logo
banner image

ނުކުޅެދުންތެރިކަން ހުންނަ ފަރާތްތަކުގެ ހުނަރުތައް ތަރައްޤީކުރުމަށް ޚާއްޞަ ތަމްރީނު ޕްރޮގްރާމްތަކެއް

ނުކުޅެދުންތެރިކަން ހުންނަ ފަރާތްތަކުގެ ހުނަރުތައް ތަރައްޤީކޮށް ވަޒީފާގެ ފުރުސަތުތައް ފަހިކޮށްދިނުމަށްޓަކައި، މި ވުޒާރާއާއި މޯލްޑިވްސް ޕޮލިޓެކްނިކް ގުޅިގެން ކުރިއަށްގެންދާ އެކި ތަމްރީނު ޕްރޮގްރާމްތައް 65 ފަރާތަކުން ފުރިހަމަކޮށްފިކަމަށް ވަޒީރު ޑރ. އާއިޝަތު ޝިހާމް ވިދާޅުވެއްޖެއެވެ.

ވަޒީރު މިފަދައިން ވިދާޅުވެފައިވަނީ ރައީސް އޮފީހުގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަފުޅުދައްކަވަމުންނެވެ. އެގޮތުން، މި ޕްރޮގްރާމްތަކުގެ ތެރޭގައި އިލެންޓްރީޝިއަން ކޯސްތަކާއި، ކޭކު ޑެކަރޭޝަން ކޯސް، ފޮޓޯގްރަފީ އަދި އާޓް ސްކިލްސް ކޯސްތައް ހިމެނޭ ކަމުގައި ވަޒީރު ވަނީ ފާހަގަކުރައްވާފައެވެ.

ވަޒީރު ވިދާޅުވީ މި ކޯސްތަކުގައި ކިޔަވައިދިނުމާއި ދަރިވަރުންގެ ފެންވަރު ވަޒަންކުރުމުގެ އެންމެހައި ކަންކަން ބައްޓަންކޮށްފައިވަނީ، ބައިވެރިންގެ ޚާއްޞަ ބޭނުންތަކަށް ރިޢާޔަތްކޮށް، އެފަރާތްތަކަށް އެންމެ ފަސޭހަވާނެފަދަ އިންތިޒާމުތަކަކާ އެކުގަމުގައެވެ.

ނުކުޅެދުންތެރިކަން ހުންނަ ފަރާތްތައް ބާރުވެރިކޮށް، އިޖުތިމާޢީ އަދި އިޤްދިސާދީ އެކި ދާއިރާތަކުން ހަމަހަމަ ފުރުޞަތުތައް ފަހިކޮށްދީ މިފަދަ ފަރާތްތައް ޝާމިލުކުރުން އިތުރު ކުރުމަކީ ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުއިއްޒު ގެންގުޅުއްވާ ތަސައްވުރުގެ ތެރޭގައި ހިމެނޭ މުހިންމު އެއް ބައެވެ.

އެމަނިކުފާނުގެ އެ ތަސައްވުރާއި އެއްގޮތްވާ ގޮތުގެ މަތިން، މުޖުތަމަޢުގައި ނުކުޅެދުންތެރިކަން ހުންނަ ފަރާތްތަކަށް ހަމަހަމަ ފުރުޞަތުތައް ހޯދައިދިނުމަށް ބާރުއެޅުމަށާއި ނުކުޅެދުންތެރިކަން ހުންނަ ފަރާތްތަކަށް ވަޒީފާގެ ފުރުޞަތުތައް ހޯދައިދިނުމުގެ އަމާޒުގައި މި ވުޒާރާއިން ދަނީ ގިނަ މަސައްކަތްތަކެއް ކުރަމުންނެވެ.