ޖިއޮގްރަފިކް ތަންތަނަށް ނަން ކިއުމާއި ގުޅޭގޮތުން އާއްމުކޮށްފައިވާ އުސޫލު: 9 ވަނަ ބައި
މި ލިއުމުގެ މި ގެނެސްދެނީ، ޖިއޮގްރަފިކް ތަންތަނަށް ނަން ކިއުމާއި ގުޅޭގޮތުން މިނިސްޓްރީ އޮފް ފިނޭންސް އެންޑް ޕްލޭނިންގ އިން އާއްމުކޮށްފައިވާ އުސޫލާއި ގުޅޭ މައުލޫމާތެވެ.
މި ލިއުމުގައި ގެނެސްދޭނީ މި އުސޫލުގެ މާއްދާތައް ވަކިވަކިންނެވެ. އެގޮތުން މި ލިއުމުގައި މި ހިމަނާލަނީ، އުސޫލުގެ 12 ވަނަ މާއްދާއެވެ.
12. މާނަކުރުން
މި އުސޫލުގައި ބަޔާންކޮށްފައިވާ ކޮންމެ ލަފުޒެއް ނުވަތަ ޢިބާރާތެއް، ކަނޑައެޅިގެން އެހެން ގޮތަކަށް މާނަކޮށްފައިވާ ނުވާހާ ހިނދަކު މާނަކުރާނީ، ޤާނޫނު ނަންބަރު 3/2006 (ދަޢުލަތުގެ މާލިއްޔަތު ޤާނޫނު) އާއި ޤަވައިދު 2023/R-158 ( ދައުލަތުގެ މާލިިއްޔަތު ޤަވައިދު) ގައި އެ ލަފުޒެއް ނުވަތަ އިބާރާތެއް މާނަކޮށްފައިވާ ގޮތަށެވެ. މި އުސޫލުގެ ލަފުޒެއް ނުވަތަ އިބާރާތެއްް ބޭނުންކޮށްފައިވާ ގޮތުން ކަނޑައެޅިގެން އެހެން މާނައެއް ދޭހަ ނުވާހާ ހިނދަކު، އަންނަނިވި ޢިބާރާތްތަކާއިި ލަފުޒުތަކަށް ދީފައިވަނީ އެ ޢިބާރާތްތަކާއި ލަފުޒުތަކަށް ތިރީގައި ދީފައިވާ މާނަކުރުމެވެ.
(ހ) "ޖިއޮގްރަފިކް ތަނެއް" ނުވަތަ "ޖިއޮގްރަފިކް ތަންތަން" ކަމަށް ބުނެފައި އެ ވަނީ، ދިވެހިރާއްޖޭގެ ރަށްރަށާއި، ބިންބިމާއި، ފަޅުފަޅާއި، ފަރުފަރާއި، ހާހަލާއި، ގިރިގިރި އާއި އަދި މިނޫންވެސް ގުދުރަތީ މިފަދަ ތަންތަނާއި، އުފައްދާފައިވާ ތަންތަނާއި، ސަރަހައްދުތަކަށެވެ.
(ށ) "މިނިސްޓްރީ" ކަމަށް ބުނެފައި އެވަނީ ބިމާއި ގުޅުންހުރި ކަންކަން ބެލެހެއްޓުމުގެ މަސްއޫލިއްޔަތު އެ އިރެއްގައި ހަވާލުކޮށްފައިވާ ސަރުކާރުގެ ވުޒާރާއެއް ނުވަތަަ އިދާރާއަށެވެ.
(ނ) "ކޮމެޓީ" ކަމަށް ބުނެފައި އެ ވަނީ، މި އުސޫލުގެ 6 ވަނަ މާއްދާގެ (ހ) ގައި ބަޔާންކޮށްފައިވާ ގޮތުގެ މަތިން، ޖިއޮކްގަރފިކް ނަންތަކާއިބެހޭ ކޮމެޓީގެ ނަމުގައި އެކުލަވާލާފައިވާ ކޮމެޓީއަށެވެ.
(ރ) "ދިވެހިރާއްޖޭގެ ރަސްމީ ޗާޓް" ކަމަށް ބުނެފައި އެވަނީ، މިނިސްޓްރީން ތައްޔާރުކޮށް ޝާއިޢުކުރާ ރަށްތަކާއި، ފަޅުތަކާއި، އެފަދަ އެހެނިހެން ތަންތަނުގެ ޗާޓަށެވެ.
13. އުސޫލަށް ޢަމަލުކުރަން ފެށުން
މި އުސޫލަށް އަމަލުކުރަން ފަށާނީ ދިވެހިސަރުކާރުގެ ގެޒެޓުގައި މި އުސޫލު ޝާއިޢުކުރާ ދުވަހުންފެށިގެންނެވެ.
14. އުވައިލެވޭ އުސޫލު
(ހ) މި އުސޫލަށް ޢަމަކުރަން ފެށުމާއެކު، 11 ޖެނުއަރީ 2023ގައި ދިވެހި ސަރުކާރުގެ ގެޒެޓުގައި ޝާއިޢުކޮށްފައިވާ "އުސޫލު ނަންބަރު 2023/G-2 ޖިއޮގްރަފިކް ތަންތަނަށް ނަން ކިއުމުގެ އުސޫލު" އުވުނީއެވެ.
(ށ) މި މާއްދާގެ (ހ) ގައި އެހެން ބަޔާންކޮށްފައި އޮތް ނަމަވެސް، އެ އުސޫލުގެދަށުން އެއްވެސް ހުށަހެޅުމަށް ހުށަހަޅާފައިވާނަމަ، މި އުސޫލުގެ 11 ވަނަ މާއްދާގެ ދަށުން އެ ހުށަހެޅުމަކާމެދު ޢަމަލުކުރަންވާނެ އެވެ.
_______________
