވި ޕޯސްޓެއްގައެވެ.
ރައީސުލްޖުމްހޫރިއްޔާގެ ޕޯސްޓުގައި ފާހަގަކުރެއްވި ގޮތުގައި، އޯޓިޒަމް ހުންނަ ފަރާތްތަކަކީ މުޖުތަމަޢުގައި ނުހަނު މުހިންމު ބައެކެވެ. އަދި ކޮންމެ މީހަކީވެސް އެމީހަކަށް ބޭނުންވާ އެހީތެރިކަމާއި، އިޙްތިރާމާއި، އަދި އުނގެނުމާއި ކުރިއެރުމުގެ އިތުރުން މުޖުތަމަޢުގައި ބައިވެރިވެ، އަމިއްލަ މަސައްކަތުން އުޅުމުގެ ހަމަހަމަ ފުރުޞަތުތައް ލިބެންޖެހޭ ފަރާތެއްކަން އެމަނިކުފާނު ފާހަގަކުރެއްވިއެވެ. މިފަދަ މަސައްކަތްތަކުގެ ސަބަބުން ޤައުމުގެ އިޖުތިމާޢީ ދުޅަހެޔޮކަން ވަރުގަދަވާނެކަން ފާހަގަކުރައްވައި، ރާއްޖޭގެ އެކި ކަންކޮޅުތަކުގައި ތިބި އޯޓިޒަމް ހުންނަ ފަރާތްތަކާއި އެފަރާތްތަކުގެ އާއިލާތަކާއެކު ދިވެހި ސަރުކާރު ދެމިއޮންނާނެ ކަމުގެ ޔަޤީންކަން އެމަނިކުފާނު ދެއްވިއެވެ.
މީގެ އިތުރުން، އޯޓިޒަމް ހުންނަ ފަރާތްތަކަށް ޚާއްޞަކޮށްގެން ސްކޫލްތަކުގައި ހިންގާ އިންކްލޫސިވް އެޑިއުކޭޝަން ނިޒާމު ހަރުދަނާކުރުމަށާއި، ފަންނީ ތަމްރީނުތައް ފުޅާކުރުމުގެ އިތުރުން، އެފަދަ ފަރާތްތަކަށް ދިމާވާ ގޮންޖެހުންތަކަށް ޙައްލު ހޯދައިދިނުމަށް ސަރުކާރުން މުހިންމު ފިޔަވަޅުތަކެއް އަޅަމުންދާކަން ރައީސުލްޖުމްހޫރިއްޔާ ފާހަގަކުރެއްވިއެވެ.
ރައީސުލްޖުމްހޫރިއްޔާގެ މެސެޖު ނިންމަވާލެއްވީ، ކޮންމެ މީހަކީވެސް ޤަދަރުވެރިކަމާއި، އިޙްތިރާމާއި، އަދި މުޖުތަމަޢުގައި މާނަހުރި ދިރިއުޅުމެއް އުޅުމުގެ ފުރުޞަތު އޮތް މީހަކަށް ހެދުމަށްޓަކައި، ހަމަހަމަކަމާއެކު އެންމެން ގުޅިގެން މަސައްކަތް ކުރުމަށް އިލްތިމާސްކުރައްވަމުންނެވެ.
