ޑެޕިއުޓީ ކަމިޝަނަރ އޮފް ޕޮލިސް (ރިޓަޔަރޑް) ޢަބްދުއްޝުކޫރު ޢަބްދުﷲގެ އަގުހުރި ޤައުމީ ޚިދުމަތް
ޑެޕިއުޓީ ކޮމިޝަނަރ އޮފް ޕޮލިސް (ރިޓަޔަރޑް) ޢަބްދުއްޝަކޫރު ޢަބްދުﷲ، ޤައުމީ ޚިދުމަތް ފަށްޓަވާފައިވަނީ ދިވެހި އަސްކަރިއްޔާއިންނެވެ. މަޖީދިއްޔާ ސްކޫލުން ތަޢުލީމު ހާސިލުކުރެއްވި ޢަބްދުއްޝުކޫރު ޢަބްދުﷲ ދިވެހި ސިފައިންގެ ޚިދުމަތާ ގުޅިވަޑައިގަތީ 30 ޑިސެންބަރު 1965 ގައެވެ. އޭރު ފުލުހުންގެ ޚިދުމަތް އޮތީ ސިފައިން ދޭ ޚިދުމަތެއްގެ ގޮތުގައެވެ. ސިފައިންގެ ޔުނިޓްތައް އުފެދި ތަރުތީބުވެގެން އައިއިރު ފުލުހުންގެ ޚިދުމަތް އޮތީ ސިފައިންގެ ވަރަށް މުހިންމު ޔުނިޓެއްގެ ގޮތުގައެވެ. އެ ދުވަސްވަރުން ފެށިގެން ވެސް ޢަބްދުއްޝުކޫރު ޢަބްދުﷲ ޚިދުމަތް ކުރައްވަމުން ގެންދެވީ ފުލުހުންގެ ތެރޭގައެވެ. 1 ސެޕްޓެންބަރު 2004 ގައި ސިފައިންނާއި ފުލުހުން ވަކި ކުރައްވައި ފުލުހުންގެ ޚިދުމަތަކީ ވަކި މުއައްސަސާއެއްގެ ގޮތުގައި ހަމަޖެއްސެވުމާ ގުޅިގެން ޢަބްދުއްޝުކޫރު ޢަބްދުﷲ، ދިވެހި ފުލުހުންގެ ޚިދުމަތަށް ބަދަލުކުރެއްވިއެވެ. ދިވެހި ސިފައިންގެ ޚިދުމަތުގައި 38 އަހަރާއި 8 މަހާއި 2 ދުވަހު ޚިދުމަތް ކުރައްވައި، 31 އޮގަސްޓް 2004 ގައި ދިވެހި ސިފައިންގެ ޚިދުމަތުން ދިވެހި ފުލުހުންގެ ޚިދުމަތަށް ބަދަލުކުރެއްވިއިރު ހުންނެވީ ލެފްޓިނަންޓް ކާނަލްގެ ރޭންކުގައެވެ. އެމަނިކުފާނުގެ ސިފައިންގެ ސަރވިސް ނަންބަރަކީ 163 އެވެ.
ޑެޕިއުޓީ ކަމިޝަނަރ އޮފް ޕޮލިސް (ރިޓަޔަރޑް) ޢަބްދުއްޝުކޫރު ޢަބްދުﷲ 2004 ސެޕްޓެންބަރު 1 ވަނަ ދުވަހުން ފެށިގެން ދިވެހި ފުލުހުންގެ ޚިދުމަތުގައި 4 އަހަރާއި 6 މަސްދުވަހާއި 4 ދުވަހު ޚިދުމަތް ކުރެއްވިއެވެ. ޑެޕިއުޓީ ކަމިޝަނަރގެ މަޤާމުގައި ހުންނަވައި ޝަރަފުވެރިކަމާއެކު ފުލުހުންގެ ޚިދުމަތުން ރިޓަޔަރ ކުރެއްވީ 4 މާރިޗު 2009 ގައެވެ. އެމަނިކުފާނު ވަނީ ދިވެހި އަސްކަރިއްޔާގައާއި ދިވެހި ފުލުހުންގެ ޚިދުމަތުގައި ދިވެހި ދައުލަތަށް އިޚްލާޞްތެރިކަމާއި ވަފާތެރިކަމާއެކު ޖުމުލަ 43 އަހަރާއި 2 މަހާއި 5 ދުވަހު ޚިދުމަތް ކުރައްވާފައެވެ.
މަޖީދިއްޔާ ސްކޫލުން ސިފައިންގެ ޚިދުމަތަށް ގެންނެވި 3 ވަނަ ބެޗުގައި ހިމެނިވަޑައިގެންނެވި ޑެޕިއުޓީ ކޮމިޝަނަރ އޮފް ޕޮލިސް (ރިޓަޔަރޑް) ޢަބްދުއްޝަކޫރު ޢަބްދުﷲ ފުރަތަމަ މަސައްކަތް ކުރެއްވީ ދިވެހި އަސްކަރިއްޔާގައި ސިފައިންގެ މީހެއްގެ ރޭންކުގައެވެ. އޭގެފަހުން، ނޭޝަނަލް ސެކިއުރިޓީ ސަރވިސްގެ 4 ނަންބަރު ސަރުދާރު ކަމާއި، ކޯޕްރަލް ކަމާއި، ސާރޖަންޓް ކަމާއި، ސްޓާފް ސާރޖަންޓް ކަމާއި، ލެފްޓިނަންޓް ކަމާއި، ފަސްޓް ލެފްޓިނަންޓް ކަމާއި، ކެޕްޓަން ކަމާއި، މޭޖަރ ކަމުގެ ރޭންކް ފުރުއްވައިފައި ވެއެވެ. ސިފައިންގެ ޚިދުމަތުގައި އެންމެ ފަހުން ހުންނެވީ ލެފްޓިނަންޓް ކާނަލް ކަމުގެ ރޭންކުގައެވެ. އެމަނިކުފާނު ސިފައިންގެ ޚިދުމަތުގައި އުޅުއްވިއިރު ލެފްޓިނަންޓްގެ ރޭންކުން ފަސްޓް ލެފްޓިނަންޓްގެ ރޭންކަށް މަޤާމުގެ ކުރިއެރުން ދެއްވީ 1988 ނޮވެންބަރު ތިނެއްގެ ޢުދުވާނީ ހަމަލާއަށްފަހު ސިފައިންނަށް މަޤާމުގެ ކުރިއެރުން ދެއްވިއިރުގައެވެ.
ސިފައިންގެ ޚިދުމަތާ ގުޅިވަޑައިގެންނެވުމަށްފަހު ފުލުހުންގެ ތެރޭގައި ފުރަތަމަ މަސައްކަތް ކުރެއްވީ ވައްކަމާ ބެހޭ ބައިގައެވެ. އޭގެފަހުން ފުލުސް އޮފީހުގެ ތަފާތު ބައިތަކުގައާއި ޑިޕާޓްމަންޓްތަކުގައި މަސައްކަތް ކުރައްވާފައިވެއެވެ. ސިފައިންގެ ޚިދުމަތުގެ މުއްދަތުގެ ތެރޭގައި ގިނަ ދުވަހު ޚިދުމަތް ކުރައްވާފައިވަނީ ފުލުހުންގެ ތަހުގީގުގެ ދާއިރާގައެވެ. ޢަބްދުއްޝުކޫރު ޢަބްދުﷲ އަކީ 1988ވަނަ އަހަރުގެ ނޮވެންބަރު މަހުގެ 3ވަނަ ދުވަހު ދިވެހިރާއްޖެއަށް ކުރިމަތިވި ޢުދުވާނީ ހަމަލާގެ ތަޙުޤީޤު ޓީމުގައި ވެސް މަސައްކަތް ކުރެއްވި ބޭފުޅެކެވެ.
ޑެޕިއުޓީ ކޮމިޝަނަރ އޮފް ޕޮލިސް (ރިޓަޔަރޑް) ޢަބްދުއްޝަކޫރު ޢަބްދުﷲ، ސިފައިންގޭގައި ޚިދުމަތް ކުރެއްވި ދުވަސްތަކުގައި ފާހަގަ ކުރެވިފައިވަނީ ސިފައިންގެ ވެރިން އެންގެވި ކޮންމެ ކަމެއް ތެދުވެރިކަމާއި ވާފަތެރިކަމާއި އިޚްލާޞްތެރިކަމާއި، މުރާލިކަމާއި، ހީވާގިކަމާ އެކު ކުރެއްވި ބޭފުޅެއްގެ ގޮތުގައެވެ. ހަވާލުކުރެއްވި އެއްވެސް ކަމަކަށް، އެއްވެސް ފަހަރަކު ނޫނެކޭ ވިދާޅުނުވެ ޤައުމަށް ޚިދުމަތްކުރެއްވި ޤައުމު ދެކެ ލޯބިވާ އަދި އަސްކަރީ ހެވިކަމަށް ޚާއްޞަ ޝައުޤުވެރިކަމެއް ހުރި ބޭކަލެއްގެ ގޮތުގައެވެ. ދީނަށް ލޯބިކުރެއްވި، ކެތްތެރި، މަޑުމައިތިރި އަދި ރިވެތި އަޚުލާޤެއްގެ ވެރި ޝަޚްޞިއްޔަތެއްގެ ގޮތުގައެވެ.
ސިފައިންގެ ޚިދުމަތުގައި ހުންނެވި ދުވަސްތަކުގައި ސިފައިންގެ ކުރިއެރުމާއި ތަރައްޤީއަށް މަސައްކަތްކުރާ ބައެއް ބޯޑުތަކާއި ކޮމެޓީތަކުގައި މަސައްކަތް ކުރައްވާފައިވެއެވެ. މިގޮތުން އޭރު ސިފައިންގޭގައި އޮންނަ އެންމެ އިސް އެއް ބޯޑުކަމުގައިވާ ސްޓާފް ބޯޑުގައާއި ސިފައިންގެ ތާރީޚު ކޮމެޓީގައި ވަނީ މަސައްކަތް ކުރައްވާފައެވެ. ދިވެހިރާއްޖޭގެ ޤައުމީ ދިފާޢީ ބާރުން ދިވެހި އަސްކަރީ ތާރީޚު ލިޔެ ރައްކާތެރިކުރުމަށް ކުރަމުންދާ މަސައްކަތުގައި ސިފައިންގެ ޚިދުމަތަށް ފަހުގައި ވެސް ދެމި ހުންނެވިއެވެ. އަދި ޑެޕިއުޓީ ކަމިޝަނަރ އޮފް ޕޮލިސް (ރިޓަޔަރޑް) ޢަބްދުއްޝުކޫރު ޢަބްދުﷲ އަކީ ސިފައިންގެ އައްޑަނަ މަޖައްލާއަށް ވެސް ލިޔުއްވި ކުޅަދާނަ ލިޔުންތެރިއެކެވެ.
ޑެޕިއުޓީ ކަމިޝަނަރ އޮފް ޕޮލިސް (ރިޓަޔަރޑް) ޢަބްދުއްޝުކޫރު ޢަބްދުﷲ ވަނީ ސިފައިންގެ ޚިދުމަތުގައި ހުންނަވައިގެން ސާރުކާރުގެ އެދިވަޑައިގަތުމަށް ނާކޮޓިކްސް ކޮންޓްރޯލް ބޯޑުގެ ކޮމިޝަނަރގެ މަޤާމު ފުރުއްވާފައެވެ. ދިވެހިރާއްޖޭގައި މަސްތުވާތަކެތީގެ ވަބާ ބޮޑުވެ، މަސްތުވާތަކެތި ބޭނުންކުރާ ޒުވާނުންނާއި މީހުން އެއް ދުވަހުން އަނެއް ދުވަހަށް އިތުރުވަމުންދާތީ އެކަން ކޮންޓްރޯލްކުރުމަށް ސަރުކާރުން އުފެއްދެވި އިދާރާ ހިންގެވުމުގައި އެ މަނިކުފާނުގެ ފަރާތްޕުޅުން ފެނިގެން ގޮސްފައިވަނީ އިޚްލާޞްތެރިކަމާއެކު ޚިދުމަތަށް ދެއްވި އިސްކަމެވެ.
ޑެޕިއުޓީ ކަމިޝަނަރ އޮފް ޕޮލިސް (ރިޓަޔަރޑް) ޢަބްދުއްޝުކޫރު ޢަބްދުﷲ، ސިފައިންގެއަށް ކޮށްދެއްވައިފައިވާ ޚިދުމަތްތަކުގެ އަގު ވަޒަންކުރައްވައި، ދިވެހި އަސްކަރިއްޔާއިން ޝަރަފުގެ ނިޝާނުގެ ގޮތުގައި 8 ކުލައާއި، 8 މެޑެލި ދެއްވާފައިވެއެވެ. އެމަނިކުފާނު ހާސިލުކުރައްވާފައިވާ ކުލަތަކުގެ ތެރޭގައި، ރައީސުލްޖުމްހޫރިއްޔާގެ ކުލައާއި، ޚާއްޞަ ޚިދުމަތުގެ ކުލައާއި، ހުނަރުވެރިކަމުގެ ކުލައާއި، ދިގު މުއްދަތެއްގައި ޚިދުމަތް ކުރުމުގެ ކުލައާއި، އިޚުލާޞްތެރި ޚިދުމަތުގެ ކުލައާއި، ސިފައިންގެ ޚިދުމަތުގެ ކުލައާއި، އަޚުލާޤީ ކުލަ (ދެފަހަރަށް) ހިމެނެއެވެ. ހާސިލުކުރައްވާފައިވާ މެޑެލިތަކުގެ ތެރޭގައި، ރައީސުލްޖުމްހޫރިއްޔާގެ މެޑެލި، މަތިވެރި ޚިދުމަތުގެ މެޑެލި، ދިގު މުއްދަތެއްގައި ޚިދުމަތް ކުރުމުގެ މެޑެލި، އިޚުލާޞްތެރި ޚިދުމަތުގެ މެޑެލި، އަޚުލާޤީ މެޑެލި، 3 ނޮވެންބަރުގެ މެޑެލި އަދި ސައްތައިގެ މެޑެލި ހިމެނެއެވެ.
ދިވެހި ފުލުހުންގެ ޚިދުމަތް 2004 ސެޕްޓެންބަރު 1 ވަނަ ދުވަހު އުފައްދަވައި އެ މުއައްސަސާއަށް ޢަބްދުއްޝުކޫރު ޢަބްދުﷲ ހަމަޖެއްސެވީ ސީނިއަރ ޑެޕިއުޓީ ކޮމިޝަނަރ އޮފް ޕޮލިސްގެ ރޭންކަށެވެ. 5 އޮގަސްޓު 2008 އިން ފެށިގެން 4 މާރިޗު 2009 ގައި ދިވެހި ފުލުހުންގެ ޚިދުމަތުން ޝަރަފުވެރިކަމާއެކު ރިޓަޔަރ ކުރެއްވުމާ ހަމަޔަށް ހުންނެވީ، ޑެޕިއުޓީ ކޮމިޝަނަރ އޮފް ޕޮލިސްގެ ރޭންކުގައެވެ. ދިވެހި ފުލުހުންގެ ޚިދުމަތުގައި ޢަބްދުއްޝަކޫރު ޢަބްދުﷲ ވަނީ ފުލުހުންގެ ޕްރޮމޯޝަން ބޯޑުގެ ޗެއަރމަން ކަމާއި، ކްރިމިނަލް އިންވެސްޓިގޭޝަން ޑިޕާޓްމަންޓުގެ ހެޑް ކަމާއި، ޑިސިޕްލިނަރީ ބޯޑުގެ ވައިސް ޗެއަރމަންކަން ކުރައްވާފައެވެ. ފުލުހުންގެ ޚިދުމަތުގައި ހުންނަވައި ޢަބްދުއްޝުކޫރު ޢަބްދުﷲ ވަނީ ފުލުހުންގެ މެޑެއްޔާއި، ސުނާމީ ކާރިސާގެ މެޑެލި ހާސިލުކުރައްވާފައެވެ. ދިވެހިރާއްޖޭގެ ސަލާމަތީ ޚިދުމަތްތަކުގައި ދިވެހި ދައުލަތަށް 43 އަހަރަށްވުރެ ދިގު މުއްދަތެއްގައި އިޚްލާޞްތެރިކަމާއެކު ޚިދުމަތްކުރައްވާފައިވާ ޢަބްދުއްޝުކޫރު ޢަބްދުﷲ އަށް 2024 ވަނަ އަހަރު ވަނީ ދިވެހި ދައުލަތަށް ޚިދުމަތް ކުރުމުގެ އިނާމު ލިބިވަޑައިގެންފައެވެ.
ޑެޕިއުޓީ ކޮމިޝަނަރ އޮފް ޕޮލިސް (ރިޓަޔަރޑް) ޢަބްދުއްޝުކޫރު ޢަބްދުﷲ އަވަހާރަވީ އާލާސްކަންފުޅަކަށް ފަރުވާ ހޯއްދަވަމުން ގެންދަވަނިކޮށް އިންޑިއާގެ ބެންގަލޫރުގައި ހުންނަ މަނިޕާލް ހޮސްޕިޓަލްގައި 2026 މާރިޗު 24 ވީ އަންގާރަ ދުވަހުއެވެ. ޑެޕިއުޓީ ކޮމިޝަނަރ އޮފް ޕޮލިސް (ރިޓަޔަރޑް) ޢަބްދުއްޝުކޫރު ޢަބްދުﷲ ކޮށްދެވި ޤައުމީ ޚިދުމަތުގައި ބަރަކާތްލައްވައި، ސުވަރުގޭގެ ދާއިމީ ނިޢުމަތް ދެއްވުން އެދި ދުޢާކުރަމެވެ. އަދި އެ މަނިކުފާނުގެ ލޮބުވެތި ޢާއިލާއަށާއި ދިވެހި ސިފައިންނަށާއި ފުލުހުންނަށް ތަޢުޒިޔާ ދަންނަވަމެވެ.
