logo
banner image

މިފްކޯއިން ވިޔަފާރީގެ އައު ފުރުޞަތުތަކާ ގުޅޭގޮތުން “ޖެޓްރޯ” އާއެކު މަޝްވަރާކޮށްފި

ޖަޕާނު މާކެޓުގައި ރާއްޖޭގެ މަސްވެރިކަމުގެ އުފެއްދުންތައް އިތުރަށް ފުޅާކުރުމަށްޓަކައި، މޯލްޑިވްސް އިންޑަސްޓްރިއަލް ފިޝަރީޒް ކޮމްޕެނީ (މިފްކޯ) އިން ޖަޕާން އެކްސްޓާނަލް ޓްރޭޑް އޯގަނައިޒޭޝަން (ޖެޓްރޯ) އާއެކު މުހިންމު މަޝްވަރާތަކެއް ބާއްވައިފިއެވެ.

މި ބައްދަލުވުން ބާއްވާފައިވަނީ މިފްކޯގެ ވަފުދެއް މިހާރު ޖަޕާނުގެ ޓޯކިޔޯއަށް ކުރަމުންދާ ރަސްމީ ޒިޔާރަތުގެ ތެރެއިން، ޓޯކިޔޯގައި ހުންނަ ޖެޓްރޯގެ މައި އިދާރާގައެވެ. ޖެޓްރޯއަކީ ޖަޕާނު ސަރުކާރުގެ ފަރާތުން ބޭރުގެ ވިޔަފާރިތަކާއި އިންވެސްޓްމަންޓްތަކަށް އެހީތެރިކަން ފޯރުކޮށްދޭ މައި އިދާރާއެވެ.

މި މަޝްވަރާތަކުގެ މައިގަނޑު އަމާޒަކީ ޖަޕާނުގެ މާކެޓުގައި މިފްކޯގެ ވިޔަފާރީގެ ފުރުޞަތުތައް އިތުރުކުރުމާއި، އެކަމުގައި ޖެޓްރޯގެ ފަރާތުން ފަންނީ އަދި އިދާރީ ގޮތުން ދެވިދާނެ އެހީތެރިކަމާ ގުޅޭގޮތުން މަޝްވަރާކުރުމެވެ. މީގެ އިތުރުން ދިވެހި މަހުގެ އުފެއްދުންތަކަށް ޖަޕާނުން އޮތް ޑިމާންޑް އިތުރުކުރުމަށް ކުރެވިދާނެ މަސައްކަތްތަކަށްވެސް މި ބައްދަލުވުމުގައި އަލިއަޅުވާލާފައިވެއެވެ.

މި ބައްދަލުވުމުގައި މިފްކޯގެ ފަރާތުން ބައިވެރިވެވަޑައިގަތީ ސްޓްރެޓެޖިކް ކޮންސަލްޓެންޓް އާޠިފް ޝަކޫރާއި ކޯޕަރޭޓް އެފެއަރޒް ޖެނެރަލް މެނޭޖަރ އާމިނަތު ސަނިއްޔާ ޝަރީފެވެ. މި މަޝްވަރާގައި ޖަޕާނުގައި ހުންނަ ރާއްޖޭގެ އެމްބަސީ ހިންގުމާ ޙަވާލުވެޑައިގެން ހުންނެވި ޑެޕިޔުޓީ އެމްބެސެޑަރ އަޙްމަދު ޢާދިލާއި އެމްބަސީގެ ސެކަންޑް ސެކްރެޓަރީ ޙައްވާ ސަމްޙާ ބައިވެރިވެވަޑައިގަތެވެ.

މިއީ ދުނިޔޭގެ މުހިންމު މާކެޓުތަކުގައި މިފްކޯގެ އުފެއްދުންތަކަށް އޮތް ފުރުޞަތުތައް ފުޅާކުރުމަށާއި، ކުންފުނީގެ ވިޔަފާރި ފުޅާކުރުމަށް މިފްކޯއިން ކުރަމުންދާ މަސައްކަތުގެ ބައެކެވެ.