ދައުލަތުގެ ހަރަދުތައް ކުޑަކުރުމަށް ގިނަ މަސައްކަތްތަކެއް ކުރަމުންދާއިރު، ދަތުރުތައް ވަނީ ފަސްކޮށްފައި: މާލީ ވަޒީރު
މެދުއިރުމަތީގައި ހިނގަމުންދާ ހަނގުރާމައިގެ ސަބަބުން ރާއްޖޭގެ އިޤްތިޞާދަށާއި ދައުލަތުގެ ކޭޝް ފްލޯއަށް ބަދަލުތަކެއް އަންނަމުންދާތީ، ސަރުކާރުގެ ހަރަދުތައް ކުޑަކުރުމަށް މިހާރުވެސް ފިޔަވަޅުތަކެއް އަޅަމުންދާކަން މާލީ ކަންކަމާއި ތަރައްޤީގެ ރޭވުންތެރިކަމާ ބެހޭ ވަޒީރު މޫސާ ޒަމީރު ހާމަކުރައްވައިފިއެވެ.
ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ވާހަކަފުޅުދައްކަވަމުން ވަޒީރު ވިދާޅުވީ، ރަސްމީކޮށް އިއުލާނު ނުކުރި ނަމަވެސް ދައުލަތުގެ ހަރަދުތައް ކުޑަކުރުމަށް ގިނަ މަސައްކަތްތަކެއް މިހާރުވެސް ކުރަމުންދާ ކަމަށެވެ. އެގޮތުން، ކޮންމެހެން ކުރަންޖެހޭ ދަތުރުތައް ފިޔަވައި ރާއްޖެއިން ބޭރަށް ކުރާ އެހެނިހެން ހުރިހާ ދަތުރުތަކެއް މިހާރު މެދުކަނޑާލާފައިވާ ކަމަށް ވަޒީރު ވިދާޅުވިއެވެ.
މިކަމުގެ ތަފްސީލް ދެއްވަމުން ވަޒީރު ވިދާޅުވީ، ޚާރިޖީ ވުޒާރާއިން ކުރަންޖެހޭ ޑިޕްލޮމެޓިކް ދަތުރުތައް ކުރިއަށްދިޔަ ނަމަވެސް، އެހެން މިނިސްޓްރީތަކާއި މުއައްސަސާތަކުގެ ދަތުރުތައް ވަނީ މަޑުޖައްސާލާފައެވެ. އެގޮތުން، އަބޫދާބީ ފަންޑް ފޯ ޑިވެލޮޕްމަންޓް (އޭ.ޑީ.އެފް.ޑީ) އިން ނަގާފައިވާ 100 މިލިއަން ޑޮލަރު ދެއްކުން ފަސްކުރުމުގެ އެއްބަސްވުމުގައި ސޮއިކުރެއްވުމަށް ޔޫއޭއީއަށް ވަޑައިގަތުމަށް ކުރިން ހަމަޖެހިފައި އޮތް ނަމަވެސް، ހަރަދު ކުޑަކުރުމުގެ ގޮތުން އެ ދަތުރުވެސް މިހާރު ފަސްކުރައްވާފައިވާ ކަމަށް ވަޒީރު ފާހަގަކުރެއްވިއެވެ.
މީގެ އިތުރުން، ސަރުކާރާއި ސަރުކާރު ހިއްސާވާ ކުންފުނިތަކުން އަމިއްލަ ވިޔަފާރިތަކަށް ދައްކަންޖެހޭ ފައިސާގެ މައްސަލައަށް އަލިއަޅުއްވާލައްވަމުން ވަޒީރު ވިދާޅުވީ، ނުދައްކައި ހުރި ފައިސާގެ ބޮޑު ބައެއް މިހާރު ދައްކައި ހަލާސްކޮށްފައިވާ ކަމަށެވެ. ނަމަވެސް، ބައެއް ބިލްތަކަކީ ހަވާލުކުރަން ނުޖެހޭ ފައިސާ ކަމަށް އޮޑިޓާ ޖެނެރަލް ލަފާދެއްވާފައިވާތީ، އެފަދަ ބިލްތަކަށް ފައިސާ ދޫކުރުން މަޑުޖައްސާލާފައިވާ ކަމަށް ވަޒީރު ވިދާޅުވިއެވެ.
"އަޅުގަނޑުމެން ބައެއް ކުންފުނިތަކަށް ފައިސާ ހަވާލުކޮށްގެން ދޫކުރިން، ދޫކޮށްފައި އެކަަމަކު އޮޑިޓާ ޖެނެރަލްގެ ލަފައާއި، އިންޓާނަލް އޮޑިޓުން ފާހަގަކުރެވިފައި ހުރި މައްސަލަތައް ހައްލުކޮށް އަލުން ޕްރެޒެންޓުކުރަންވެސް މިހާރު ހުންނާނީ ކުންފުނިތަކަށް އަންގާފައި،" ވަޒީރު ވިދާޅުވިއެވެ.
ވަޒީރު ވިދާޅުވީ، ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެފައިވާ ފަދައިން، އަމިއްލަ ވިޔަފާރިތަކަށް ދޭންޖެހޭ ފައިސާ ދޫކުރުމަކީ ސަރުކާރުގެ އިސްކަމެއް ކަމަށެވެ. އަދި މައްސަލަ ހުރި ބިލުތަކުގެ ކަންކަން ހައްލުކުރުމަށްފަހު، އެ ފައިސާ ދެއްކުމުގެ މަސައްކަތް ހުއްޓުމެއް ނެތި ކުރިއަށްދާނެ ކަމުގެ ޔަގީންކަން ވަޒީރު ދެއްވިއެވެ.
