logo
banner image

ހއ.ދިއްދޫގައި ޤާއިމް ކުރަމުންދާ ހއ.އެޓޯލް ޓެކްނިކަލް އިންސްޓިޓިއުޓް ޢިމާރަތް ކުރުމަށް ޙަވާލުކުރެވުނު މަސައްކަތުގެ %95 މަސައްކަތް މިހާރު ވަނީ ނިމިފައެވެ. ނަމަވެސް ޢިމާރާތުގެ ކޮންސެޕްޓަށް ގިނަ ބަދަލުތަކެއް ގެނެވި އެއްމަސައްކަތް ކޮންޓްރެކްޓަރާއި ޙަވާލުކޮށް، ފެށިގެން މިހާރު ކުރިޔަށް އެބަ ގެންދެވެއެވެ.

އެގޮތުން ޢިމާރާތުގެ އިންޓީރިއާ އަށް ގިނަ ބަދަލުތަކެއްގެނެވި އެ މަސައްކަތްތައް ކޮންޓްރެކްޓަރާއި ވަނީ ޙަވާލުކުރެވިފައެވެ. މިގޮތުން ގެނެވުނު އެންމެ ބޮޑު އެއް ބަދަލަކީ، ޢިމާރާތުގެ ފުރަތަމަ ފަންގިފިލާގައި ހޮސްޕިޓާލިޓީގެ ދާއިރާއަށް ބޭނުންވާ ސްޕެޝިއަލައިޒްޑް ޓްރެއިނިންގްތައް ކުރިޔަށް ގެންދިޔުމަށް ބޭނުންވާ ހޮސްޕިޓާލިޓީ ވިންގެއް ހެދުމެވެ. މި ވިންގުގައި، ކަލިނަރީ ކިޗަން އަކާއި ޕޭސްޓްރީ ކިޗަނެއްގެ އިތުރުން، ހައުސްކީޕިންގް އަދި ފްރަންޓް އޮފީސް ބައިތައް ކިޔަވައި ދިނުމަށް ރޫމް ސެޓަޕް، ލޯންޑްރީ އަދި ރިސެޕްޝަން އޭރިއާ އެއް ހެދިގެން ދާނެއެވެ.

ނަމަވެސް ޢިމާރާތުގައި، އެހެނިހެން ޓެކްނިކަލް ދާއިރާތަކަށް ތަމްރީން ޕްރޮގްރާމް ކުރިޔަށް ގެންދިޔުމަށް ޤާއިމް ކުރެވޭ ވޯކްޝޮޕްތައް މިހާރު ވަނީ މުޅިންހެން ނިންމާލެވިފައެވެ. އަދި މި ވޯކްޝޮޕްތަކުގައި ކިޔަވައި ދިނުމަށް ބޭނުން ކުރެވޭ މެޝިނެރީޒް އަދި އިކުއިޕްމެންޓްތަކާއި ޓޫލްސްތައް ވަނީ ވޯލްޑް ބޭންކުގެ އެހީގައި މީރީ ޕްރޮޖެކްޓުން ހޯދިފައެވެ.

މިހާރު ކުރިޔަށް ދަނީ ޢިމާރާތުގެ ކްލާސްރޫމްތަކަށާއި އެހެނިހެން ބައިތަކަށް ބޭނުންވާ ފަރުނީޗަރާއި އިކުއިޕްމެންޓް ހޯދުމުގެ މަސައްކަތެވެ. އަދި ތަނުގެ ހިންގުމުގެ ޕްލޭނާއި، އެހެނިހެން މަސައްކަތްތައްވެސް މިހާރުދަނީ އެކުލަވާލަމުންނެވެ. މިހާރުވެސް އިންސްޓިޓިއުޓްގެ ބައެއް މުވައޒިފުން ނެގިފައި ވާއިރު، އިތުރަށް ބޭނުންވާ މުވައްޒިފުން ނެގުމަށް މިހާރު ދަނީ ތައްޔާރުވަމުންނެވެ.

ހޮސްޕިޓާލިޓީ ވިންގް ނިމި، އިންސްޓިޓިއުޓް ހިންގަން ފެށޭނެކަމަށް ލަފާކުރެވެނީ މިއަހަރުގެ މެދެއްހާ ހިސާބުގައެވެ.