ރޯދަ މަހު ފަތުރުވެރިންނަށް ޚިދުމަތް ދިނުމުގައި އިސްލާމީ ވަޙުދަތު ދެމެހެއްޓޭނެހެން ކަންކަން އިންތިޒާމުކުރުމަށް މިނިސްޓަރ އިލްތިމާސްކުރައްވައިފި
ކުރިއަށް އޮތް ބަރަކާތްތެރި ރަމަޟާން މަހު ފަތުރުވެރިންނަށް ޚިދުމަތް ދިނުމުގައި އިސްލާމީ ވަހުދަތު ދެމެހެއްޓޭނެހެން ކަންކަން އިންތިޒާމުކުރެއްވުމަށް މިނިސްޓަރ އޮފް ސިޓީސް، ލޯކަލް ގަވަރަމަންޓް އެންޑް ޕަބްލިކް ވަރކްސް އާދަމް ޝަރީފު ޢުމަރު އިލްތިމާސްކުރައްވައިފިއެވެ.
މިނިސްޓަރ އާދަމް ޝަރީފު ޢުމަރު 'އެކްސް'ގައި ހިއްސާކުރެއްވި މިނިސްޓްރީގެ ބަޔާނުގައި ވަނީ ދިވެހިރާއްޖެއަކީ ސައްތައިން ސައްތަ މުސްލިމް ޤައުމަކަށް ވާއިރު، ބަރަކާތްތެރި ރަމަޟާން މަހު، ރާއްޖެއަށް ޒިޔާރަތްކުރާ ފަތުރުވެރިންނަށް ކެއިންބުއިމުގެ ޚިދުމަތް ދިނުމުގައި، ރާއްޖޭގައި އޮންނަ އިސްލާމީ ރިވެތި އާދަކާދަތަކާއި، ދީނީ އެއްބައިވަންތަކަމާއި އަދި އިސްލާމްދީނަށް ދިވެހިންކުރާ އިޙުތިރާމާއި، ޤަދަރާއި އިސްލާމީ ވަހުދަތު ދެމެހެއްޓުމަށް ބާރު ލިބޭނެ ގޮތަކަށް ކަންކަން އިންތިޒާމު ކުރެއްވުމަށް އެންމެހާ ފަރާތްތަކުން ޚާއްޞަ ސަމާލުކަމެއް ދެއްވުމަށް އިލްތިމާސްކުރައްވާފައެވެ.
މި ގޮތުން، މީހުން ދިރިއުޅޭ ރަށްރަށުގައި ރާއްޖެއަށް ޒިޔާރަތްކުރާ ފަތުރުވެރިންނަށް ކެއިންބުއިމުގެ ޚިދުމަތް ދެއްވާއިރު އާންމުންނަށް ނުފެންނާނެ ފަދަ އިންތިޒާމެއްގެ ދަށުން އެ ޚިދުމަތް ދެއްވުމާއި، މަގުތަކާއި، އާންމު ތަންތަނުގައި، ރަމަޟާން މަހުގެ ޙުރުމަތް ނުކެނޑޭގޮތަކަށް، ފަތުރުވެރިންގެ ޢަމަލުތައް ބެހެއްޓުމަށް ބާރު އަޅުއްވައި ދެއްވައި، އަދި ރަމަޟާން މަހު މީހުން ދިރިއުޅޭ ރަށްރަށުގައި ފަތުރުވެރިންގެ ޢަމަލުތައް ބަހައްޓަންޖެހޭނެ ގޮތުގެ މަޢުލޫމާތު ފަތުރުވެރިންނަށް ހިއްސާކޮށްދެއްވުމަށް މިނިސްޓަރ އެދިލައްވާފައި ވެއެވެ.
''ވީމާ ބަރަކާތްތެރި ރަމަޟާން މަހު، ރާއްޖޭގެ މީހުން ދިރިއުޅޭ ރަށްރަށުގައި ފަތުރުވެރިންނަށް ޚިދުމަތް ދެއްވާ އެންމެހާ ފަރާތްތަކުން، އިސްވެ ދެންނެވިފައިވާ ކަންކަމަށް ޚާއްޞަ ސަމާލުކަމެއް ދެއްވުމަށާއި، ކައުންސިލްތަކުން އެ ކަންކަމަށް ފާރަވެރިވުމަށް އިލްތިމާސް ކުރަމެވެ'' މިނިސްޓްރީގެ ބަޔާނުގައި ވިދާޅުވިއެވެ
