logo
banner image
ދިފާޢީ ވުޒާރާ

ޢާންމު މަޢުލޫމާތަށްޓަކައި

ޤައުމުތަކުގެ ކަނޑުގެ ސަރަޙައްދުތައް ކަނޑައެޅިފައިވާ ގޮތާއި، އެ ސަރަޙައްދުތަކުގައި ލިބިދޭ ޢާންމު ޙައްޤުތަކާއި ޒިންމާތައް ބަޔާންކުރާ ބައިނަލްއަޤްވާމީ މުޢާޙަދާއަކީ ޔުނައިޓެޑް ނޭޝަންސް ކޮންވެންޝަން އޮން ދަ ލޯވ އޮފް ދަ ސީ (އަންކްލޯސް). އަދި، ދިވެހިރާއްޖޭގެ ކަނޑުގެ ސަރަޙައްދުތަކުގައި ދިވެހިރާއްޖެއަށް ލިބިދޭ ޙައްޤުތަކާއި އިޚްތިޔާރުތައް ބަޔާންކުރާ ޤާނޫނަކީ ޤާނޫނު ނަންބަރު6/96 (ދިވެހިރާއްޖޭގެ ކަނޑުގެ ސަރަޙައްދުތަކާބެހޭ ޤާނޫނު"). މި ޤާނޫނުގައި ބަޔާންކުރާ ގޮތުން، ދިވެހިރާއްޖޭގެ ބިމާއި ބިމާ ގުޅިފައިވާ ވައިގެ ސަރަޙައްދުގެ އިތުރަށް، ދިވެހިރާއްޖޭގެ އެތެރޭ ކަނޑާއި، އާކިޕެލަޖިކް ކަނޑާއި، ސަރަޙައްދީ ކަނޑާއި، މި ކަނޑުތަކުގެ އަޑީގައިވާ ފަސްގަނޑާއި، މި ކަނޑުތަކާ ގުޅިފައިވާ ވައިގެ ސަރަޙައްދަކީ ދިވެހިރާއްޖޭގެ ސިޔާދަތީ ބާރުގެ ދަށުގައިވާ ތަންތަން.

ޤައުމުތަކުގެ ވައިގެ ސަރަޙައްދުތަކާއި، ވައިގެ ދަތުރުފަތުރުގައި އަމަލުކުރާ މައިގަނޑު އުޞޫލުތައް ބަޔާންކުރާ "ކޮންވެންޝަން އޮން އިންޓަނޭޝަނަލް ސިވިލް އޭވިއޭޝަން (ޗިކާގޯ ކޮންވެންޝަން) ގައި ބަޔާންކުރާ ގޮތުން ޤައުމުތަކުގެ ސަރަޙައްދީ ކަނޑާއި ގުޅިފައިވާ ވައިގެ ސަރަޙައްދަކީ އެ ޤައުމުގެ ސިޔާދަތީ ބާރު ހިނގާ، އަދި އެ ސަރަޙައްދަށް ވަނުމުގެ ކުރިން ހުއްދަ ހޯދަންޖެހޭނެ ސަރަޙައްދެއް. މިއަށްވުރެ ބޭރުގެ ވައިގެ ސަރަޙައްދަކީ އިންޓަރނޭޝަނަލް އެއަރސްޕޭސް.

އެކި ޤައުމުތަކަށް ކަނޑައަޅާފައިވާ ފްލައިޓް އިންފޮމޭޝަން ރީޖަން (އެފް.އައި.އާރ) ހިމެނޭ ސަރަޙައްދުގައި އެއަރ ޓްރެފިކް ކޮންޓްރޯލްގެ ޚިދުމަތް ފޯރުކޮށްދޭންޖެހޭއިރު، މި ސަރަޙައްދު ކަނޑައެޅިފައިވާ އެންމެ މުހިންމު ބޭނުމަކީ ވައިގެ ދަތުރުފަތުރުގެ ސަލާމަތާ ރައްކާތެރިކަން ޤާއިމްކޮށްދިނުން. އިންޓަރނޭޝަނަލް އެއަރސްޕޭސް ގެ ތެރޭގައި ހިމެނޭ އެފް.އައި.އާރ ސަރަޙައްދަށް ވަނުމަށް ޤައުމެއްގެ ހުއްދަ ހޯދަން ނުޖެހުނު ކަމުގައިވިޔަސް، އެއަރ ޓްރެފިކް ކޮންޓްރޯލް ޚިދުމަތްތަކުން މިފަދަ ދަތުރުތަކާ ގުޅޭ މަޢުލޫމާތު ޙިއްސާކޮށް އަދި ވިލަރެސް ކުރަމުންދާނެ.