logo
banner image

މިފްކޯގެ އިންފްރާސްޓްރަކްޗާ ތަރައްގީ ކުރުމަށް 3 އެއްބަސްވުމެއްގައި ސޮއިކޮށްފި

މަސްވެރިކަމުގެ ދާއިރާގެ އިންފްރާސްޓްރަކްޗާ އިތުރަށް ތަރައްޤީކޮށް ހަރުދަނާ ކުރުމަށް ޓަކައި، ތިން އެމްއޯޔޫއެއްގައި މޯލްޑިވްސް އިންޑަސްޓްރިއަލް ފިޝަރީޒް ކޮމްޕެނީ (މިފްކޯ) އާއި ޗައިނާ މެޝިނަރީ އިންޖީނިއަރިންގ ކޯޕަރޭޝަން (ސީ.އެމް.އީ.ސީ) އާ ދެމެދު 3 އެއްބަސްވުމެއްގައި މިއަދު ސޮއިކޮށްފިއެވެ.

މަސްވެރިކަމާ ކަނޑުގެ ވަސީލަތްތަކާބެހޭ ވުޒާރާގައި މިއަދު ހެނދުނު ބޭއްވި ރަސްމިއްޔާތުގައި ސޮއިކުި އެއްބަސްވުންތަކުގެ މަޤްޞަދަކީ މިފްކޯގެ ކޯލްޑް ސްޓޯރޭޖް އަދި މަސް ޕްރޮސެސްކޮށް އެކްސްޕޯޓް ކުރުމުގެ ޤާބިލްކަން އިތުރުކުރުމެވެ.

މި އެމް.އޯ.ޔޫ ތަކުގެ ދަށުން ތ.ހިރިލަންދޫގައި ކޯލްޑް ސްޓޯރޭޖް އަދި ބްލާސްޓް ފްރީޒް ކުރާނެ މަރުކަޒެއް ތަރައްޤީކުރުމާއި، ގދ.ތިނަދޫގައި މިފްކޯ އިން ކުރިއަށްގެންދާ މަސްގަނެ، ފިނިކޮށް ރައްކާ ކުރުމަށްޓަކައި ފަށާފައިވާ ޕްރޮޖެކްޓް އިތުރަށް ފުރިހަމަކޮށް ފުޅާކުރުމާއި، އައްޑޫ ފިޝަރީޒް ކޮމްޕްލެކްސައަށް މަސްގަނެ، ރައްކާކުރުމުގެ ޤާބިލްކަން ފުޅާކުރުމުގެ އިތުރުން، ފިނިކުރި ކަންނެލި ޕްރޮސެސްކޮށް އެކްސްޕޯޓް ކުރުމަށް ބޭނުންވާ ފެކްޓަރީއެއް އައްޑޫގައި ޤާއިމު ކުރުމުގެ މަސައްކަތްތައް ހިމެނެއެވެ.

ޗައިނާގެ އެންމެ ބޮޑު އެއްކުންފުނި ކަމުގައިވާ ސީ.އެމް.އީ.ސީ އާއި މިފްކޯއާއި ދެމެދު މިއަދު ސޮއި ކުރި މި 3 އެމް.އޯ.ޔޫ އާއި ގުޅިގެން ފެށިގެންދާ މަސައްކަތްތަކުގެ ސަބަބުން، ދިވެހިރާއްޖޭގެ މަސްވެރިކަމުގެ ދާއިރާ ދެމެހެއްޓެނިވި ގޮތެއްގައި ތަރައްޤީ ކޮށް ފުޅާކުރުމަށާއި، ރާއްޖޭގައި ވެލިއުއެޑްކޮށް އެކްސްޕޯޓް ކުރުމަށް މަގުފަހި ކުރުމަށް ސަރުކާރުން މިފްކޯ މެދުވެރިކޮށް ކުރަމުންގެންދަވާ މަސައްކަތްތައް އިތުރަށް ހަރުދަނާ ވެގެންދާނެއެވެ.