ރޯދަ މަހަކީ ޢާއިލީ ގުޅުންތައް ބަދަހިކުރުމަށް ލިބޭ އަގުހުރި ފުރުޞަތެއް
ރޯދަ މަހަކީ ކުދިންނާއި، އެކުދިންގެ މައިންބަފައިން ނުވަތަ ބެލެނިވެރިންނާ ދެމެދު އޮންނަ ގުޅުން ބަދަހިކުރުމަށް ލިބޭ އަގުހުރި ފުރުސަތެކެވެ. ކުދިން ސްކޫލަށް ދާނީ ރޯދަ މަހުގެ ފުރަތަމަ ހަފްތާގައި އެކަންޏެވެ. ވަޒީފާ އަދާކުރާ ގިނަ މައިންބަފައިން ނުވަތަ ބެލެނިވެރިންގެ މަސައްކަތު ގަޑި ރޯދަ މަހު އެހެން މަސްމަހަށް ވުރެ ކުރުވާނެ އެވެ. އެހެންވުމާއެކު ކުދިންނާއި ބެލެނިވެރިން ގޭގައި އެކުގައި ހޭދަކުރާ ވަގުތު ޔަގީނުންވެސް ރޯދަ މަހު އިތުރުވާނެ އެވެ.
ދެން އޮތީ ކުދިންނާއި ބެލެނިވެރިން ގޭގައި އެ ހޭދަކުރާ ވަގުތަކީ 'ކޮލިޓީ' ވަގުތަކަށް ހެދޭތޯ ބެލުމެވެ. އެގޮތުން، އެ ވަގުތަކީ ކުދިންނާ ބެލެނިވެރިންނާ ދެމެދު އޮންނަ ގުޅުން އިތުރަށް ބަދަހިވާނެ ގޮތަކަށް ހޭދަކުރެވޭ ވަގުތަކަށް ހެދުމެވެ. ގޭގައި އެއްވަގުތެއްގައި ކުދިންނާއި ބެލެނިވެރިން ތިބުމަކުން އެކަނި އެކަން ހާސިލެއް ނުވެ އެވެ. ގުޅުން ބަދަހިކުރެވޭނީ އެކަމަށް ހަރުދަނާ މަސައްކަތްތަކެއްވެސް ކޮށްގެންނެވެ.
ރޯދަ މަހަކީ އަޅުކަމުގައި ގިނަ ވަގުތު އެންމެންވެސް ހޭދަކުރާ މަހަކަށްވުމާއެކު ކުދިންނާއި ބެލެނިވެރިން އެކުގައި އެކަން ކުރުމަކީ ގުޅުން ބަދަހިކުރުމަށްޓަކައި ކުރެވިދާނެ މުހިންމު ކަމެކެވެ. ބައްޕައިން ނަމާދަށް މިސްކިތަށް ދާއިރު ފިރިހެން ކުދިން ގޮވައިގެން ދިއުމާއި، މަންމައިން ގޭގައި ނަމާދަށް އަރާއިރު އަންހެން ކުދިން ބައިވެރިކުރެވިދާނެ އެވެ. ތަރާވީހް ނަމާދާއި، ދަމު ނަމާދަށް އާއިލާ އެކުގައި މިސްކިތަށް ދެވިދާނެ އެވެ. ކުދިންގެ އުމުރާ ގުޅޭގޮތުން ވަކި ޓާގެޓްތަކެއް ދީގެން ގުރުއާން ކިޔެވުން ފަދަ ކަންކަމުގައި ކުދިންނާއެކު ބައިވެރިވެ ހިތްވަރު ދެވިދާނެ އެވެ.
ރޯދަ މަހަކީ ރޭޑިއޯ އަދި ޓީވީ ޗެނަލްތަކުން ހާއްސަ ޕްރޮގްރާމްތައް އަބަދުވެސް ގެނެސްދޭ މަހެކެވެ. އޭގެ ތެރެއިން ބައެއް ޕްރޮގްރާމްތަކަކީ އާއިލާ އެކީގައި ބައިވެރިވެވޭ ކަހަލަ ޕްރޮގްރާމްތަކެވެ. ނުވަތަ އާއިލާގެ އެންމެން އެކީގައި ތިބެގެން ބަލާލަން ރަގަޅު ޕްރޮގްރާމްތަކެވެ. މިސާލެއް ނަގަމާ ހިނގާށެވެ. އާއިލާގެ ކޮންމެވެސް އެއް މެންބަރަކު ރަގަޅު އިނާމެއް ލިބޭ ކުއިޒް ޕްރޮގްރާމެއްގައި ބައިވެރިވަނީ އެވެ. އެ ޕްރޮގްރާމުގައި އާއިލާއިން ބައިވެރިވާ ފަރާތުން ކުއިޒްގެ ސުވާލުތަކަށް ޖަވާބު ދޭއިރު އެހީވާން އާއިލާގެ ދެން ތިބި މެންބަރުންނަށް ކައިރީގައި ތިބެވިދާނެ އެވެ. މީގެ އިތުރުން އެންމެން އެއްކޮށް ތިބެގެން ޕްރޮގްރާމްތައް ބަލާއިރު އެ ޕްރޮގްރާމެއްގައި ދައްކާ މަންޒަރާއި ނުވަތަ ހިނގާ ކަންކަމާ ގުޅޭގޮތުން އެކަކު އަނެކަކާ ހިޔާލު ބަދަލުކުރެވިދާނެ އެވެ.
ހުރިހާ ގެއެއްގައި ކަހަލަ ގޮތަކަށް ރޯދަމަހު ކުރާނެ އެއް ކަމަކީ ރޯދަ ވީއްލުމަށްޓަކައި ކާތަކެތި ތައްޔާރުކުރުމެވެ. މިގޮތަށް ކާތަކެތި ތައްޔާރުކުރާއިރު ކުދިންނަށް މީރީ ކޮންކަހަލަ ތަކެއްޗެއްތޯ އޮޅުންފިލުވައި އެ އާއިލާއެއްގެ ތަނަވަސްކަން ހުރި މިންވަރަކުން އެތަކެތި އެކުދިންނަށްޓަކައި ތައްޔާރުކޮށްދެވިދާނެ އެވެ. އަދި ކާތަކެތި ތައްޔާރުކުރުމާއި، ރޯދަ ވީއްލަން ސުފުރާމަތި ތައްޔާރުކުރުމުގައި ކުދިން ބައިވެރިކުރެވިދާނެ އެވެ.
ދެން އެއަށްފަހު އޮންނާނީ ރޯދަމަހު ކޮންމެ ދުވަހަކު އަންނާނެ އެންމެ އުފާވެރި ވަގުތެވެ. އެއީ ރޯދަ ވީއްލުމަށް އިންސާފުކުރެވޭ ވަގުތެވެ. ކުދިންނާ ބެލެނިވެރިންނާ ދެމެދު އޮންނަ ގުޅުން ބަދަހިކުރުމަށްޓަކައި މިކަމުގައި އެންމެން އެކީގައި ބައިވެރިވުން ވަރަށް މުހިންމެވެ. އަދި، އެ ވަގުތަކީ ފޯނު ފަދަ ތަކެތި އެއްފަރާތްކޮށް އެކަކު އަނެކަކާ އުފާވެރިކަމާއެކު ވާހަކަދެއްކޭ ވަގުތަކަށް ވާންޖެހެ އެވެ. މުޅި ރޯދަ މަހުން އެއް ދުވަހު ނަމަވެސް ތަފާތު ކޮށްލުމުގެ ގޮތުން އެހެން މާހައުލަކަށް ރޯދަ ވީއްލަން ދިއުމަކީ ވެސް ކުރުން ހަމަ އެންމެ ރަނގަޅު ކަމެކެވެ.
ކުދިންނާއި މައިންބަފައިން ނުވަތަ ބެލެނިވެރިންނާ ދެމެދު އޮންނަ ގުޅުން ބަދަހި ކުރުމުގެ އިތުރުން އާއިލީ އެހެން ގުޅުންތައް ބަދަހިކުރުމަށްވެސް ރޯދަ މަހަކީ ބޭނުން ހިފޭނެ ފުރުސަތެކެވެ. ވަކިން ދިރިއުޅޭ އާއިލާގެ އެހެން މެންބަރުންނަށް ރޯދަ ވީއްލުމަށް ދައުވަތު ދިނުމާއި، ރޯދަ ވީއްލުމަށް ކާތަކެތި ފޮނުވުމާއި، ތަނަވަސްކަން ހުރި މިންވަރުން އާއިލާގެ ދެން ތިބި މެންބަރުންނަށް އެހީ ފޯރުކޮށްދިނުން ފަދަ ކަންކަމަކީ ރޯދަ މަހުގެ ދަރުމައާއި ސަވާބު ލިބިގަތުމުގެ އިތުރުން އާއިލީ ގުޅުން ބަދަހިކުރުމަށްޓަކައިވެސް ކުރެވޭނެ ހަމަ އެންމެ ރަނގަޅު ކަންކަމެވެ.
