26ވަނަ އާކިޓެކްޗަރ ހެރިޓޭޖް ސްޓަޑީޒް އެގްޒިބިޝަން -ލާރަސް ސަފީރު ޝަބީނާ ހުޅުވައި ދެއްވައިފި
އިންޓަރނޭޝަނަލް އިސްލާމިކް ޔުނިވަރސިޓީ މެލޭޝިއާ (އައި.އައި.ޔޫ.އެމް)ގެ ކުއްލިޔާ އޮފް އާކިޓެކްޗަރ އެންޑް އެންވަޔަރަމެންޓަލް ޑިޒައިންގެ ދަރިވަރުންވަނީ، ހެރިޓޭޖް ސްޓަޑީޒް މާއްދާގެ ދިރާސީބައެއް ފުރިހަމަކުރުމަށްޓަކައި 2025ވަނަ އަހަރު ދިވެހިރާއްޖޭގެ ހުކުރުމިސްކިތާ އަދި ރަޝިޔާގެ ޒަކަބަންޔާ މިސްކިތާބެހޭ ދިރާސާއެއް ކޮށްފައެވެ.
މި ދިރާސާގެ ހޯދުންތައް ދައްކުވައިދޭ މައުރަޒެއްވަނީ ފެބްރިއަރީ 11ވަނަ ދުވަހު އަ.އައި.ޔޫ.އެމްގައި ބާއްވާފައެވެ.
" 26ވަނަ އާކިޓެކްޗަރ ހެރިޓޭޖް ސްޓަޑީޒް އެގްޒިބިޝަން -ލާރަސްގެ ނަމުގައި ކުރިއަށްދާ މި މައުރަޒް ހުޅުވާދެއްވީ މެލޭޝިއާގެ ޕަހަންގް ސްޓޭޓްގެ ރާނީ އަޒީޒާ އަމީނާ މައިމޫނާއިސްކަނދަރިއްޔާ އަލް-ހާޖް އެވެ.

މި މައުރަޒް ހުޅުވުމުގެ ރަސްމިއްޔާތުގައި ޕަހަންގް ސްޓޭޓްގެ ރޯޔަލް ހައިނެސްގެ އިތުރުން ދިވެހިރާއްޖެއިން މެލޭޝިއާއަށް ކަނޑައަޅުއްވާފަހުންނަވާ ސަފީރު ޑރ. މަރިޔަމް ޝަބީނާ އަހުމުދާއި މެލޭޝިއާގައި ހުންނަވާ ރަޝިޔާގެ އެމްބެސެޑަރ ނެއިލް ލަޓީޕަވްވެސް ބައިވެރިވެ ވަޑައިގަތެވެ.
ފެބްރުއަރީ 11-15އަށް ކުރިއަށްދާ މި މައުރަޒްގައި ބޮޑަށް އަލިއަޅުވާލެވިފައިވަނީ ދެ މިސްކިތް ބިނާކޮށްފައިވާގޮތާއި، ތަފްސީލީ ކުރެހުންތަކާ، އަދި އިސްލާމިކް ހެރިޓޭޖްއަށެވެ. އަދި މީގެ އިތުރުން އިސްލާމީ އާކިޓެކްޗަރަލްއަށް ލިބިފައިވާ ކުރިއެރުމާ، ސަގާފީ މުހިންމުކަން މި މައުރުޒުން ދައްކުވާދެއެވެ.
