ސަޢުދީ ރަސްގެފާނުގެ ފަރާތުން ދެއްވާ ރޯދަވީއްލުމުގެ ހަރަކާތް ރަސްމީކޮށް ފައްޓަވައިފި
ސައުދީ އަރަބިއްޔާގެ ރަސްގެފާނު ސަލްމާން ބިން އަބްދުލްއަޒީޒް އަލް ސައުދުގެ ފަރާތްޕުޅުން ދެއްވާ ރޯދަވީއްލުމުގެ ޕްރޮގްރާމް ރާއްޖޭގައި ރަސްމީކޮށް އިފްތިތާހުކޮށްފިއެވެ.
މި ޕްރޮގްރާމް އިފްތިތާހުކޮށްދެއްވީ މިއަދު ހަވީރު 17:30 ގައި އިސްލާމީ މަރުކަޒުގައި ބޭއްވި ހާއްސަ ރަސްމިއްޔާތެއްގައި އިސްލާމީ ކަންތައްތަކާބެހޭ ވަޒީރު ޑޮކްޓަރ މުހައްމަދު ޝަހީމް އަލީ ސައީދުއެވެ. މި ޕްރޮގުރާމު އިފްތިތާޙް ކުރެއްވުމަށްޓަކައި ސަޢުދީ ޢަރަބިއްޔާއިން ދިވެހިރާއްޖެއަށް ކަނޑައަޅުއްވާފައިވާ ސަފީރު ހިޒް އެކްސެލަންސީ ޔަޙްޔާ ޙަސަން އަލްޤަހްޠާނީ ވަނީ ބައިވެރިވެލައްވާފައިވެއެވެ. މި މަޝްރޫޢު އިފްތިތާޙް ކުރެއްވުމަށްޓަކައި ސަޢުދީ ޢަރަބިއްޔާގެ އިސްލާމީ ކަންތައްތަކާ ބެހޭ ވުޒާރާގެ އިސް ވަފުދެއް ވަނީ ވަޑައިގަންނަވާފައެވެ.
މި ޕްރޮގްރާމްގެ ދަށުން ރޯދަމަހުގެ ކޮންމެ ދުވަހަކު 150 މީހުންނަށް ރޯދަވީއްލުން ފޯރުކޮށްދިނުމަށް ވަނީ ހަމަޖެހިފައެވެ. ރާއްޖޭގައި ހުންނަ ސައުދީ އަރަބިއްޔާގެ އެމްބަސީން އިންތިޒާމުކުރައްވާ މި ހަރަކާތަކީ ދެ ގައުމުގެ ދެމެދުގައި އޮތް ގާތް ގުޅުން ރަމްޒުކޮށްދޭ ކަމެއް ކަމުގައި ވަޒީރު ޝަހީމް ފާހަގަކުރެއްވިއެވެ.
ރޯދަވީއްލުމުގެ ޕްރޮގްރާމެއް ރާއްޖޭގައި ފައްޓަވާފައިވާއިރު ކޮންމެ އަހަރަކުވެސް ރޯދަމަހާ ދިމާކޮށް ސައުދީ ސަރުކާރުން އަންނަނީ ރާއްޖެއަށް ކުރިއަށްގެންދާ ހަރަކާތެކެވެ.
މިއަދުގެ ރޯދަ ވީއްލުމުގައި ބައިވެރިވުމަށް އިސްލާމީ މަރުކަޒަށް ގިނަ އަދަދެއްގެ ބަޔަކު ވަނީ ޖަމާވެފައެވެ.
