logo
banner image

ބައިނަލް އަޤްވާމީ ޑައުން ސިންޑްރޯމް ދުވަސް

މިއަދަކީ ބައިނަލް އަޤްވާމީ ޑައުން ސިންޑްރޯމް ދުވަސް، ނުވަތަ 'ވޯލްޑް ޑައުން ސިންޑްރޯމް ޑޭ'އެވެ. މި ދުވަސް ފާހަގަ ކުރުމުގައި 2026 ވަނަ އަހަރުގެ ޝިޢާރަކީ 'ޓުގެދަރ އެގެއިންސްޓް ލޯންލިނެސް' ނުވަތަ، "ގުޅިގެން އެކަނިވެރިކަމާ ދެކޮޅަށް"، މިޝީޢާރެވެ. މީގެން އަންގައިދެނީ މުޖުތަމައުގެ ފަރުދުން އެކަހެރި ކުރުމާއި އެކަނިވެރިކަމުން ލިބޭ އެކި ގެއްލުންތައް އެންމެން ގުޅިގެން ހުއްޓުވުމުގެ މުހިއްމުކަމެވެ.

ޑައުން ސިންޑްރޯމް އަކީ ހަށިގަނޑުގެ ސެލްތައް އުފެދުމުގައި ހިމެނޭ މާއްދާއެއް ކަމަށްވާ ކްރޮމޮސޯމް 21 ވަނަ ޖޯޑުގައި އިތުރަށް ހުރުމުގެ ސަބަބުން އިންސާނާގެ އުފެދުމަށް އަންނަ ތަފާތެކެވެ. މީގެ ސަބަބުން އެފަރާތެއްގެ ޖިސްމާނީ ހެދިބޮޑުވުމާއި ބުއްދިއަށް ބޮޑެތި އަސަރުތަކެއް ކުރޭ. މިހެންކަމުން ޑައުން ސިންޑްރޯމް ހުންނަ ފަރާތްތަކަށް ސިއްޙީ ގޮތުންނާއި، އިދުތިމާޢީ ގޮތުންނާއި ތައުލީމީ ގޮތުން އަދި އެހެނިހެން ގޮތްގޮތުންވެސް އިތުރަށް އެހީތެރިކަން ބޭނުންވާ ނުކުޅެދުންތެރިކަން ހުންނަ ފަރާތްތަކަށް ވެގެންދެއެވެ. މިފަދަ ސަބަބުތަކާހުރެ ޑައުން ސިންޑްރޯމް ފަދަ ނުކުޅެދުންތެރިކަން ހުންނަ ފަރާތްތަކަށް މުޖުތަމައުގައި އެކަނިވެރިކަމާއި އެކި ގޮންޖެހުންތަކާ ކުރިމަތިލާން ޖެހެއެވެ.

ދުނިޔޭގެ ތަފާސް ހިސާބްތައް ދައްކާ ގޮތުގައި، ޑައުން ސިންޑްރޯމް ފަދަ ނުކުޅެދުންތެރިކަން ހުންނަ ފަރާތްތަކަށް އެކަނިވެރިކަން ތަޙައްމަލުކުރުން އެހެނިހެން ފަރުދުންނަށް ވުރެން 7 ގުނަ އިތުރެވެ. އެކުގައި ވަޤުތު ހޭދަކުރާނެ ރަހުމަތްތެރިން ހޯދުމާއި، ސްކޫލު އަދި ވަޒީފާގެ މާހައުލުގައިވެސް އެހެން މީހުންނާ އެކު ޝާމިލުވެ އުޅުމަށް ހުންނަ ހުރަސް ތަކަކީ ޤައުމީ ފެންވަރުގައި އަދި ބައިނަލް އަޤްވާމީ ފެންވަރުގައިވެސް ފާހަގަ ކުރެވޭ ކަންކަން. މިފަދަ ހުރަސްތައް ދެނެގަނެ، ޝާމިލު ވެއްޓެއް ޤާއިމުކުރުމީ، ޑައުން ސިންޑްރޯމް ފަދަ ނުކުޅެދުންތެރިކަން ހުންނަ ފަރާތްތަކާއި އެފަރާތްތަކުގެ ޢާއިލާތަކަށް ދިމާވާ އެކަނިވެރިކަމާއި އެކަހެރިވުން ނައްތާލުމަށް ކުރެވޭނެ މުޙިއްމު މަސައްކަތެކެވެ.

މިގޮތުން، ނުކުޅެދުންތެރިކަން ހުންނަ ފަރާތްތައް ބާރުވެރިކޮށް މުޖުތަމައަށް ނުކުމެ އުޅުމަށް ފަހިކޮށްދިނުމުގެ ގޮތުން ހުޅުވާލެވިގެންދިޔަ 360 ވަޒީފާގެ ފުރުޞަތުތާއި ގުޅިގެން، ވަޒީފާ ދޭ މުއައްސަސާ ތަކާއި ކުންފުނިތަކަށް ނުކުޅެދުންތެރިކަން ހުންނަ ފަރާތްތައް ޝާމިލު ކުރުމާ ބެހޭ ތަމްރީން ތަކާއި މައުލޫމާތުދޭ ސެޝަންތައް ވަނީ ކުރިއަށް ގެންދެވިފައެވެ. އަދި މިފަރާތްތަކުގެ ހުނަރު ތަރައްޤީ ކުރުމުގެ ގޮތުން ތަމްރީންކޯސް ހިންގުމާއި، ކުރެވޭ އަމިއްލަ ވިޔަފާރިތައް އުފައްދާ ތަކެތި އިތުރަށް މާކެޓް ކުރުމުގެ ފުރުޞަތުތައް ދަނީ ފަހިކޮށްދެވެމުންނެވެ. މި ފުރުޞަތު ތަކަކީ ޑައުން ސިންޑްރޯމް ހުންނަ ފަރާތްތަކަށްވެސް އިޖުތިމާޢީ އަދި އިޤްތިޞާދީ ކުރިއެރުން ލިބިގެންދާނެ ކަންކަމެވެ.

މީގެ އިތުރުން ކުޅިވަރުގެ ދާއިރާގައި ޤައުމީ ފެންވަރުގައި އަދި ބައިނަލް އަޤްވާމީ ފެންވަރުގައި މިފަރާތްތަކަށް ބައިވެރިވުމުގެ ފުރުސަތު ފަހިކޮށްދިނުމުގެ ގޮތުން ޕެރެއޮލިމްޕިކް އަދި ސްޕެޝަލް އޮލިމްޕިކް ގެ ހަރަކާތްތަކުގައި މިފަރާތްތައް ބައިވެރިވެ، ބައެއް ފަރާތްތަކުން ދިވެހިރާޖެއަށް ވަނީ ރީތި ވަނަތައް ހޯދައިދީފައެވެ.

މިހުރިހާ ކަންކަމަކީ ނުކުޅެދުންތެރިކަން ހުންނަ ފަރާތްތައް މުޖުތަމައުގައި އެހެން ފަރާތްތަކާއި އެއްހަމައެއްގައި ޤަދަރުވެރި ދިރިއުޅުމެއް ހޯދައިދިނުމުގެ ތަޞައްވަރު ހަޤީޤަތަކަށް ހެދުމަށް ކުރެވެމުންދާ ބުރަ މަސައްކަތްތަކެކެވެ.