ޝާމިލް ލޯގޯ ބޭނުންކުރުމަށް އެދި ހުށަހެޅުމަށް ހުޅުވާލައިފި
ނުކުޅެދުންތެރިކަން ހުންނަ ފަރާތްތަކުގެ އަމިއްލަ އުފެއްދުމެއްކަން އަންގައިދޭ ލޯގޯ، "ޝާމިލް ލޯގޯ" ބޭނުންކުރުމަށް އެދި ހުށަހެޅުމަށް ހުޅުވާލައިފިއެވެ.
ޝާމިލް ލޯގޯއަކީ ނުކުޅެދުންތެރިކަން ހުންނަ ފަރާތްތަކުގެ އުފެއްދުންތައް މާކެޓުކުރުމަށް އިޖުތިމާޢީ އަދި ޢާއިލީ ތަރައްޤީއާ ބެހޭ ވުޒާރާއާއި، ބިޒްނަސް ސެންޓަރ ކޯޕަރޭޝަން (ބީސީސީ) އާ ގުޅިގެން ކުރިއަށް ގެންދެވުނު އިސްނެންގެވުމުގެ ދަށުން އެފަރާތްތަކުގެ އުފެއްފުންތަކުގައި ބޭނުންކުރުމަށް ޚާއްސަކުރެވޭ ލޯގޯއެކެވެ. މި ލޯގޯގެ މައިގަނޑު މަޤްޞަދަކީ ދިވެހިރާއްޖޭގައި ނުކުޅެދުންތެރިކަން ހުންނަ ފަރާތްތަކުގެ ހުނަރާއި، އުފެއްދުންތެރިކަމާއި، ކަންކަމުގައި އެފަރާތްތަކުގެ ހިއްސާ ރަމްޒުކޮށްދޭ "ބްރޭންޑް އައިޑެންޓިޓީއެއް" ޤާއިމްކުރުމެވެ. ހަމައެހެންމެ، މި ލޯގޯއަކީ، ނުކުޅެދުންތެރިކަން ހުންނަ ފަރާތްތަކުން ހިންގާ ކުދި ވިޔަފާރިތަކަށް އެހީތެރިވެދޭ، އެފަރާތްތައް މުޖުތަމަޢުގައި ޝާމިލުކޮށް، ބާރުވެރިކުރުވާ ޤައުމީ ނިޝާނަކަށް ވެގެންދާނެއެވެ.
މީގެ އިތުރުން، މި ލޯގޯގެ މަޤްޞަދުތަކުގެ ތެރޭގައި ނުކުޅެދުންތެރިކަން ހުންނަ ފަރާތްތަކުގެ އުފެއްދުންތައް މާކެޓްކުރާނެ މަންސައެއް ޤާއިމުކުރުމާއި، އެފަރާތްތަކުގެ އުފެއްދުންތެރި މަސައްކަތްތަކާ މެދު އާންމުންގެ މެދުގައި މަޤުބޫލުކަން އިތުރުކުރުން ހިމެނެއެވެ. އުންމީދަކީ، ނުކުޅެދުންތެރިކަން ހުންނަ ފަރާތްތަކުގެ އުފެއްދުންތަކުގައި މި ޚާއްޞަ ލޯގޯ ބޭނުންކުރުމުން، އެފަރާތްތަކުގެ ވިޔަފާރިތައް ކުރިއަރައި، މުޖުތަމަޢުގައި އެފަރާތްތައް އިތުރަށް ބާރުވެރިވެގެން ދިއުމެވެ.
މި ލޯގޯއަށް އެދި ހުށަހެޅުމުގައި އެ ފަރާތެއްގެ އުފެއްދުމަކީ އަމިއްލަ އުފެއްދުމެއްކަމުގައި ބަލާ މިންގަނޑުގެ ތެރޭގައި އެ ތަކެތި އުފެއްދުމަށް ބޭނުންކުރާ ތަކެތި ނުވަތަ ސާމާނުގެ 30 (ތިރީސް) އިންސައްތަ ވާންވާނީ ރާއްޖޭގައި އުފައްދާފައިވާ ނުވަތަ ރާއްޖެއިން ލިބެން ހުރި ތަކެތި ކަމުގައި ވާންވާނެއެވެ.
ޝާމިލް ލޯގޯއަށް އެދި ހުށަހަޅާ ފޯމު ބިޒްނަސް ސެންޓަރ ކޯޕަރޭޝަންގެ ވެބްސައިޓުން ޑައުންލޯޑްކޮށްލެވޭނެއެވެ. އަދި ފޯމު ފުރިހަމަކުރުމަށްފަހު، ބީސީސީއިން މިކަމަށް ކަނޑައަޅާފައިވާ މެއިލް އެޑްރެސް [email protected] އަށް ނުވަތަ އެ އޮފީހަށް ހާޒިރުވެ ފޯމު ހުށަހެޅޭނެވެ.
މި މަސައްކަތަކީ ނުކުޅެދުންތެރިކަން ހުންނަ ފަރާތްތަކަށް ކުރިއެރުން ލިބޭނެ، ޝާމިލު އިޤްތިޞާދެއް ބިނާކުރުމަށް އެޅޭ މުހިންމު ފިޔަވަޅެކެވެ.
އެޕްލިކޭޝަނާއި ގުޅޭ ފޯމުތައް
އެލިޖިބިލިޓީ ގައިޑްލައިން https://www.bcc.mv/downloads/Policies/Shamil%20Logo%20Eligibility%20Guideline.pdf
އެޕްލިކޭޝަން ފޯމް - ދިވެހި https://www.bcc.mv/downloads/Forms/Application%20form_Shamil%20Logo%20Dhivehi.pdf
އެޕްލިކޭޝަން ފޯމް - އިނގިރޭސި https://www.bcc.mv/downloads/Forms/Application%20form_Shamil%20Logo%20English.pdf
ޝާމިލް ލޯގޯ ބޭނުންކުރަންވާ ގޮތުގެ ގައިޑްލައިން https://www.bcc.mv/downloads/Policies/Shamil%20Logo%20Usage%20Guide.pdf
