މާހީ- މިއީ މްލްޓި-ޓެލެންޓެޑް ޝަޚުޞިއްޔަތެއް
މިއީ މާހީ އެވެ. މާހީއަކީ ތަޢުލީމީ ދާއިރާއާއި، ކުޅިވަރާއި ދުޅަހެޔޮކަމުގެ ދާއިރާގެ އިތުރުން، ފޮތްތެރިކަމުގެ ދާއިރާގައިވެސް ފައިތިލަ ސާބިތުކުރަމުން އަންނަ މަލްޓި-ޓެލެންޓެޑް ޝަޚުޞިއްޔަތެކެވެ.
މާހީ ތަޢުލީމީ ދާއިރާއަށް ޝައުޤުވެރިކަން އުފެދުން ފެށުނީ ވަރަށް ތުއްތުއިރުގައެވެ. ޗޯކަކީ ކޯއްޗެއްކަން އެނގެން ފެށީއްސުރެ، އޭނާގެ ކުޅޭ އެއްޗެހިތައް އަތުރާލައިގެން އެ އެއްޗެއްސަށް ކިޔަވައިދޭން އުޅުނު ހަނދާންތައް މިއަދުވެސް އާވާކަމުގައި މާހީ ފާހަގަކުރިއެވެ. އެހެންކަމުން، ސްކޫލް ނިންމުމަށްފަހު، މާހީ އެންމެ ފުރަތަމަވެސް ކުރިއަށްދިޔައީ ޓީޗިންގެ ދާއިރާއިންނެވެ. ޓީޗިން ކޯސް ނިންމުމަށްފަހު، ރާއްޖޭގެ ބައެއް ބޮޑެތި އިންޓަނޭޝަނަލް ސްކޫލްތަކުގައި އޭނާ ވަނީ ކިޔަވައިދީފައެވެ.
ތަޢުލީމީ ދާއިރާގައި 09 އަހަރު ދުވަހު ޚިދުމަތް ކުރުމަށްފަހު، މާހީގެ ހިތުގައި އުފެދުނީ މި މަސައްކަތް އިތުރަށް ފުޅާކުރުމުގެ ޝައުޤުވެރިކަމެވެ. އެގޮތުން، އަމިއްލަ މަސައްކަތެއް ފެށުމުގެ ނިޔަތުގައި 'ބްރިލިއަންޓް ބްރެއިންސް' ގެ ނަމުގައި އާޓް ކުލާހެއް އުފެއްދީ އެ ހިސާބުންނެވެ. މިއީ އޭނާގެ އަމިއްލަ ހުނަރާއި ތަޖުރިބާ ބޭނުންކޮށްގެން ކުދިންނަށް އުނގަންނައިދިނުމަށް އެޅި މުހިންމު ފިޔަވަޅެކެވެ.
ތަޢުލީމީ ދާއިރާގައި އުޅެމުންވެސް މާހީއަކީ އަބަދުވެސް ހަރަކާތްތެރި ދިރިއުޅުމަކަށް ލޯބިކުރި މީހެކެވެ. ހެނދުނު ސްކޫލަށް ދިއުމުގެ ކުރިން ފަތިހު ޖިމަށް ގޮސް ކަސްރަތު ކުރުމަކީ އޭނާގެ އާދައެކެވެ. މިކަމުގެ ތެރެއިން، ކަސްރަތުގެ "މެކޭނިކްސް" ދަސްކުރުމުގެ ޝައުޤުވެރިކަން އުފެދި، ކޯޗިން ކޯހެއް ފުރިހަމަކުރިއެވެ. މިއަދު ޖިމް ކޯޗެއްގެ ގޮތުގައި ގިނަ ބަޔަކު ޓްރެއިންކޮށްދެމުން އަންނަ މާހީއަށް ޖިމަކީ އޭނާގެ ހަޔާތުގެ ވަރަށް މުހިންމު ބަޔަކަށްވަނީ ވެފައެވެ.
ހަމައެހެންމެ، މާހީ ފާހަގަކުރިގޮތުގައި ލިޔުންތެރިކަމުގެ ތެރެއަށް އޭނާއަށް ވަދެވުނީ ދިމާވި އިއްތިފާގަކުންނެވެ. ޓީޗިން ކޯހުގެ ތެރެއިން ފޮތެއް ތައްޔާރުކުރަން ޖެހުމުން، އޭނާ ބޭނުންވީ އޭނާގެ ހަޔާތުގައި އެންމެ ނަމޫނާ، އެންމެ "އިންސްޕަޔަރ" ވާ މީހަކާ ބެހޭގޮތުން ލިޔާށެވެ. އެގޮތުން އެންމެ ފުރަތަމަވެސް ހިތަށް އައީ އޭނާގެ ލޯބިވާ މާމައެވެ. އެގޮތުން، މާހީގެ ފުރަތަމަ ފޮތް ޚާއްޞަވީ ވެސް މާމައަށެވެ.
އޭނާގެ ފޮތް ލިޔުމުގެ ދަތުރުގައި އެންމެ ބޮޑު އިސްކަމެއް ދިނީ ކުޑަކުދިންނަށް ކިޔަން ފަސޭހަވާނެ ފަދަ ގޮތަކަށް ފޮތް ތައްޔާރުކުރުމަށެވެ. އެގޮތުން، އާންމުކޮށް ކުޑަކުދިންގެ ފޮތްތަކުގައި ހުންނަ ބައެއް ބަސްތަކަކީ ކިޔަން އުނދަގޫ ބަސްތަކަކަށް ވާތީ، މާހީ ބޭނުންވީ ތަންކޮޅެއް ފަސޭހަ ބަސްތަކެއް އޭނާގެ ފޮތުގައި ބޭނުންކުރުމަށް ކަމުގައި މާހީ ކިޔާދިނެވެ. މިކަމަށް އޭނާއަށް އެންމެ ބޮޑު އިންސްޕިރޭޝަނެއް ލިބިގެންދިޔައީ ނުކުޅެދުންތެރިކަން ހުންނަ ކުއްޖެއްގެ ފަރާތުންނެވެ. އެ ކުއްޖާއާ ވާހަކަދައްކާއިރު، މާހީއަށް ފާހަގަވީ ބައެއް ކަހަލަ ބަސްތައް އެކުއްޖާއަށް ކިޔަން ވަރަށް ފަސޭހަކަމެވެ. އެގޮތުން 'ނޫރާ' އަދި 'ސާރާ' ފަދަ ދެ އަކުރުގެ ސާދާ ބަސްތައް އެކުއްޖާ ވަރަށް ފަސޭހައިން ކިޔޭ ކަމަށް އޭނާ ފާހަގަކުރިއެވެ. މާހީ ތައްޔާރުކުރި ފޮތް "ނޫރާގެ ހިނގާލުން" މި ފޮތް ވުޖޫދަށް އައީ އެ ހިސާބުންނެވެ.
މާހީގެ ހަޔާތުގެ މި ތަޖުރިބާއިން އެހެންމީހުންނަށް މާހީ ދޭން ބޭނުންވާ މެސެޖަކީ ހިތްވަރު އެލުވާނުލައި، އާ ގޮތްތައް ހޯދައިގެން ކުރިއަށް ދިއުމަކީ ކާމިޔާބީގެ އަސްލުކަމުގައެވެ. މާހީ ގަބޫލުކުރާ ގޮތުގައި، ކާމިޔާބީއަކީ ހަމައެކަނި މަންޒިލަށް ފޯރުމެއް ނޫނެވެ. އެއީ އެ ދަތުރުގައި ދިމާވާ ގޮންޖެހުންތަކުން ފިލާވަޅު ލިބިގަނެ، ހިތްވަރާއެކު ފިޔަވަޅަކަށްފަހު ފިޔަވަޅެއް ކުރިއަށް އެޅުމެވެ.
