logo
banner image

އެމްޕަވަރމެންޓް ހަބްގެ މަސައްކަތް ކުރިއަށް އޮތް 6 މަސްތެރޭގައި ނިމޭނެ: ވަޒީރު ޑރ. ޢާއިޝަތު ޝިހާމް

ނުކުޅެދުންތެރިކަން ހުންނަ ފަރާތްތަކަށް ޚާއްޞަކޮށްގެން ގާއިމުކުރާ "އެމްޕަވަރމެންޓް ހަބް" އިމާރާތްކުރުމުގެ މަސައްކަތް ކުރިއަށް އޮތް 6 މަސްދުވަހުގެ ތެރޭގައި ނިމިގެންދާނެ ކަމުގައި އިޖުތިމާޢި އަދި ޢާއިލީ ތަރައްޤީއާ ބެހޭ ވަޒީރު ޑރ. އާއިޝަތު ޝިހާމް ވިދާޅުވެއްޖެއެވެ.

ވަޒީރު މިފައިން ވިދާލުވެފައިވަނީ ރައީސް އޮފީހުގައި ކުރިއަށް ގެންދިޔަ ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަފުޅުދައްކަވަމުންނެވެ. އެގޮތުން، މި ހަބަކީ ނުކުޅެދުންތެރިކަން ހުންނަ ފަރާތްތަކަށް މަސައްކަތް ދަސްކުރުމުގެ ފުރުސަތުތައް ފަހިކޮށްދިނުމަށާއި، އެ ފަރާތްތަކުގެ ހާލަތު ރަނގަޅުކުރުމަށް މަސައްކަތްކުރާ ޖަމިއްޔާތަކާއި ވެސް ގުޅިގެން މަސައްކަތް ކުރެވޭނެ ފަދަ މާހައުލެއް ގާއިމުކުރުމަށް ކުރިއަށްގެންދާ މުހިންމު މަޝްރޫއެއް ކަމުގައި ވަޒީރު ވަނީ ފާހަގަކުރައްވާފައެވެ.

ނުކުޅެދުންތެރިކަން ހުންނަ ފަރާތްތަކަށް އަމާޒުކުރެވިގެން ގާއިމުކުރެވޭ މި ހަބްގެ ސަބަބުން، ރަސްމީ ތަޢުލީމު ނިންމުމަށްފަހު މުޖުތަމަޢުއަށް ނިކުންނަ ނުކުޅެދުންތެރިކަން ހުންނަ ފަރާތްތަކުގެ ހުނަރު ތަރައްޤީކުރުމާއި، މަސައްކަތުގެ ތަޖުރިބާއާއި، އިޤްތިޞާދީގޮތުން ފުދުންތެރި ބަޔަކަށް ވުމަށް މަގުފަހިކޮށްދޭނެ ފުރުޞަތުތައް ހޯދައިދެވިގެންދާނެއެވެ. މީގެ އިތުރުން މިނިވަންކަމާއެކީ، އެފަރާތްތަކަށް މާނަހުރިގޮތެއްގައި މުޖުތަމަޢުގައި ބައިވެރިވާނެ ފުރުޞަތުތައްވެސް ލިބިގެންދާނެއެވެ.

މި ޕްރޮޖެކްޓަކީ މި ވުޒާރާއާއި ފަހި ދިރިއުޅުން ކޯޕަރޭޝަނާ ގުޅިގެން، ދިވެހިރާއްޖޭގެ ޒަކާތު ހައުސްގެ އެހީތެރިކަމާއެކު ކުރިއަށް ގެންދެވޭ މަޝްރޫޢެކެވެ.