logo
banner image

ދުނިޔޭގެ އޯޓިޒަމްއަށް ހޭލުންތެރިކުރުމުގެ ދުވަސް: ޝާމިލުކުރަނިވި މުޖުތަމަޢަކަށް އެންމެން އެކުގައި

އދ. ގެ ޢާންމު މަޖިލީހުން ކަނޑައަޅާފައިވާ ގޮތުގައި ކޮންމެ އަހަރެއްގެ އެޕްރީލް މަހުގެ 2 ވަނަ ދުވަހަކީ ދުނިޔޭގެ އޯޓިޒަމް ހޭލުންތެރިކަމުގެ ދުވަހެވެ. މި ދުވަސް ފާހަގަކުރުމުގެ އެންމެ ބޮޑު މަޤްޞަދަކީ އޯޓިޒަމް ނުވަތަ އޯޓިޒަމް ސްޕެކްޓްރަމް ޑިސްއޯޑަރއާ މެދު މުޖުތަމަޢު ހޭލުންތެރިކުރުވައި، އޯޓިޒަމް ހުންނަ ފަރާތްތަކަށް އިޙުތިރާމާއި ލޯތްބާއެކު އުޅެވޭނެ ޝާމިލުކުރަނިވި އަމާން މުޖުތަމަޢެއް ބިނާކުރުމެވެ.

މި އަހަރުގެ އޯޓިޒަމް ދުވަސް ފާހަގަކުރުމަށް ހަމަޖެހިފައިވަނީ، "Autism and Humanity – Every life has value" ނުވަތަ "އޯޓިޒަމް އާއި އިންސާނިއްޔަތުކަން – ކޮންމެ ފަރުދަކީވެސް އަގުހުރި ފަރާތެއް"، މި ޝިއާރުގެ ދަށުންނެވެ. މި ޝިއާރުން ބާރުއަޅަނީ އޯޓިޒަމް ހުންނަ ކޮންމެ ފަރުދަކީވެސް މުޖުތަމަޢުގެ މުހިންމު ބައެއް ކަމާއި، އެމީހުންގެ އިންސާނީ ކަރާމާތާއި އަގު ވަޒަންކުރުމުގެ މުހިންމުކަމުގެ މައްޗަށެވެ.

އޯޓިޒަމް ނުވަތަ އޯޓިޒަމް ސްޕެކްޓްރަމް ޑިސްއޯޑާ (އޭޑީއެސްޑީ) އަކީ ކުއްޖާގެ ހެދިބޮޑުވުމުގައި ހުންނަ ނުކުޅެދުންތެރިކަމެކެވެ. ކުއްޖާގެ އުމުރުން ފުރަތަމަ ތިން އަހަރު ތެރޭގައި އޯޓިޒަމްގެ އަލާމާތްތައް ފާޅުވާން ފަށައެވެ. އޭގެ ސަބަބުން އެކުދިން ވާހަކަ ދެއްކުމާއި މުވާޞަލާތު ކުރުމާއި، އިޖުތިމާޢީ ގުޅުންތައް ބޭއްވުމުގައި އެހެން މީހުންނާއި ތަފާތުވެއެވެ. މިއީ ބައްޔެއް ނޫނެވެ.

އޯޓިޒަމް ހުންނަ ފަރާތްތަކަކީ މުޖުތަމަޢުގެ އެހެން މީހުންނެކޭ އެއްފަދައިން ތަފާތު ހުނަރުތަކާއި ޤާބިލިއްޔަތުކަން ލިބިފައިވާ ފަރާތްތަކެވެ. ގިނަ ފަހަރަށް އޯޓިޒަމް ހުންނަ ފަރާތްތަކަކީ ވަކިވަކި ކަންކަމަށް ފުންކޮށް ވިސްނުމާއި، ކުރެހުމާއި، މިއުޒިކާއި، ހިސާބު އަދި އަޅުގަނޑުމެންގެ ދިވެހި މުޖުތަމަޢަށް އެކަނި ބެލިކަމުގައިވީ ނަމަވެސް ދީނީ ކަންކަމުގައި އާދަޔާޚިލާފު ހުނަރުތަކެއް ލިބިފައިވާ ފަރާތްތަކެކެވެ.

ދިރާސާތަކުން ދައްކާގޮތުގައި، ކުޑަކުދިންގެ ކިބައިގައި ހުންނަ އޯޓިޒަމްގެ އަލާމާތްތައް ކުރިއާލާ ދެނެގަނެވި، ތަޢުލީމީ ނިޒާމުގެ ތެރެއިންނާއި ޢާއިލާ އަދި މުޖުތަމަޢުގެ ފަރާތުން ލޯތްބާއި އަޅާލުން ލިބިއްޖެނަމަ، އެފަދަ ކުދިންގެ ޞިއްޙަތާއި ދުޅަހެޔޮކަން އިތުރުވެ، މުޖުތަމަޢުގައި އެފަރާތްތަކުގެ ދައުރު ފުޅާވެގެންދެއެވެ.

ޝާމިލުކުރަނިވި މުޖުތަމަޢެއް ބިނާކުރުމަށް އޯޓިޒަމް ހުންނަ ފަރާތްތަކުގެ ދައުރު ފާހަގަކުރުމަކީ ނުހަނު މުހިންމު ކަމެކެވެ. އެ ފަރާތްތަކުގެ ހުނަރުތައް އިތުރަށް ކުރިއެރުވުމަށް ބޭނުންވާ އެހީތެރިކަމާއި ފުރުޞަތުތައް ފަހިކޮށްދީފިނަމަ، މުޖުތަމަޢުގެ ތަރައްޤީގައި އެ ފަރާތްތަކަށްވެސް މުހިންމު ޚިދުމަތްތަކެއް އަދާކުރެވިދާނެއެވެ. ވަޒީފާގެ މައިދާނުގައްޔާއި ތަޢުލީމީ ދާއިރާގައި އެ ފަރާތްތަކަށް ހަމަހަމަ ފުރުޞަތުތަކެއް ފަހިކޮށްދިނުމަކީ، އެމީހުންގެ އަމިއްލަ ނަފްސަށް އޮންނަ އިތުބާރު ބޮޑުވެ، ޢާންމު ދިރިއުޅުމުގެ ކަންކަން އިތުރަށް ހަރުދަނާވެ، މުޖުތަމަޢުގައި ބޭނުންތެރި ބަޔަކަށް ވުމަށް މަގުފަހިވާނެ ކަމެކެވެ.

އޯޓިޒިމް އަކީ ކޮބާކަން ދެނެގަނެ، އޯޓިޒަމް ހުންނަ ފަރާތްތައް ބާރުވެރިކުރުމުގެ މަސައްކަތުގައި މުޖުތަމަޢުގެ ހުރިހާ ފަރާތްތަކުން ގުޅިގެން މަސައްކަތްކުރުމަކީ އޯޓިޒަމް ހުންނަ ފަރުދުންނާއި ޢާއިލާތަކުގެ ކުރިއެރުމަށާއި ދުޅަހެޔޮކަމަށް ކޮންމެހެން ބޭނުންތެރި ކަމެކެވެ. އޯޓިޒަމް ހުންނަ ކުދިންގެ ބެލެނިވެރިންނާއި ޢާއިލާތަކުން އުފުލާ ބުރަ އިޙްސާސްކޮށް، އެފަރާތްތަކަށް ބޭނުންވާ ނަފްސާނީ އަދި އިޖުތިމާޢީ އެއްބާރުލުން ފޯރުކޮށްދިނުމަކީ އޯޓިޒަމް ހުންނަ ފަރާތްތަކާއި އެ ފަރާތްތަކުގެ ޢާއިލާތަކަށް ލިބޭނެ އެންމެ ބޮޑު ހިތްވަރާއި ހިތްހަމަޖެހުމެވެ.

އޯޓިޒަމް ހުންނަ ކޮންމެ ފަރާތަކީވެސް މުޖުތަމަޢަށް ބޭނުންތެރި މީހެކެވެ. އަޅުގަނޑުމެންގެ އަމާޒަކަށް ވާންވީ އެއްވެސް މީހަކު ބާކީނުކޮށް، އެންމެންނަށް ހަމަހަމަ ފުރުޞަތުތައް އޮތް، ޝާމިލުކުރަނިވި އޯގާތެރި މުޖުތަމަޢެއް ބިނާކުރުމެވެ.