logo
banner image

ދެން މަސް ކޭސް ދޫކުރާނީ މިނިސްޓްރީއާ ހުޅުމާލޭ މިފްކޯގެ ދެ މަސް ފިހާރައިން

ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒުގެ ވަޢުދުފުޅާ އެއްގޮތަށް 1447 ވަނަ އަހަރުގެ ބަރަކާތްތެރި ރަމަޟާންމަހަށް ކޮންމެ ގޭބިސީއަކަށް ސަރުކާރުން ހަދިޔާކުރާ މަސްދަޅު ކޭސްތަކުގެ ތެރެއިން ގްރޭޓަރ މާލެ ސަރަޙައްދު (މާލެ، ވިލިނގިލި، އަދި ހުޅުމާލެ) ގެ ގޭބިސީތަކަށް މާދަމާ ރެއިން ފެށިގެން މަސްދަޅު ކޭސް ދޫކުރާނެ ސަރަހައްދުތައް މިނިސްޓަރ އޮފް ސިޓީސް ލޯކަލް ގަވަރމަންޓް އެންޑް ޕަބްލިކް ވަރކްސް އާދަމްޝަރީފު ޢުމަރު އިއުލާންކުރައްވައިފިއެވެ. 

ސަރުކާރުގެ ކުންފުނިތަކާއި ގުޅިގެން ސަރުކާރުން ހަދިޔާކުރާ މަސްދަޅު ކޭސްތައް މާލެ ސަރަޙައްދުގައި ބަހަން ފެށީ ހުސްވި ޖެނުއަރީ މަހުގެ 22 ގައެވެ. މާލެ ސަރަޙައްދުގައި 15 މަރުކަޒުން މަސްދަޅު ކޭސް މި ހިނގާ ފެބްރުވަރީ މަހުގެ 11 ވަނަ ދުވަހާއި ހަމަޔަށް ދޫކުރިއެވެ. ނަމަވެސް އެއްވެސް ސަބަބަކާހުރެ ރޯދަ ހަދިޔާ ހޯއްދަވާފައިނުވާ ފަރާތްތަކަށް ރޭގެ ނިޔަލަށް މާލޭގެ މިފްކޯ މަރުކަޒުން އައީ ރޯދަ ހަދިޔާ މަސްދަޅު ކޭސް ދޫކުރަމުންނެވެ. 

މިއަދު 'އެކްސް' ގައި ކުރެއްވި ޕޯސްޓެއްގައި މިނިސްޓަރ ވިދާޅުވީ އެކިސަބަބުތަކާހުރެ ނުލިބިވާ ފަރާތްތަކަށް މަސްދަޅު ދޫކުރުން މުލަރޯދަ ދުވަހާއި، ހުކުރު ދުވަސް ފިޔަވައި ކޮންމެ ދުވަހެއްގެ ރޭގަނޑު 9:30 އިން 11:00 އަށް މިނިސްޓްރީގެ ޕަބްލިކްވަރކްސް ފެންޑާ (މާފަންނު ޓްރެކްދަނޑު ކައިރި)، އަދި ހުޅުމާލޭ ފޭސް 1 އާއި ފޭސް 2 ގައި ހުންނަ މިފްކޯގެ ފިހާރައިން ކުރިޔަށް ގެންދާގޮތަށް ހަމަޖެހިފައިވާ ކަމަށެވެ. 

މާލެ ސަރަޙައްދުގައި ރޭގެ ނިޔަލަށް 54،000 އަށްވުރެ ގިނަ މަސްދަޅު ކޭސް ވަނީ ދޫކޮށްފައެވެ. އަދި އަތޮޅު ތެރޭގެ ގިނަ ރަށްރަށުގައި މިހާރު ވަނީ މަސްދަޅު ކޭސް ބަހައި ނިމިފައެވެ.