logo
banner image
ޚާރިޖީ ވުޒާރާ

އިންސާނީ ޙައްޤުތަކަށާއި ބައިނަލްއަޤްވާމީ މަސްރަހުގައި ހުރިހާ ޤައުމެއްގެ ބައިވެރިވުން އިތުރުކުރުމަށް ރާއްޖެއިން ތާއީދު ކުރާނެކަމުގެ ޔަގީންކަން, އދ.ގެ އިންސާނީ ޙައްޤުތަކާބެހޭ ކައުންސިލްގެ 61 ވަނަ ސެޝަންގެ ހައި-ލެވެލް ސެގްމަންޓްގައި ފޮރިން މިނިސްޓަރު ޑރ. ޚަލީލް ދެއްވައިފި

އ.ދ.ގެ އިންސާނީ ހައްޤުތަކާބެހޭ ކައުންސިލްގެ 61 ވަނަ ސެޝަންގެ ޢާންމު ބަހުސްގައި މިނިސްޓަރ އޮފް ފޮރިން އެފެއަރޒް ޑޮކްޓަރ ޢަބްދުالله ޚަލީލް މިއަދު ތަޤްރީރު ކުރައްވައިފިއެވެ.

އެގޮތުން މިނިސްޓަރގެ ތަގްރީރުގައި ޔުނިވަރސަލް ޑެކްލަރޭޝަން އޮފް ހިއުމަން ރައިޓްސްގެ އުޞޫލުތަކަށް ރާއްޖެއިން އަބަދުވެސް ސާބިތުކަންމަތީ ދެމިތިބޭނެކަމުގެ ޔަޤީންކަން ދެއްވިއެވެ. ހަމައެއާއެކު މިނިސްޓަރގެ ވާހަކަފުޅުގައި، ކޮންމެ މީހަކީވެސް މިނިވަންކަމާއި ހަމަހަމަކަން އަދި އިންސާނީ ޙައްޤުތައް ކަށަވަރުވެފައިވާ ބައެއްކަން ހަނދާންކޮށްދެއްވައި، އެ އުޞޫލުތައް ނެގެހެއްޓުމަކީ ބައިނަލްއަޤްވާމީ މުޖްތަމަޢުގެ ޒިންމާއެއްކަން ހަނދާންކޮށްދެއްވިއެވެ. މީގެ އިތުރުން އިންސާނީ ޙައްޤުތައް ކުރިއެރުވުމުގައި ބައިނަލްއަޤްވާމީ ގުޅުންތައް އިތުރަށް ބަދަހިކުރުމުގެ މުހިންމުކަން ވެސް އެމަނިކުފާނު ފާހަގަކުރެއްވިއެވެ. އަދި ބައިނަލްއަޤްވާމީ އިންސާނީ ޙައްޤުތަކުގެ ނިޒާމުގެ އިތުބާރު ދެމެހެއްޓުމަށްޓަކައި މަޝްވަރާކުރުމުގެ މުހިންމުކަމުގެ މައްޗަށް މިނިސްޓަރ އަލިއަޅުއްވާލެއްވިއެވެ.

މީގެ އިތުރުން ރާއްޖޭގައި ޑިމޮކްރެޓިކް ވެރިކަން ހަރުދަނާ ކުރުމަށާއި، ޤާނޫނު ހިންގުމަށާއި, މުއައްސަސާތައް ޖަވާބުދާރީ ކުރުވުމަށް ގައުމީ ފެންވަރުގައި ކުރަމުންދާ މަސައްކަތްތަކުގެ މައްޗަށްވެސް އަލިއަޅުވާލައްވާފައިވެއެވެ. އަދި، ކޮރަޕްޝަނާ ދެކޮޅަށް ކުރެވެމުންދާ މަސައްކަތްތަކާއި، އަންހެން ވިޔަފާރިވެރިންނާއި، ނުކުޅެދުންތެރިކަން ހުންނަ ފަރާތްތަކާއި، ކުޑަކުދިން ފަދަ ޚާއްސަ އަޅާލުން ބޭނުންވާ ފަރާތްތަކަށް އެހީތެރިކަން ފޯރުކޮށްދިނުމުގެ އިތުރުން އިޖްތިމާޢީ ޚިދުމަތްތައް އިތުރަށް ހަރުދަނާ ކުރުމަށް ކުރެވެމުންދާ މަސައްކަތްތައް މިނިސްޓަރ ހިއްސާކުރެއްވިއެވެ.

ހަމައެއާއެކު، ބައިނަލްއަޤްވާމީ އިންސާނީ ޙައްޤުތަކުގެ ނިޒާމުގައި ރާއްޖޭގެ ބައިވެރިވުން އިތުރުކޮށްފައިވާކަން ފާހަގަކޮށް 2025 ވަނަ އަހަރުގެ ނޮވެމްބަރު މަހު ރާއްޖޭގެ ހަތަރުވަނަ ޔުނިވާރސަލް ޕީރިއޮޑިކް ރިވިއު ކާމިޔާބުކަމާއެކު ކުރިއަށް ދިޔަކަން ތަގްރީރުގައި ފާހަގަކުރެއްވިއެވެ. އަދި ކުދި ޖަޒީރާ ޤައުމެއްގެ ހައިސިއްޔަތުން، ދިވެހިރާއްޖެއިން އަބަދުވެސް މަސައްކަތްކުރަނީ, އިންސާނީ ޙައްޤުތައް ޙިމާޔަތްކޮށް، އެންމެ ކުޑަކޮށް ތަރައްޤީވެފައިވާ ޤައުމުތަކާއި ތަރައްޤީވަމުން އަންނަ ކުދި ޖަޒީރާ ޤައުމުތަކަށް ދިމާވެފައިވާ ގޮންޖެހުންތައް ހައްލުކުރުމަށްކަމަށާއި، އެ ޤައުމުތަކުގެ ބައިވެރިވުން ދެމެހެއްޓެނިވި ގޮތެއްގައި މި ކައުންސިލްގައި އިތުރުކުރުމަށްކަމަށްވެސް މިނިސްޓަރގެ ވާހަކަފުޅުގައި ފާހަގަކުރެއްވިއެވެ.

މިއާއެކު 2028 އިން 2030 ގެ ދައުރަށް އދ.ގެ އިންސާނީ ހައްގުތަކާބެހޭ ކައުންސިލްއަށް ރާއްޖެއިން ވާދަކުރޭނެކަމަށް މިނިސްޓަރ އިއުލާންކުރެއްވިއެވެ.

މިނިސްޓަރ ޑރ. ޚަލީލްގެ ތަގްރީރް ނިންމަވާލައްވަމުން ވަނީ އިތުބާރު ހިފޭ މިންގަނޑުތައް ދަމަހައްޓައި، އެންމެން ޝާމިލްވާފަދަ ނިޒާމެއް ހަރުދަނާކޮށް، ރަނގަޅު ނަތީޖާތަކެއް ޙާޞިލުކުރުމަށް ކައުންސިލަށް ގޮވާލައްވާފައެވެ. އަދި، އިންސާނީ ޙައްޤުތައް ޙިމާޔަތްކޮށް ރައްކާތެރިކޮށް، އިންސާނީ ކަރާމާތް ރައްކާތެރިކުރުމަށް ރާއްޖެއިން އަބަދުވެސް މަސައްކަތް ކުރާނެކަމުގެ ޔަޤީންކަން މިނިސްޓަރ ޑރ. ޚަލީލް ދެއްވިއެވެ.