އައިޝަތު ނަދީމާ: ސާބިތުކަމާއެކު ހިތްވަރުކޮށްފިނަމަ ކާމިޔާބީއާ ހަމައަށް ވާސިލުވެވޭނެކަމުގެ ނަމޫނާއެއް
މިއީ ދިރިއުޅުމުގެ ދަތުރުގައި ކެތްތެރިކަމާއި ކާމިޔާބީގެ ފުރިހަމަ ނަމޫނާއެއް ދެއްކި އައިޝަތު ނަދީމާގެ ވާހަކައެވެ. ނަދީމާއަކީ ސަރުކާރުގެ މުއައްސަސާއެއްގައި ވަޒީފާ އަދާކުރަމުން، ދެ ކުދިންގެ މަންމައެއްގެ ޒިންމާ ފުރިހަމައަށް އުފުލަމުންދާ ހީވާގި އަންހެނެކެވެ. ވަޒީފާގެ ޒިންމާތަކާއި ގޭތެރޭގެ މަސްއޫލިއްޔަތުތަކާ އެކުވެސް، ނަދީމާއަކީ ކޭކު އެޅުމަށް ވެސް ޚާއްސަ ލޯތްބަކާއި ޝައުގުވެރިކަމެއް އުފެދިފައިވާ ވަރަށް ހީވާގި ކަނބަލެކެވެ.
ނަދީމާގެ ކޭކު އެޅުމުގެ ދަތުރު ފެށިގެން އައީ ވަރަށް އާދައިގެ ގޮތަކަށެވެ. ކޮއްކޮގެ ކައިވެނީގެ ކޭކު އަޅާނީ ހަމަ ސީދާ ނަދީމާކަމަށް އަބަދުވެސް ބުނަމުން ގޮސް އެންމެ ފަހުން ކޮއްކޮގެ ކައިވެނި ކުރެވުނު ދުވަހު، ފުރަތަމަ ކޭކު އެޅުމުގެ ފުރުސަތު ނަދީމާއަށް ލިބުނެވެ. އެ ހިސާބުން ފެށިގެން އާއިލާގެ އެކި މުނާސަބަތުތަކަށް ކޭކު އަޅައިދެމުން ގޮސް، ކޭކު އަޅައިދޭ ކަސްޓަމަރުންގެ މެދުގައި ”އައިޝް” ގެ ނަމުން މަޝްހޫރުވެ، މިއަދު އޭނާ ވަނީ "އައިޝް ބޭކްސް" ގެ ނަމުގައި އޮންލައިން ޕޭޖެއް ހުޅުވައި، މި މަސައްކަތް ވިޔަފާރިއެއްގެ ގޮތުގައި ފުޅާކޮށްފައެވެ.
ނަމަވެސް ނަދީމާގެ ހަޔާތަކީ ހަމައެކަނި ކޭކު އެޅުމާއި ވަޒީފާއެއްނޫނެވެ. 2010 ވަނަ އަހަރަކީ އޭނާގެ ހަޔާތަށް ވަރަށް ބޮޑު ބަދަލެއް އައި އަހަރެއްގެ ގޮތުގައި އޭނާ ފާހަގަކުރިއެވެ. ނަދީމާގެ ދަރިފުޅު ދުނިޔެއަށް އުފަންވީ ހާއްސަ އެހީއަށް ބޭނުންވަަ ކުއްޖެއްގެ ގޮތުގައެވެ. މިއީ ކޮންމެ މަންމައަކަށްވެސް ކުރިމަތިވާނެ ބޮޑު އިމްތިހާނަކަށް ވީނަމަވެސް، ނަދީމާ އެކަން ބަލައިގަތީ ވަރަށް ސާބިތުކަމާއެކުގައެވެ. އޭނާ ގަބޫލުކުރި ގޮތުގައި ކޮންމެ ކަމެއްވެސް މެދުވެރިވާނީ އެންމެ ރަނގަޅަށެވެ. އެ އުންމީދާއި އިތުބާރާއެކު ނަދީމާ ދިރިއުޅުމާއި ކުރިމަތިލީ ވަރަށް ހިތްވަރާއި ކެތްތެރިކަމާއެކުގައެވެ. ވަރަށް ދަތި، ވަރަށް ގޮންޖެހުންތައް ގިނަ ދުވަސްތަކެއް ކަޑަތުކުރުމަށްފަހު، މިއަދު ނަދީމާ މިހިސާބަށް އާދެވުމުގެ ސިއްރަކީވެސް އޭނާގެ ހިތްވަރާއި ކެއްތެރިކަންކަމުގައި ނަދީމާ ފާހަގަކުރިއެވެ.
މި ފުރުސަތުގައި ނަދީމާ މުޖުތަމައަށް ދޭން ބޭނުންވާ އެންމެ މުހިންމު މެސެޖަކީ، ޙާއްސަ އެހީއަށް ބޭނުންވާ ކުދިންނަކީ ތަފާތު ބޭނުންތަކާއި ހުނަރުތަކެއް ލިބިފައިވާ ކުދިންކަމެވެ. އެހެންކަމުން، މިފަދަ ކުދިންނާމެދު މުޖުތަމައުގައި ކުރެވޭ ތަފާތުކުރުންތައް ނައްތާލައި، ކޮންމެ ކުއްޖަކީވެސް އިންސާނީ ހައްގުތަކާއި ފުރުސަތުތައް ހަމަހަމަގޮތުގައި ލިބެންޖެހޭ ކުއްޖެއްކަން ގަބޫލުކުރުމަކީ އެންމެންގެ އިޖުތިމާއީ ޒިންމާއެއްކަމުގައި އޭނާ ދެކެއެވެ.
ނަދީމާގެ ދިރިއުޅުމުން ސާބިތުކޮށްދެނީ، ކިތަންމެ ބޮޑު ގޮންޖެހުމަކާ ކުރިމަތިލާން ޖެހުނުކަމުގައިވިޔަސް، ސާބިތުކަމާއެކު ހިތްވަރުކޮށްފިނަމަ ކާމިޔާބީއާ ހަމައަށް ވާސިލުވެވޭނެ ކަމެވެ. ކޮންމެ އުނދަގޫ ހާލަތަކަށްފަހު ލުއިފަސޭހަކަން އަންނާނެކަމުގެ ފުރިހަމަ އިތުބާރާއެކު، އަމިއްލަ ހުނަރުތައް ކުރިއަރުވައި، އާއިލާއަށް ވަގުތުދީގެން އުފާވެރި އަދި ބާއްޖަވެރި ހަޔާތެއް ބިނާކުރެވިދާނެކަން އޭނާގެ ހަޔާތުގެ ދަތުރުން ހާމަވެގެންދެއެވެ.
