ނުކުޅެދުންތެރިކަން ހުންނަ މީހުންގެ ޙައްޤުތައް ހިމާޔަތްކުރާ ކައުންސިލުން ނެރޭ ނޫސްބަޔާން
2026 މާރިޗު 28 ވަނަ ދުވަހުގެ ރޭ "ފަހިފެހި ތިނަދޫ ސިޓީ މެނިފެސްޓޯ އިފްތިތާހްކުރުން" ނަމުގައި ކުރިއަށް ގެންދެވުނު ޖަލްސާގައި، ސިޔާސީ ޕާޓީއެއްގެ އިސްބޭފުޅަކު، ފެނުމުގެ ނުކުޅެދުންތެރިކަން ހުންނަ ބޭފުޅުންގެ ކަރާމާތަށް އުނިކަން ލިބޭފަދަ އަދި އެބޭފުޅުންނަށް މަލާމާތް ރައްދުވާފަދަ ބަހުރުވައަކުން ވާހަކަ ދައްކާފައިވާތީ، ޤާނޫނު ނަމްބަރު 2010/08 (ނުކުޅެދުންތެރިކަން ހުންނަ މީހުންގެ ޙައްޤުތައް ރައްކާތެރިކުރުމާއި، މާލީ އެހީތެރިކަން ފޯރުކޮށްދިނުމުގެ ޤާނޫނު) ގެ ދަށުން އެކުލަވާލެވިފައިވާ، ނުކުޅެދުންތެރިކަން ހުންނަ މީހުންގެ ޙައްޤުތައް ހިމާޔަތްކުރާ ކައުންސިލް" އިން، އެކަން އެންމެ ހަރުހަށި އިބާރާތުން ކުށްވެރިކުރަމެވެ.
ނުކުޅެދުންތެރިކަން ހުންނަ ފަރާތްތަކަކީ ދިވެހިރާއްޖެ ބައިވެރިވެފައިވާ އެންމެހާ ބައިނަލްއަޤުވާމީ މުޢާހަދާތަކުންނާއި، ދިވެހިރާއްޖޭގެ ޖުމްހޫރިއްޔާގެ ޤާނޫނުއަސާސީގެ 35 ވަނަ މާއްދާއިން ޚާއްޞަ ރައްކާތެރިކަން ލިބިގެންވާ ފަރާތްތަކެކެވެ. އަދި ޤާނޫނު ނަމްބަރު 2010/08 (ނުކުޅެދުންތެރިކަން ހުންނަ މީހުންގެ ޙައްޤުތައް ރައްކާތެރިކުރުމާއި މާލީ އެހީތެރިކަން ފޯރުކޮށްދިނުމުގެ ޤާނޫނު) ގެ ދަށުން ނުކުޅަދެންތެރިކަން ހުންނަ ފަރާތްތަކުގެ ކަރާމާތަށް އިޙްތިރާމްކުރުމާއި އަމިއްލަވަންތަކަމާއި، މިނިވަންކަމާއެކު ދިރިއުޅުމުގެ ފުރުޞަތު ލިބުމަކީ އެފަރާތްތަކަށް ލިބިގެންވާ ޙައްޤެކެވެ. ނަމަވެސް ސިޔާސީ ޕާޓިއެއްގެ އިސް ބޭފުޅަކު މިފަދަ މޭރުމަކުން ނުކުޅެދުންތެރިކަން ހުންނަ ފަރާތްތަކަށް މަލާމާތާއި ފުރައްސާރަ ކުރުމަކީ ނުކުޅެދުންތެރިކަން ހުންނަ ފަރާތްތައް ޝާމިލުވާ މުޖުތަމަޢުއެއް ބިނާކުރުމަށް މި ކައުންސިލުން ކުރާ ބުރަ މަސައްކަތަށް އެޅުނު ހުރަހެއް ކަމުގައި ފާހަގަކުރަމެވެ. މިފަދަ ބަސްތައް މުޖުތަމައުގައި އާންމުވެގެންދިއުމަކީ، ފެނުމުގެ ނުކުޅެދުންތެރިކަން ހުންނަ ބޭފުޅުންގެ ކަންބޮޑުވުން އިންތިހާއަށް އޮތް، އަދި އެކަމުގެ ސަބަބުން އެބޭފުޅުންނަށް ތަފާތު ގޮންޖެހުންތަކާ ކުރިމަތިލާންޖެހޭ ކަމެއްކަން ހިތާމައާއެކު ފާހަގަކުރަމެވެ.
ފެނުމުގެ ނުކުޅެދުންތެރިކަން ހުންނަ ބޭފުޅުންގެ ކަރާމާތަށް އުނިކަން ލިބޭފަދަ އަދި، މަލާމާތް ރައްދުވާފަދަ މޭރުމަކުން ވާހަކަ ދައްކާފައިވާތީ، ނުކުޅެދުންތެރިކަން ހުންނަ ފަރާތްތަކުގެ ޙައްޤުތައް ރައްކާތެރިކޮށް، އެފަރާތްތައް ކުރިއަރުވައި، ބާރުވެރިކުރުމަށް މަސައްކަތްކުރާ ފަރާތެއްގެ ހައިސިއްޔަތުން، މި ކައުންސިލުން އެކަން ކުށްވެރިކޮށް، މިފަދަ ކަންތައްތައް ތަކުރާރު ނުކުރުމަށާއި ނުކުޅެދުންތެރިކަން ހުންނަ ފަރާތްތަކުގެ ހައްޤުތައް ކަށަވަރުކުރުމަށް މިކައުންސިލުން ކުރާ ބުރަ މަސައްކަތުގައި އެންމެހާ ފަރާތްތަކުން އަތުގުޅާލާ އެކުގައި މަސައްކަތް ކުރުމަށް އިލްތިމާސްކުރަމެވެ. މިފުރުޞަތުގައި، ނުކުޅެދުންތެރިކަން ހުންނަ ފަރާތްތަކުގެ ޙައްޤުތައް ކަށަވަރު ކުރުމުގައި ކުރާ މަސައްކަތްކަތުގައި، މި މިކައުންސިލް ދެމިއޮންނާނެ ކަމުގެ ޔަޤީންކަން އެންމެހާ ރައްޔިތުންނަށް، ޚާއްޞަކޮށް ނުކުޅެދުންތެރިކަން ހުންނަ ފަރާތްތަކާ އެ ފަރާތްތަކުގެ ޢާއިލާ ތަކަށް އަރުވަމެވެ.
