ނުކުޅެދުންތެރިކަން ހުންނަ ފަރާތްތަކަށް ވަކިން ފުލެޓަށް އެދި ހުށަހެޅުމަށް ހުޅުވާލައިފި
އާއިލީ ބޯހިޔާވަހިކަން ޕްރޮގްރާމުގެ ދަށުން "ނުކުޅެދުންތެރިކަން ހުންނަ ފަރާތްތަކުގެ ކެޓަގަރީ" ގެ ޝަރުޠުތައް އިސްލާޙުކޮށް، އެފަރާތްތަކަށް ވަކިން ފުލެޓަށް އެދި ހުށަހެޅޭނެ ގޮތް މިނިސްޓްރީ އޮފް ކޮންސްޓްރަކްޝަން، ހައުސިންގ އެންޑް އިންފްރާސްޓްރަކްޗަރއިން ހަމަޖައްސައިދީފި އެވެ.
މި އުސޫލަށް ގެނެވުނު ބަދަލުތަކުގެ ތެރޭގައި ހިޔާވަހިކަން ހޯދަން މި ފަހަރު ކަނޑައަޅާފައިވާ އާއްމު ޝަރުތު ކަމުގައިވާ މާލެ ސަރަހައްދުގައި މެދުނުކެނޑި 15 އަހަރު ދިރިއުޅުމުގެ މުއްދަތުވަނީ ނުކުޅެދުންތެރިކަން ހުންނަ ފަރާތްތަކަށް ކުރުކޮށްފަ އެވެ. އެގޮތުން، މާލޭގައި މެދުނުކެނޑި ފަސް އަހަރު ދިރިއުޅެފައިވާ ނުކުޅެދުންތެރިކަން ހުންނަ ފަރާތްތަކަށް ފުލެޓަށް ހުށަހެޅޭނެ ކަމުގައި މި އުސޫލުގައި ބަޔާންކޮށްފައިވެއެވެ.
މީގެ އިތުރުން، އެ ފަރާތެއްގެ ކިބައިގައި ހުރި ނުކުޅެދުންތެރިކަމަކަށް މާލެއިން ޚިދުމަތް ހޯދަން ދަތުރުކުރަން ޖެހުމާއި ޚިދުމަތް ހޯދުމަށްޓަކައި މާލެއަށް ބަދަލުވެފައިވާ މީހުންނަށް ވެސް ވަކިން ފުލެޓަށް އެދި ފޯމު ހުށަހެޅޭނެ ކަމުގައި މި އުސޫލުގައި ބަޔާންކޮށްފައިވެއެވެ.
މި އުސޫލުގެ ދަށުން އެޕްލިކޭޝަން ހުށަހެޅުމަށް ހުޅުވާލުމަށް ހަމަޖެހިފައިވަނީ، 24 މާރިޗު 2026 ވާ އަންގާރަ ދުވަހުގެ ހެނދުނު 11:00 އިން ފެށިގެން30 އެޕްރީލު 2026 ވާ ބުރާސްފަތި ދުވަހުގެ 23:59 ގެ ނިޔަލަށެވެ. މި އުސޫލުގެ ދަށުން ބޯހިޔާވަހިކަމަށް އެދި އެޕްލިކޭޝަން ހުށަހަޅުއްވާނީ https://boahiyaavahikan.housing.gov.mv ޕޯޓަލް މެދުވެރިކޮށެވެ.
އިއުލާނު: https://gazette.gov.mv/iulaan/384715
އުސޫލު: https://gazette.gov.mv/gazette/7457
