logo
banner image

‎މޯލްޑިވްސް ނޭޝަނަލް ސްކިލްސް ޑިވެލޮޕްމަންޓް އޮތޯރިޓީ އާއި ދިވެހި ބޭސްވެރިންގެ ޖަމްޢިއްޔާ އާއި ދެމެދު ފަހުމުނާމާއެއްގައި ސޮއިކޮށްފި

މޯލްޑިވްސް ނޭޝަނަލް ސްކިލްސް ޑިވެލޮޕްމަންޓް އޮތޯރިޓީއާއި ދިވެހި ބޭސްވެރިންގެ ޖަމްޢިއްޔާއާއި ދެމެދު ފަހުމުނާމާއެއްގައި ސޮއިކޮށްފިއެވެ. 2026 މާރިޗް 8 ވީ (އާދިއްތަ) ދުވަހުގެ ހެނދުނު 11:00 ގައި މޯލްޑިވްސް ނޭޝަނަލް ސްކިލްސް ޑިވެލޮޕްމަންޓް އޮތޯރިޓީގައި ބޭއްވި ބައްދަލުވުމުގައި އެމް.އެން.އެސް.ޑީ.އޭ. ގެ ފަރާތުން ސޮއިކުރެއްވީ ޗީފް އެގްޒެކެޓިވް އޮފިސަރ ޑރ. ޒަހުރާ މުޙައްމަދެވެ. ދިވެހި ބޭސްވެރިންގެ ޖަމްޢިއްޔާގެ ފަރާތުން ސޮއިކުރެއްވީ އެ ޖަމްޢިއްޔާގެ ރައީސް އަލްފާޟިލް މުޙައްމަދު އަޙްމަދެވެ. މި ފަހުމުނާމާއަކީ ދިވެހި ބޭސްވެރިކަމުގެ ދާއިރާއިން މީހުން ބިނާކުރުމަށް ބޭނުންވާ ނޭޝަނަލް އޮކިޔުޕޭޝަނަލް ކޮމްޕީޓެންސީ ސްޓޭންޑަޑްތަކާއި ޓްރެއިނިންގ ޕެކޭޖް ތައްޔާރުކުރުމަށް ސޮއިކޮށްފައިވާ ފަހުމުނާމާއެކެވެ.މި ފަހުމުނާމާގެ ދަށުން ދިވެހިބޭސްވެރިކަމުގެ ދާއިރާގައި 5 އަހަރަށްވުރެ ދިގުމުއްދަތެއްގައި މަސައްކަތްކޮށްފައިވާ ފަރާތްތަކަށް އެމް.އެން.އެސް.ޑީ.އޭ ގެ ނޭޝަނަލް ޓްރޭޑް ޓެސްޓިން އެންޑް ސެޓިފިކޭޝަން ޕްރޮގުރާމު މެދުވެރިކޮށް ނޭޝަނަލް ސެޓްފިކެޓް ހާޞިލުކުރެވޭނެ މަގު ފަހިވެ، އެފަދަ ތަމްރީނު ޕްރޮގްރާމުތައް އެސެސްކުރައްވާނެ ނޭޝަނަލް އެސެސަރުން ރެޖިސްޓްރީކުރުމުގެ ފުރުސަތު ހުޅުވި، މި ދާއިރާއިން އަލަށް ތަމްރީނުވާން ބޭނުންވާ ފަރާތްތަކަށް އެ ފުރުސަތުވެސް ލިބިގެންދާނެއެވެ. ނެތެމުންދާ ފަންނުތައް ދިރުވައި އާލާކުރުމަކީ ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒުގެ ވައުދުފުޅުތަކުގެ ތެރޭގައި ހިމެނޭކަމެކެވެ. މިގޮތުން އެމް.އެން.އެސް.ޑީ.އޭ އިން ދަނީ މިފަދަ ދާއިރާތަކަށް ޚާއްސަ ސްޓޭންޑަޑްތައް ތައްޔާރުކުރަމުންނެވެ.