logo
banner image

"ދައުލަތުގެ މާލިއްޔަތުގެ ގަވާއިދު" ބާބު 19 - 19.01 އެހެނިހެން "މާނަކުރުން"

މި ލިއުމުގައި މި ހިމަނާލަނީ، "ދައުލަތުގެ މާލިއްޔަތުގެ ގަވާއިދު"ގެ ބާބު ތަކާއި މާއްދާތައް ވަކިވަކިންނެވެ.

އެގޮތުން މި ލިއުމުގައި މި ގެނެސްދެނީ ބާބު 19 "އެހެނިހެން" އާއި ޕްރޮކިއުމަންޓް ނިޒާމުން ހާސިލުކުރުމަށް ބޭނުންވާ ކަންތައްތަކާއި އުސޫލުތަކާއި ގުޅޭ މާއްދާތަކެވެ.

މާނަކުރުން

19.01

(ހ) މި ގަވާއިދުގައި ޢިބާރާތެއް ހިމަނައިފައިވާ ގޮތުން އެހެން ގޮތަކަށް ކަނޑައެޅިގެން ދޭހަނުވާހައި ހިނދަކު، މި ގަވާއިދުގައި ބޭނުންކޮށްފައިވާ ލަފުޒުތަކާއި ޢިބާރާތްތައް މާނަކުރާނީ، ދައުލަތުގެ މާލިއްޔަތުގެ ޤާނޫނުގެ 52 ވަނަ މާއްދާގައި ބަޔާންކޮށްފައިވާ މާނަޔާ އެއްގޮތްވާ ގޮތުގެ މަތީން ނުވަތަ ތިރީގައި ބަޔާންކޮށްފައިވާ ގޮތުގެ މަތީންނެވެ.

(1) "ހިސާބުތައް" ކަމަށް ބުނެފައި އެވަނީ، ދައުލަތުގެ މާލިއްޔަތުގެ ޤާނޫނު ނުވަތަ މި ގަވާއިދުގެ ދަށުން ބަލަހައްޓަންޖެހޭ ދައުލަތުގެ ފައިސާއާއި އެހެނިހެން ފައިސާ، ނުވަތަ ދައުލަތުގެ މުދަލާއި އެހެނިހެން މުދާ، ނުވަތަ ފައިސާގެ މުޢާމަލާތްތައް، ނުވަތަ މުދަލެއްނަމަ ފައިސާއިން ނުވަތަ އެހެން މިންގަނޑަކުން މިންކޮށްފައިވާ ތަކެއްޗާ ބެހޭގޮތުން އެއްކޮށްފައިވާ ނުވަތަ ރިކޯޑުކޮށްގެން، ނުވަތަ ލިޔުމެއްގެ ސިފައިގައި، ނުވަތަ ޗާޕުކޮށްގެން، ނުވަތަ މައިކްރޯފިލްމުގެ ގޮތުގައި، ނުވަތަ އިލެކްޓްރޯނިކްގެ ޒަރީއާއިން ބަލަހައްޓާ ރިކޯޑަށެވެ. މި މާނައިގައި، ފޮތް، ލިޔެކިޔުން، މަނިޓަރީ ފޯމު، ޚުލާޞާ، ވައުޗަރު، ކޮމްޕިއުޓަރ ޕްރިންޓްއައުޓް، ނުވަތަ މިނޫން އެހެން ގޮތްގޮތުން ހިސާބުކުރުމުގައި ބޭނުންކުރާ އެންމެހައި ލިޔެކިޔުން ހިމެނެއެވެ.

(2) "ޚަރަދު" ކަމަށް ބުނެފައި އެވަނީ، އެކި ކަންކަމަށް ކަނޑައެޅި ބަޖެޓުކުރެވިގެން ކުރެވޭ ހޭދައަށާއި، އެ ނޫން ވެސް ފަންޑު އެކައުންޓުތަކުން ކުރެވޭ ހޭދައަށެވެ. ޚަރަދުގެ މާނައިގައި އެޑްވާންސްގެ ގޮތުގައި ދޫކުރާ ފައިސާއެއް ނުހިމެނޭނެއެވެ.

(3) "ޚާއްޞަ އެހީ" ކަމަށް ބުނެފައި އެވަނީ، ދައުލަތުގެ މާލިއްޔަތުގެ ޤާނޫނުގެ 10 ވަނަ މާއްދާއާއި، މި ގަވާއިދުގެ 6.28 ވަނަ މާއްދާގައި ބަޔާންކޮށްފައިވާ ބާވަތުގެ އެހީއަށެވެ.

(4) "ބޭންކް" ކަމަށް ބުނެފައި އެވަނީ، ޤާނޫނު ނަންބަރު 24/2010 (ދިވެހިރާއްޖޭގެ ބޭންކިންގއާބެހޭ ޤާނޫނު) ގައި ދީފައިވާ މާނަކުރުމުގައެވެ. އަދި މޯލްޑިވްސް މަނިޓަރީ އޮތޯރިޓީ ގަބޫލުކުރާ، ރާއްޖެއިން ބޭރުގެ ބޭންކްތަކަށެވެ.

(5) "ބަޖެޓު" ކަމަށް ބުނެފައި އެވަނީ، ދައުލަތަށް ލިބޭނޭކަމަށް އަންދާޒާކުރެވޭ އާމްދަނީއަށް ބަލައިގެން ޚަރަދުކުރުމަށް ތައްޔާރުކުރާ ޕްލޭނަށެވެ.

(6) "ބަޖެޓަރީ ކޮންޓްރޯލް" ކަމަށް ބުނެފައި އެވަނީ، ދައުލަތުގެ އަހަރީ ބަޖެޓު ހިންގުމަށް ޓަކައި މިނިސްޓްރީން ގެންގުޅޭ ކޮންޓްރޯލްތަކަށެވެ.

(7) "ބަޖެޓު ސަރކިއުލަރ" ކަމަށް ބުނެފައި އެވަނީ، ދައުލަތުގެ ބަޖެޓު ތައްޔާރުކުރުމާ ގުޅޭގޮތުން މިނިސްޓްރީން އާންމުކުރާ އިރުޝާދުތަކަށެވެ.

(8) "ކޮންޓްރެކްޓަރު" ކަމަށް ބުނެފައި އެވަނީ، މި ގަވާއިދުގެ ދަށުން ހަވާލުކުރާ އެންމެހައި މަސައްކަތްތައް ކުރުމަށާއި، ހޯދާ ޚިދުމަތްތައް ފޯރުކޮށްދިނުމަށާއި، ތަކެތި ގަތުމަށް ކޮންޓްރެކްޓް އުސޫލުން ހަވާލުކުރާ ފަރާތަށެވެ.

(9) "ކައުންސިލް" ކަމަށް ބުނެފައި އެވަނީ، ޤާނޫނު ނަންބަރު 7/2010 (ދިވެހިރާއްޖޭގެ އިދާރީ ދާއިރާތައް ލާމަރުކަޒީ އުޞޫލުން ހިންގުމުގެ ޤާނޫނު) ގެ ދަށުން އުފައްދާ ސިޓީ ކައުންސިލާއި، އަތޮޅު ކައުންސިލާއި، ރަށު ކައުންސިލަށް ނިސްބަތްކޮށެވެ.

(10) "ކޮންޓިންޖެންޓް ލަޔަބިލިޓީ" ކަމަށް ބުނެފައި އެވަނީ، ޔަގީންކަމާއެކު ބަޔާންކޮށްދޭން ދަތިކަމެއް ކުރިމަގުގައި ހިނގައިފިނަމަ، އެ ކަމެއް ހިނގުމުގެ ސަބަބުން އަދާކުރަންޖެހިދާނެ ދަރަންޏަށް ނުވަތަ ފައިސާއަށެވެ.

(11) "ކްލޯޒް ރިލޭޓިވް" ކަމަށް ބުނެފައި އެވަނީ، އެ މުވައްޒަފަކު ކައިވެނިކޮށްގެން އުޅޭ މީހާއާއި، މައިންބަފައިންނާއި، ދަރިންނާއި، އެއްބަނޑުއެއްބަފާ މީހުންނާއި، އެއްބަނޑު މީހުންނާއި، އެއްބަފާ މީހުންނާއި، ދޮންދަރީންނާއި، އެ މުވައްޒަފަކު ކައިވެނިކޮށްގެން އުޅޭ މީހާގެ އެއްބަނޑުއެއްބަފާ މީހުންނާއި، އެއްބަނޑު މީހުންނާއި، އެއްބަފާ މީހުންނާއި، އެ މީހާގެ މައިންބަފައިންނަށެވެ.

(12) "ކްލޯޒް އެސޯސިއޭޓް" ކަމަށް ބުނެފައި އެވަނީ، އެ މުވައްޒަފަކާ ވިޔަފާރީގެ ހިއްސާ ނުވަތަ ވިޔަފާރީގެ ގުޅުން އޮންނަ ފަރާތްތަކަށެވެ.

(13) "ކޮސްޓް ސެންޓަރ" ކަމަށް ބުނެފައި އެވަނީ، އެ ތަނެއްގެ ހިސާބު ބެލެހެއްޓުމުގައި އެ ތަނަކަށް ހިނގާ ޚަރަދުތަކުގެ ހިސާބުތައް ވަކިން ބަލަހައްޓަންޖެހޭކަމަށް ބަލައި، އެ ތަނެއްގެ މަސައްކަތްތައް ބައިކުރުމަށް ބޭނުންވާ ހާލަތްތަކުގައި ބައިކުރެވޭ އެންމެ ދަށް ފަންތިއަށެވެ.

(14) "ކެޕިޓަލް ޚަރަދު" ކަމަށް ބުނެފައި އެވަނީ، ދައުލަތުގެ ބޭނުންތަކަށް ޓަކައި އޭގެ ޒާތުގައި ކެޕިޓަލް ޚަރަދުތައް ހިމެނޭ މަސައްކަތްތަކާއި މަޝްރޫޢުތަކަށެވެ. އެ މަސައްކަތުގައި މާއްދީގޮތުން މުދަލެއް ހިމެނިގެންވުން ލާޒިމެއް ނޫނެވެ.

(15) "އުޖޫރަ" ކަމަށް ބުނެފައި އެވަނީ، މުވައްޒަފުގެ ވަޒީފާއާ ގުޅޭގޮތުން، ފައިސާއިން، ނުވަތަ އަގުހުރި އެހެންވެސް އެއްޗަކުން، ވަޒީފާދޭ ފަރާތުން އެ މުވައްޒަފަކަށް ދޭ މުސާރައާއި، އިތުރު މަންފާތަކާއި، އެލަވަންސްތަކާއި ވަޒީފާއާ ގުޅިގެން އެ މުވައްޒަފަކަށް ދޭ އެހެނިހެން މާލީ ފައިދާތަކަށެވެ.

(16) "ޢިނާޔަތް" ކަމަށް ބުނެފައި އެވަނީ، އަދާކުރާ ވަޒީފާއާ ގުޅޭގޮތުން ދެވޭ މުސާރައިގެ އިތުރަށް ދެވޭ މަންފާއެއްގެ ގޮތުގައި ސީދާގޮތުގައި ނުވަތަ ނުސީދާގޮތުގައި ދެވޭ ފައިސާއަށާއި، ވަޒީފާއިން ވަކިވުމުން ދޭން ކަނޑައަޅާ ޢިނާޔަތަށް ނުވަތަ ފައިސާގެ އަގުން އަގުކުރެވޭގޮތަށް ދެވޭ ފަސޭހަތަކަށެވެ.

(17) "އިންޑެމްނިޓީ" ކަމަށް ބުނެފައި އެވަނީ، ގެއްލުމުގެ ބަދަލު ދިނުމަށް ނުވަތަ ދެފަރާތެއްގެ ދެމެދުގައި ވެފައިވާ އެއްބަސްވުމެއްގެ ސަބަބުން ދެފަރާތުންކުރެ ފަރާތަކަށް ލިބިދާނެ ގެއްލުމަކަށް ބަދަލު ދިނުމަށް އެއްބަސްވެ، އެއް ފަރާތުން އަނެއް ފަރާތަށް ދީފައިވާ ގެރެންޓީއަކަށް ނުވަތަ ޔަގީންކަމަކަށެވެ.

(18) "އެކައުންޓިންގ އޮފިސަރު" އާއި، "ރިސީވަރުން" އާއި، "ކަލެކްޓަރުން" އާއި، "ފައިސާއާބެހޭ މުވައްޒަފުން" ކަމަށް ބުނެފައި އެވަނީ، އެ ފަރާތެއްގެ މައިގަނޑު މަސްއޫލިއްޔަތާއި ޒިންމާގެ ގޮތުގައި ދައުލަތުގެ މުދަލާއި ފައިސާގެ ހިސާބުތައް ބެލެހެއްޓުމުގެ ކޮންމެ މަސައްކަތެއް ކުރާ ފަރާތަކަށް ނުވަތަ ފަރާތްތަކަށެވެ.

(19) "އަންޑަރޓޭކިންގ" ކަމަށް ބުނެފައި އެވަނީ، އެއް ފަރާތަކުން އަނެއް ފަރާތަކަށް ފައިސާގެ ޒިންމާ އުފުލާނެކަމަށް ބުނެ އެއްބަސްވާ އެއްބަސްވުމަށެވެ.

(20) "އައްޔަނުކުރުން" ކަމަށް ބުނެފައި އެވަނީ، ވަކި ޒިންމާއެއް އަދާކުރުމަށް ނުވަތަ ވަކި ކަމަކަށް ނުވަތަ ވަކި ކަމެއް ކުރުމަށް ވަކި ނަމެއްގައި ނުވަތަ ވަކި މަޤާމަކަށް މީހަކު ހޮވުމަށް ނުވަތަ ކަނޑައެޅުމަށެވެ.

(21) "އަންދާޒާ ބަޖެޓު" ކަމަށް ބުނެފައި އެވަނީ، ސަރުކާރުގެ މަސްއޫލު އޮފީސްތަކާއި ދައުލަތުގެ މުދަލާއި ފައިސާ ބޭނުންކޮށްގެން ހިންގޭ ދައުލަތުގެ ހުރިހާ އޮފީސްތަކުން ތައްޔާރުކޮށް މިނިސްޓްރީއަށް ހުށަހަޅާ، އަންދާޒާ ބަޖެޓަށެވެ.

(22) "އޮފިސަރު" ކަމަށް ބުނެފައި އެވަނީ، މި ގަވާއިދުގައި މުވައްޒަފެއްކަމަށް މާނަކޮށްފައިވާ ކޮންމެ މީހަކަށެވެ.

(23) "އޮތޮރައިޒިންގ އޮފިސަރުން" ކަމަށް ބުނެފައި އެވަނީ، ފައިސާ ޚަރަދުކުރުމަށް ހުއްދަދިނުމަށް ލިޔުންތަކުގައި ސޮއިކުރާ ފަރާތަށް ނުވަތަ ފަރާތްތަކަށެވެ.

(24) "އެސެޓްސް" ކަމަށް ބުނެފައި އެވަނީ، ދަރަނި އަދާކުރުމަށް ޓަކައި ބޭނުންކުރެވިދާނެ، އަދި މާލީގޮތުން އަގުކުރެވޭގޮތަށް ދައުލަތުގެ މިލްކުގައިވާ ތަކެއްޗަށާއި، ވިޔަފާރިއަށާއި، މުދަލަށެވެ.

(25) "ވަޔަރމަންޓް" ކަމަށް ބުނެފައި އެވަނީ، ބަޖެޓުގެ އެއް އައިޓަމަކަށް ގެނެވޭ އުނިކުރުމަކާއެކު، ބަޖެޓުގެ އެހެން އައިޓަމަކަށް ގެނެވޭ އިތުރުކުރުމަކަށެވެ.

(26) "މުސާރަ" ކަމަށް ބުނެފައި އެވަނީ، ޢިނާޔަތް ނުހިމެނޭގޮތުން ވަޒީފާ އަދާކުރާ ފަރާތަށް ދެވޭ، ދުރާލާ ކަނޑައެޅިފައިއޮތް، އަދި ކަނޑައެޅިފައިވާ ވަކި އުސޫލަކުން ދެވޭ، ވަޒީފާގެ ނުވަތަ މަސައްކަތުގެ އުޖޫރައަށެވެ.

(27) "މާލިއްޔަތާ ގުޅޭ ސަރކިއުލަރ" ކަމަށް ބުނެފައި އެވަނީ، ދައުލަތުގެ ސިޔާސަތެއް ތަންފީޒުކުރުމަށް ނުވަތަ ދައުލަތުގެ މާލިއްޔަތާ ގުޅޭ ކަމެއް، ދައުލަތުގެ މާލިއްޔަތުގެ ގަވާއިދުގައި ކަނޑައަޅައިފައިވާ އުސޫލުތަކާއި ހަމަތަކުގެ ތެރެއިން އަދި އެ ގަވާއިދާ ފުށުއެރުމެއް ނުވާގޮތަށް ތަންފީޒު ކުރުމަށް ޓަކައި އެކަށައަޅަންޖެހޭ ތަފުސީލީ އިޖުރާއަތެއް ކަނޑައެޅުމުގެ ގޮތުން މިނިސްޓަރު ލިޔުމުން ނެރޭ އެކިއެކި އެންގުންތަކަށެވެ.

(28) "މިނިސްޓަރު" ކަމަށް ބުނެފައި އެވަނީ، ދައުލަތުގެ މާލިއްޔަތާބެހޭ ސިޔާސަތުތައް ތަންފީޒުކުރުމުގެ މަސްއޫލިއްޔަތު އެ އިރެއްގައި ހަވާލުކޮށްފައިވާ ސަރުކާރުގެ ވުޒާރާގެ ވަޒީރަށެވެ.

(29) "މުވައްޒަފެއް" ކަމަށް ބުނެފައި އެވަނީ، ސަރުކާރުގެ މަސްއޫލު އޮފީސްތަކާއި، މަސްއޫލު އޮފީސްތަކުގެ ދަށުން ހިނގަމުންދާ ތަންތަނާއި، ދައުލަތުގެ އޮފީސްތަކުން މުސާރައެއް ނުވަތަ އުޖޫރައެއް ދޭގޮތަށް ވަޒީފާ ދީފައިވާ ކޮންމެ މީހަކަށެވެ.

(30) "މާލީއަހަރު" ކަމަށް ބުނެފައި އެވަނީ، ޖަނަވަރީ މަހުގެ 1 ވަނަ ދުވަހުން ފެށިގެން ޑިސެންބަރު މަހުގެ 31 ވަނަ ދުވަހުގެ ނިޔަލަށް ހިނގާ މުއްދަތަށެވެ. މި މުއްދަތު ގުނުމުގައި، އެ މުއްދަތު ފެށޭ ދުވަހާއި، ނިމޭ ދުވަސް ހިމެނެއެވެ.

(31) "މާލީ އިދާރާ" ކަމަށް ބުނެފައި އެވަނީ، ޤާނޫނު ނަންބަރު 6/81 (މޯލްޑިވްސް މަނިޓަރީ އޮތޯރިޓީގެ ޤާނޫނު 1981) ގައި މާލީ އިދާރާއަށް ދީފައިވާ މާނަކުރުމަށެވެ.

(32) "މާލިއްޔަތު ކޮމިޓީ" ކަމަށް ބުނެފައި އެވަނީ، ރައްޔިތުންގެ މަޖިލީހުގެ މާލިއްޔަތު ކޮމިޓީއަށެވެ.

(33) "މާލީ ޒިންމާދާރު ވެރިޔާ" ކަމަށް ބުނެފައި އެވަނީ، ޤާނޫނު ނަންބަރު 3/2006 (ދައުލަތުގެ މާލިއްޔަތު ޤާނޫނު) ގެ 46 ވަނަ މާއްދާގެ (ހ) ގެ ދަށުން ސަރުކާރުގެ މަސްއޫލު އޮފީސްތަކުގައި އެ ޤާނޫނުގައިވާ ކަންކަން ހިންގުމަށް ޓަކައި މިނިސްޓަރު ކަނޑައަޅާ މުވައްޒަފަކަށެވެ. އަދި ދައުލަތުގެ މުދަލާއި ފައިސާ ބޭނުންކޮށްގެން ހިންގޭ ދައުލަތުގެ އެހެނިހެން އޮފީސްތަކުގެ މާލީ އުސޫލުތައް ހިންގުމަށް މި ގަވާއިދުގައި ބަޔާންކޮށްފައިވާ ގޮތުގެ މަތީން ދައުލަތުގެ އޮފީހަކުން ކަނޑައަޅާ މުވައްޒަފަކަށެވެ.

(34) "އެކައުންޓަންޓް ޖެނެރަލް" ކަމަށް ބުނެފައި އެވަނީ، ޤާނޫނު ނަންބަރު 3/2006 (ދައުލަތުގެ މާލިއްޔަތު ޤާނޫނު) ގެ 44 ވަނަ މާއްދާގެ ދަށުން އައްޔަނުކުރާ މީހަކަށެވެ.

(35) "ދައުލަތުގެ އާމްދަނީ" ކަމަށް ބުނެފައި އެވަނީ، ޤާނޫނަކުން ބާރު ލިބިގެން ޓެކުހުގެ ގޮތުގައި ނުވަތަ އެ ނޫން ވެސް ގޮތަކަށް ނެގޭ ފައިސާއާއި، ޤާނޫނަކުން ބާރުލިބިގެން ހަދާ ގަވާއިދަކުން ދައުލަތުން ކުރާ ވިޔަފާރީގެ ފައިދާއާއި ދެވޭ ޚިދުމަތެއްގެ އަގަށް ލިބޭ ފައިސާއާއި، ދައުލަތުގެ މިލްކުގައިވާ އިމާރާތްތަކާއި ބިންބިމާއި ތަކެތީގެ ކުލީގެ ގޮތުގައި ލިބޭ ފައިސާއާއި، ދައުލަތުގެ ބިން ނުވަތަ ތަކެތި ވިއްކައިގެން ލިބޭ ފައިސާއާއި، ޖޫރިމަނާގެ ގޮތުގައި ލިބޭ ފައިސާއަށެވެ.

(36) "ދައުލަތުގެ އޮފީސް" ކަމަށް ބުނެފައި އެވަނީ، ޤާނޫނު ހެދުމުގެ ބާރާއި، ވެރިކަން ހިންގުމުގެ ބާރާއި، ޢަދުލު އިންސާފު ޤާއިމުކުރުމުގެ ބާރުގެ ތެރޭގައި ހިމެނޭ އެންމެހައި އިދާރާތަކާއި، ޤާނޫނު އަސާސީއާއި ޤާނޫނުގެ ދަށުން އުފެދޭ އެންމެހައި މުއައްސަސާތަކާއި، ރަށު ކައުންސިލްތަކާއި، އަތޮޅު ކައުންސިލްތަކާއި، ސިޓީ ކައުންސިލްތަކަށެވެ.

(37) "ދައުލަތުގެ ފައިސާ" ނުވަތަ "ފައިސާ" ކަމަށް ބުނެފައި އެވަނީ، ރާއްޖޭގައި ނުވަތަ ރާއްޖެއިން ބޭރުގައި އެއްވެސް ފަރާތަކުން ދައުލަތުގެ ބޭނުމަށް ނުވަތަ ދައުލަތުގެ ނަމުގައި ޓެކްސް، ޗާޖް، ފީ، ޑިއުޓީ، ޖޫރިމަނާ، ނުވަތަ އާމްދަނީގެ ގޮތުގައި ބަލައިގެންފައިވާ ނުވަތަ ބަހައްޓައިފައިވާ ފައިސާއަށާއި، ފައިސާގެ ގޮތުގައި ބަދަލުކުރެވޭ ލިޔުމަށާއި، ސެކިއުރިޓީޒަށާއި، އެހެން ފަރާތަކަށް ނުވަތަ އެހެން ފަރާތެއްގެ ނަމުގައި ދައުލަތުގައި ބަހައްޓައިފައިވާ ފައިސާއަށާއި، ލޯނުގެ ފައިސާއަށާއި، ވަކި ފަރާތަކުން ދީފައިވާ ފައިސާއަށާއި، ހަދިޔާއަށާއި، ލިބޭ ނުވަތަ ލިބެންވާ އިންޓަރެސްޓުގެ ފައިސާއަށެވެ.

(38) "ދައުލަތުގެ ވިޔަފާރި ތަންތަން" ކަމަށް ބުނެފައި އެވަނީ، ކުންފުންޏެއް ކަމަށް ވިޔަސް، ބޯޑެއް ކަމަށް ވިޔަސް، ކޮމިޝަނެއް ކަމަށް ވިޔަސް، ޖަމާޢަތެއް ކަމަށް ވިޔަސް، ސަރުކާރުގެ ސީދާ ނުވަތަ ނުސީދާ ހިއްސާގެ މިލްކުވެރިކަން އޮތް މަޞްލަޙަތުގެ މިލްކުވެރިކަން އޮތް ތަންތަނަށެވެ. އޭގެ ތެރޭގައި، ޕާޓްނަރޝިޕްތަކާއި، ޖޮއިންޓް ވެންޗަރތަކާއި، އެއްވެސް ބާވަތެއްގެ ވިޔަފާރި އިންތިޒާމެއް ހިމެނޭކަމަށް ވާނަމަ، އެ އިންތިޒާމެއް ހިމެނޭނެއެވެ.

(39) "ދައުލަތުގެ މަސްއޫލު އޮފީސްތައް" ކަމަށް ބުނެފައި އެވަނީ، ރައީސުލްޖުމްހޫރިއްޔާގެ އޮފީހާއި، މިނިސްޓްރީތަކާއި، ލޯކަލް ކައުންސިލްތަކާއި، އެޓަރނީ ޖެނެރަލްގެ އޮފީހާއި، މާލީ ހިންގުމާއި މާލީ ޒިންމާ އުފުލުން ވަކިން އޮންނަގޮތަށް ރައީސުލްޖުމްހޫރިއްޔާ ކަނޑައަޅާ އޮފީސްތަކަށެވެ.

(40) "ލަޔަބިލިޓީޒް" ކަމަށް ބުނެފައި އެވަނީ، ވިޔަފާރިއެއްގެ މިލްކުވެރިންނަށް ނުވަތަ އެ ވިޔަފާރިއަށް ދަރަނި ދޫކޮށްފައިވާ ފަރާތްތަކަށް އެ ވިޔަފާރިއަކުން ދަރައިފައިވާ ދަރަންޏަށް ނުވަތަ އަދާކުރަންޖެހޭ ފައިސާއަށެވެ.

(41) "ގެރެންޓީ" ކަމަށް ބުނެފައި އެވަނީ، އެއްބަސްވުމެއްގައި ނުވަތަ މުޢާމަލާތެއްގައި ހިމެނޭ ފަރާތަކުން އެ އެއްބަސްވުމުގެ ނުވަތަ މުޢާމަލާތުގެ ޝަރުޠަކާ ޚިލާފުވުމުގެ ސަބަބުން ނުވަތަ އެ އެއްބަސްވުން ނުވަތަ މުޢާމަލާތެއް ހިންގުމުގައި ޝަރުޠުކުރާ ކަންކަމުގެ ތެރެއިން ކަމެއް ނުކުރުމުގެ ސަބަބުން، އުފެދޭ ނަތީޖާއާމެދު އެ އެއްބަސްވުމުގައި ނުވަތަ މުޢާމަލާތުގައި ބައިވެރިނުވާ ތިންވަނަ ފަރާތަކުން ޒިންމާ އުފުލާނެކަން ކަށަވަރުކޮށްދިނުމަށެވެ.

(42) "ގަވާއިދު" ކަމަށް ބުނެފައި އެވަނީ، "ދައުލަތުގެ މާލިއްޔަތުގެ ގަވާއިދު" ގެ މާނައިގައެވެ.

(43) "ޤާނޫނު" ކަމަށް ބުނެފައި އެވަނީ، ޤާނޫނު ނަންބަރު 3/2006 (ދައުލަތުގެ މާލިއްޔަތުގެ ޤާނޫނު) އަށާއި، އެ ޤާނޫނަށް ގެންނަ އެންމެހައި އިޞްލާޙުތަކަށެވެ.

(44) "ސޮވްރިން ގެރެންޓީ" ކަމަށް ބުނެފައި އެވަނީ، އެއްބަސްވުމެއްގައި ނުވަތަ މުޢާމަލާތެއްގައި ހިމެނޭ ފަރާތަކުން އެ އެއްބަސްވުމުގެ ނުވަތަ މުޢާމަލާތް ޝަރުޠަކާ ޚިލާފުވުމުގެ ސަބަބުން، ނުވަތަ އެ އެއްބަސްވުން ނުވަތަ މުޢާމަލާތެއް ހިންގުމުގައި ޝަރުޠުކުރާ ކަންކަމުގެ ތެރެއިން ކަމެއް ނުކުރުމުގެ ސަބަބުން އުފެދޭ ނަތީޖާއާމެދު ދައުލަތުން ޒިންމާ އުފުލާނެކަން ކަށަވަރުކޮށްދިނުމަށް ޓަކައި، ދައުލަތުގެ ނަމުގައި ގެރެންޓީ ދޫކުރުމުގެ އުސޫލުގެ ދަށުން ދޫކުރާ ލިޔުމަށެވެ.

(45) "ސެންޓްރަލް ޕޭމަންޓް ސިސްޓަމް" ކަމަށް ބުނެފައި އެވަނީ، މިނިސްޓްރީގައި ދައުލަތުގެ އޮފީސްތަކުގެ ޕޭމަންޓްތައް މަރުކަޒީކޮށް މެނޭޖްކުރުމަށް ޤާއިމުކޮށްފައިވާ ނިޒާމަށެވެ.

(46) "ސެކިއުރިޓީޒް" ކަމަށް ބުނެފައި އެވަނީ، ސަރުކާރުން ނުވަތަ ދައުލަތުގެ ވިޔަފާރި ތަންތަނުގެ ޒިންމާގެ ޤާނޫނުގައި މާނަކޮށްފައިވާ ދައުލަތުގެ ވިޔަފާރި ތަނަކުން، ނުވަތަ ބޭރުގެ ސަރުކާރަކުން ނުވަތަ އެހެން ފަރާތަކުން ދޫކުރާ ސްޓޮކް، ބޮންޑް، ބިލު، ނޯޓު، ނުވަތަ ޑިބެންޗަރ، އަދި ބޭންކްތަކުން ގަބޫލުކުރާ ނުވަތަ އެންޑޯސްކޮށްފައިވާ ބިލްސް އޮފް އެކްސްޗޭންޖް، އަދި ބޭންކަކުން ދޫކުރާ ނެގޯޝިއަބަލް، ކޮންވަރޓިބަލް ނުވަތަ ޓްރާންސްފަރަބަލް ސެޓްފިކެޓްސް އޮފް ޑިޕޮޒިޓްތަކަށެވެ.

(47) "ސެކިއުރިޓީ ޑޮކިއުމަންޓްސް" ކަމަށް ބުނެފައި އެވަނީ، ދައުލަތަށް ފައިސާ ލިބިގަތުމާއި ފައިސާ ޚަރަދުކުރުމާ ބެހޭގޮތުން ތައްޔާރުކޮށްފައިވާ ފައިސާގެ ރަސީދު ފޮތްތަކާއި، ޑެބިޓް ނޯޓާއި، ޕަރޗޭސް އޯޑަރާއި، ރިކުއިޒިޝަންތަކާއި، ކުރިޔަށް ނަންބަރު ޖަހައިގެން (ސީރިއަލް ނަންބަރު) ވިއްކާ ލިޔެކިޔުންތަކާއި، ނުވިއްކާ ލިޔެކިޔުންތަކަށެވެ.

(48) "ސަޕްލިމެންޓްރީ ބަޖެޓު" ކަމަށް ބުނެފައި އެވަނީ، މާލީ އަހަރެއްގެ ބަޖެޓު ފާސްކުރުމަށްފަހު، އެ ބަޖެޓުގެ ބައެއްގެ ގޮތުގައި ހިމެނުމަށް ރައްޔިތުންގެ މަޖިލީހުން ފާސްކުރާ އަދަދަށެވެ.

(49) "ޝާއިޢުކުރުން" ކަމަށް ބުނެފައި އެވަނީ، ޗާޕުކޮށްގެން ނުވަތަ އާންމުކުރުމަށް ކަނޑައަޅައިފައިވާ ތަނެއްގައި ބަހައްޓައިގެން ނުވަތަ ވެބްސައިޓެއްގައި އާންމުކޮށްގެން ނުވަތަ އިލެކްޓްރޯނިކް ވަސީލަތްތައް ބޭނުންކޮށްގެން އާންމުކުރެވޭ ކުރުމަށެވެ.

(50) "ޑިޕާޓްމަންޓް" ކަމަށް ބުނެފައި އެވަނީ، އެ ތަނެއްގެ ދަށުން ހިސާބު ބަލަހައްޓާ ކޮސްޓް ސެންޓަރުތަކުގެ ހިސާބުތައް ޖުމުލަކުރެވޭ ފަންތިއަށެވެ. މި މާނައިގައި "ޑިޕާޓްމަންޓް" ބޭނުންކޮށްފައިވަނީ، ހިސާބު ބެލެހެއްޓުމުގެ ނިޒާމުގެ ތެރޭގައި މި ލަފުޒު ބޭނުންކުރެވޭ މަރުޙަލާތަކުގައި އެކަންޏެވެ.

(51) "ޒިންމާދާރު ޕްރޮކިއުމަންޓް އޮފިސަރު" ކަމަށް ބުނެފައި އެވަނީ، ދައުލަތުގެ އޮފީހެއްގެ ޕްރޮކިއަމެންޓް ކަންތަކާ ހަވާލުވެހުރި އެންމެ އިސް މުވައްޒަފަށެވެ.

(52) "ޕްރިންސިޕަލް އެކައުންޓިންގ އޮފިސަރު" ކަމަށް ބުނެފައި އެވަނީ، މާލީ ޒިންމާދާރު ވެރިޔާ ކަނޑައަޅާ ގޮތެއްގެ މަތީން ޑިޕާޓްމަންޓުތަކުގެ ހިސާބު ބެލެހެއްޓުމުގެ މަސައްކަތްކުރާ ނުވަތަ ކުރުވާ ފަރާތަށެވެ.

(53) "ޕްރޮކިއުމަންޓް އޮފިސަރު" ކަމަށް ބުނެފައި އެވަނީ، ދައުލަތުގެ އޮފީސްތަކުގައި ޕްރޮކިއުމަންޓުގެ ކަންތައްތައް ރާވައި ހިންގުމުގައި ހަރަކާތްތެރިވާ އިސްމުވައްޒަފަށެވެ.

(54) "ދިވެހިރާއްޖޭގެ ފަރާތެއް ނުވަތަ ފަރާތްތަކަށް" ކަމަށް ބުނެފައި އެވަނީ، ދިވެހި ރައްޔިތަކަށް ނުވަތަ ދިވެހިރާއްޖޭގައި ރަޖިސްޓަރީކޮށްފައިވާ، ކުންފުންޏެއްގެ ނުވަތަ ޕާޓްނަރޝިޕެއްގެ މެޖޯރިޓީ ހިއްސާ ދިވެހި ރައްޔިތަކަށް ނުވަތަ ރައްޔިތުންނަށް ނިސްބަތްވާ ކުންފުނިތަކަށް ނުވަތަ ޕާރޓްނަޝިޕްތަކަށެވެ.

(55) "އަސާސީ ޚިދުމަތް" ކަމަށް ބުނެފައި އެވަނީ، ދިވެހިރާއްޖޭގެ ޖުމްހޫރިއްޔާގެ ޤާނޫނުއަސާސީގެ ދެވަނަ ބާބުގެ ދަށުން ކަށަވަރުކޮށްދީފައިވާ އަސާސީ ޙައްޤެއް ދައުލަތުގެ ފަރާތުން ފޯރުވައިދިނުމަށް ޓަކައި ދޭންޖެހޭ ޚިދުމަތަށެވެ.

(56) "ސްޓޭންޑްސްޓިލް މުއްދަތު" ކަމުގައި ބަޔާންކޮށްފައި އެވަނީ، ކޮންޓްރެކްޓެއް ހަވާލުކުރުމުގެ ކުރިން ބީލަމުގައި ބައިވެރިވި ބީލަންވެރިންނަށް ޝަކުވާ ހުށަހެޅުމަށް ދެވޭ މުއްދަތަށެވެ.