2026 ވަނަ އަހަރުގެ މަތީ ތަޢުލީމާއި ތަމްރީނު ހޯދަން ދޭ ލޯނަށް އެދުމުގެ ފުރުޞަތު ހުޅުވާލައިފި
ރާއްޖެއާއި ރާއްޖެއިން ބޭރުން މަތީތަޢުލީމާއި ތަމްރީނު ހޯދުމަށް ލޯނަށް އެދި ހުށަހެޅުމުގެ ފުރުޞަތުތައް މިއަދު (01 އޭޕްރީލު 2026) ގައި އެވަނީ ހުޅުވާލައި އިޢުލާންކޮށްފައެވެ.
މި ސްކީމްގެ ދަށުން، ދިވެހިރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ފެންވަރު 5 ން ފެށިގެން ފެންވަރު 10 ގެ ނިޔަލަށް ހުރި ޕުރޮގުރާމްތަކެވެ. އަދި، އޭގެ އިތުރަށް ޕްރޮފެޝަނަލް ލައިސަންސް ޕުރޮގުރާމުތަކާއި، މެޑިކަލް ސްޕެޝަލައިޒޭޝަނާއި، މެޑިކަލް ދާއިރާ ފެލޯޝިޕް ޕުރޮގުރާމުތައް ފުރިހަމަކުރުމަށް ލޯނުގެ ފުރުޞަތުތައް ވަނީ ހުޅުވާލާފައިވެއެވެ.
ރާއްޖެއާއި ރާއްޖެއިން ބޭރުން މަތީތަޢުލީމާއި ތަމްރީނު ހޯދުމަށް ލޯނަށް އެދި ހުށަހެޅުމުގެ ފުރުޞަތު ހުޅުވާލުމަށް ބޭއްވުނު ރަސްމިއްޔާތުގައި، މަތީ ތަޢުލީމާއި މަސައްކަތްތެރިކަމާއި ހުނަރުތައް ތަރައްޤީކުރުމާއި ބެހޭ ވުޒާރާގެ ވަޒީރު، ޑރ. ޢަލީ ޙައިދަރު އަޙްމަދު ވަނީ ޚިތާބުދެއްވަވައިފައެވެ. އެމަނިކުފާނު ވަނީ މި އަހަރުގެ ލޯނު ސްކީމަށް އެޕްލިކޭޝަން ހުށަހެޅުމުގެ ސުންގަޑިއެއް ނެތި މުޅި އަހަރަށް ފުރުޞަތުތައް ހުޅުވާލެވިފައިވާކަން ފާހަގަކުރައްވައިފައެވެ. ވަޒީރު އިތުރަށް ވިދާޅުވީ ޝަރުޠު ހަމަވާ ހުރިހާ ދަރިވަރުންނަށް ލޯނު ލިބޭނެ ފުރުޞަތު ޤާއިމުކުރެވިގެންދާނެކަމަށެވެ.
މި ސްކީމްގެ ދަށުން ދަރިވަރުންނަށް ދޫކުރާ ލޯނުތަކަށް ފާއިތުވީ އަހަރުތަކުގައި އިތުރުކުރަމުން ގެންދިޔަ، އެޑްމިނިސްޓްރޭޓިވް ޗާޖު ނުވަތަ ކޮމިޝަން އެއްކޮށް ކަނޑުއްވާލައްވައި،"ޝަރީޢާ ކޮންޕްލައަންޓް" ލޯނުތަކެއް ދޫކުރުމަށް ވަނީ ހަމަޖެހިފައެވެ. އެގޮތުން، ދަރިވަރުންނަށް ލޯނުގެ ގޮތުގައި ދޫކުރާ ފައިސާގެ އިތުރުން އެއްވެސް ފައިސާއެއް ދައްކަން ނުޖެހޭނެ އިންތިޒާމެއް ވަނީ ޤާއިމްކުރެވިފައެވެ.
