މަޖިލީހުގެ މެމްބަރުންގެ ވަކި އިންސައްތައެއް، އަންހެނުންނާއި ޒުވާނުންނަށް ޚާއްސަކުރަނީ
ރައްޔިތުންގެ މަޖިލީހުގެ މެންބަރުން އަދަދު ހިފެހެއްޓުމަށް ގެންނަ އިސްލާހުގެ ތެރެއިން މަޖިލީހުގެ ވަކި އިންސައްތައެއް ޒުވާނުންނާއި އަންހެނުންނަށް ޚާއްސަކުރަން ދިރާސާ ކުރަމުންދާކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ވިދާޅުވެއްޖެއެވެ.
މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަފުޅު ދައްކަވަމުން ރައީސް ވިދާޅުވީ މަޖިލީހުގައި މިހާރު ވަކި އަދަދެއް ޒުވާނުންނާއި އަންހެނުންނަށް ނޯންނަ ކަމަށާއި ނަމަވެސް ކުރިއަށް އޮތް ތަނުގައި މަޖިލިސް މެންބަރުންގެ ތެރެއިން ވަކި އަދަދެއް އަންހެނުންނާއި 30 އަހަރުން ދަށުގެ ޒުވާނުންނަށް ޚާއްސަ ކުރަން މަޖިލީހަށް އިސްލާހެއް ހުށަހަޅަން ގަސްތުކުރައްވާކަމަށެވެ. އަދި މިކަމަށް ކުރަންޖެހޭ ދިރާސާތައް ކުރަމުންދާކަމަށް އެމަނިކުފާނު ވިދާޅުވިއެވެ.
‘ކައުންސިލް ކޮމްޕޮޒިޝަންގައި އެބަހުރި އަންހެނުންގެ އަދަދެއް ކަނޑައެޅިފަ. އެހެންނަމަވެސް އެމްޕީސްގެ ނޯންނާނެ އެގޮތަކަށް' ރައީސް ވިދާޅުވިއެވެ. ރައީސް އިތުރަށް ވިދާޅުވީ، މަޖިލިސް މެންބަރުންގެ އަދަދު އިތުރުވަމުންދާ ދިއުން ހުއްޓުވުމާއެކު، ޒުވާނުންނާއި އަންހެނުންނަށް މަޖިލީހުން ފުރުސަތު ކަށަވަރުކޮށްދިނުމަކީ މި ގެންނަ އިސްލާހީ މަސައްކަތުގެ މުހިންމު ބައެއް ކަމަށެވެ.
މިކަމާ ގުޅޭ ދިރާސާ ނިމުމުން، ޒުވާނުންނާއި އަންހެނުންނަށް ހާއްސަކުރާނެ ސީދާ އިންސައްތަ އިއުލާނު ކުރައްވާނެ ކަމަށްވެސް އެމަނިކުފާނު ވިދާޅުވިއެވެ. މީގެއިތުރުން، ބިލަށް އިތުރު އިސްލާހުތަކެއް ވެސް ހުށަހަޅަން ނިންމަވާއިފައިވާކަމަށް ރައީސް ވިދާޅުވިއެވެ.
