logo
banner image

އަމިއްލަ ވިޔަފާރިތަކަށް ފައިސާ ދެއްކުމަށް ސަރުކާރުން އިސްކަންދޭއިރު، ބޮޑު ބައެއް ދައްކައި ހަލާސްކޮށްފިން: މާލީ ވަޒީރު

ސަރުކާރާއި ސަރުކާރު ހިއްސާވާ ކުންފުނިތަކުން އަމިއްލަ ވިޔަފާރިތަކަށް ދައްކަންޖެހޭ ފައިސާގެ ބޮޑު ބައެއް މިހާރު ދައްކައި ހަލާސްކޮށްފައިވާ ކަމަށް މާލީ ކަންކަމާއި ތަރައްޤީގެ ރޭވުންތެރިކަމާ ބެހޭ ވަޒީރު މޫސާ ޒަމީރު ވިދާޅުވެއްޖެއެވެ.

ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ވާހަކަފުޅުދައްކަވަމުން ވަޒީރު ވިދާޅުވީ، އަމިއްލަ ފަރާތްތަކަށް ދައްކަންޖެހޭ ފައިސާ ދޫކުރުމުގެ މަސައްކަތް ވަރަށް ހަލުވިކަމާއެކު ކުރިއަށްދާ ކަމަށެވެ. ނަމަވެސް، ބައެއް ބިލްތަކަކީ ހަވާލުކުރަން ނުޖެހޭ ފައިސާ ކަމަށް އޮޑިޓާ ޖެނެރަލް ލަފާދެއްވާފައިވާތީ، އެފަދަ ބިލްތަކަށް ފައިސާ ދޫކުރުން މިވަގުތަށް މަޑުޖައްސާލާފައިވާ ކަމަށް ވަޒީރު ފާހަގަކުރެއްވިއެވެ.

"އަޅުގަނޑުމެން ބައެއް ކުންފުނިތަކަށް ފައިސާ ހަވާލުކޮށްގެން ދޫކުރިން. ދޫކޮށްފައި އެކަމަކު އޮޑިޓާ ޖެނެރަލްގެ ލަފައާއި، އިންޓާނަލް އޮޑިޓުން ފާހަގަކުރެވިފައި ހުރި މައްސަލަތައް ހައްލުކޮށް އަލުން ޕްރެޒެންޓުކުރަންވެސް މިހާރު ހުންނާނީ ކުންފުނިތަކަށް އަންގާފައި،" ވަޒީރު ވިދާޅުވިއެވެ.

މާލީ ވަޒީރު އިތުރަށް ވިދާޅުވީ، ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒުގެ ސިޔާސަތަކީ އަމިއްލަ ވިޔަފާރިތަކަށް ދޭންޖެހޭ ފައިސާ ވީހާވެސް އަވަހަކަށް ދޫކޮށް ނިންމުން ކަމަށެވެ. އެގޮތުން، އަމިއްލަ ވިޔަފާރިތަކަށް ފައިސާ ދޫކުރުމަކީ މި ސަރުކާރުން ވަރަށް ބޮޑު އިސްކަމެއް ދޭ ކަމެއް ކަމުގައިވެސް ވަޒީރު ވިދާޅުވިއެވެ.

މާލީ ވަޒީރު ވަނީ މައްސަލަ ހުރި ބިލުތަކުގެ ކަންކަން ހައްލުކުރުމަށްފަހު، އެ ފައިސާ ދެއްކުމުގެ މަސައްކަތް ހުއްޓުމެއް ނެތި ކުރިއަށްދާނެ ކަމުގެ ޔަގީންކަން ވިޔަފާރިވެރިންނަށް ދެއްވާފައެވެ.