ށ. ފުނަދޫގައި ޓިވެޓް ސެންޓަރެއް ޤާއިމްކުރަނީ
މިނިސްޓްރީ އޮފް ހަޔަރ އެޑިޔުކޭޝަން، ލޭބަރ އެންޑް ސްކިލްސް ޑިވެލޮޕްމަންޓުން ރާއްޖޭގެ އެކި ސަރަޙައްދު ތަކަށް އަމާޒުކޮށް މަތީތަޢުލީމާއި ތަމްރީނު ދޭ މަރުކަޒުތައް ބިނާކޮށް ހިންގުމަށް ކުރިޔަށް ގެންދާ ޕްރޮޖެކްޓްތަކުގެ ތެރެއިން ށ. ފުނަދޫގައި ޓެކްނިކަލް ވޮކޭޝަނަލް ސެންޓަރެއް އިމާރާތް ކުރުމުގެ މަޝްރޫއުގެ ބިންގާ އެޅުމުގެ ރަސްމިއްޔާތު މިޔަދު ވަނީ ބޭއްވިފައެވެ.
ށ. ފުނަދޫގައި ތަރައްޤީ ކުރެވޭ މި ޓިވެޓް ސެންޓަރުގައި، އެކި ފަންނުތައް ދަސްކޮށްދޭ، އެކި ލެވެލްގެ ޓެކްނިކަލް ވޮކޭޝަނަލް ކޯސްތައް ހިންގުމަށް މަގުފަހިވާނެއެވެ. މިއީ ރާއްޖޭގައި ކުރިއަށްދާ އެކިކަހަލަ ސިނާޢީ މަސައްކަތަށް ބޭނުންވާ ފަންނު ބިނާ ކުރުމަށް އެޅޭ ވަރަށް މުޙިއްމު ފިޔަވަޅެކެވެ. މަތީ ތަޢުލީމުގެ ފުރުސަތުތައް ރާއްޖޭގެ ހުރިހާ ކަންކޮޅުތަކަށް ފުޅާކޮށް، މަތީ ތަޢުލީމަށް ކިޔެވޭނެ އިންތިޒާމް ރާއްޖޭގެ ކޮންމެ އަތޮޅަކުންވެސް ހަމަޖެއްސުމަކީ ރައީސުލް ޖުމްހޫރިއްޔާގެ ރިޔާސީ ވައުދުފުޅެކެވެ.
މިފަދަ ޕްރޮޖެކްޓަކާއެކު ރަށުން ބޭރުން އަންނަ ދަރިވަރުންނަށް އަތޮޅުތެރޭގައި ތިބެގެން ފަސޭހަކަމާއެކު، ފެންވަރު ރަގަޅު ޓެކްނިކަލް ޓްރެއިނިންގ އަދި މަތީ ތަޢުލީމުގެ ފުރުޞަތުތައް ފަހިވެގެންދާނެއެވެ.
17,500 އަކަފޫޓުގެ ބިމުގައި ބިނާކުރާ މި އިންސްޓިޓިއުޓަކީ ޒަމާނީ ވަޞީލަތްތަކާއެކު ދެ ބުރިއަށް ކުރާ އިމާރާތެކެވެ. މިތަނުގައި ތަފާތު ދާއިރާތަކުން އަމަލީ ތަމްރީނު ދިނުމަށް މަލްޓި-ޕާޕަސް ވޯކްޝޮޕެއްގެ އިތުރުން، ތަފާތު ކްލާސް ރޫމްތަކާއި، ފަހުގެ ވަސީލަތްތަކާއެކު އައި.ސީ.ޓީ ލެބޯޓަރީއެއް ހުންނާނެ. އަދި އިދާރީ ޚިދުމަތްތަކަށް ޚާއްޞަ އޭރިއާއަކާއި، ސްޓާފް ރޫމަކާއި، ދަރިވަރުންގެ ޚިދުމަތްތަކަށް ޚާއްޞަ އޭރިއާއެއްގެ އިތުރުން، މީޓިންގ ރޫމްތަކާއި، ސްޓަޑީ ރޫމްތަކާއި ލައިބްރަރީ ފަދަ ތަޢުލީމީ މަރުކަޒަކަށް ބޭނުންވާނެ އެންމެހާ މުހިއްމު ވަޞީލަތްތައް މިތަނުގައި ޤާއިމުކުރެވޭނެ. މި މަޝްރޫއުތަކަކީ، މަތީތަޢުލީމާއި ތަމްރީނު ދޭ މަރުކަޒުތައް އިތުރުކޮށް ރައްޔިތުންނާ ގާތުން ޚިދުމަތްތައް ފޯރުކޮށްދިނުމަށް ސަރުކާރުން ކުރިޔަށް ގެންދާ ޕްރޮޖެކްޓްތަކެކެވެ. މި ޕްރޮޖެކްޓުގެ އިތުރުން މިހާރުވެސް ހއ.ދިއްދޫ، ރ. އަލިފުށި، ނ. ވެލިދޫ، ކުޅުދުއްފުށި ސިޓީ އަދި ފުވައްމުލައް ސިޓީގައި މަތީ ތައުލީމާއި ތަމްރީންދޭ މަރުކަޒުތައް ތަރައްޤީ ކުރުމުގެ މަސައްކަތް ދަނީ ކުރެވެމުންނެވެ.
މި މުހިއްމު މަޝްރޫއުގެ އިތުރުން، ހަމަ މިރަށުގައި މޯލްޑިވްސް ނޭޝަނަލް ޔުނިވަރސިޓީގެ ކެމްޕަހަކާއި، އިސްލާމިކް ޔުނިވަރސިޓީގެ ކެމްޕަހާއި ދަނާލު އިމާރާތްކުރުމުގެ މަސައްކަތްތައްވެސް ފެށުމަށް މިވަނީ ހަމަޖެހިފައެވެ. ބިންގާ އެޅުމުގެ ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުން، މިނިސްޓަރ ޑރ. ޢަލީ ޙައިދަރު އަޙްމަދު ވިދާޅުވީ، މި މަޝްރޫއުތަކުގެ މައިގަނޑު ބޭނުމަކީ، މަތީތަޢުލީމާއި ތަމްރީނު ދޭ މަރުކަޒުތައް އިތުރުކޮށް، ރަށުގައި ތިބެގެން ފެންވަރު ރަނގަޅު ތަޢުލީމު ހޯދުމުގެ ފުރުސަތު ރައްޔިތުންނާ ވީހާވެސް ގާތުން ފޯރުކޮށްދިނުންކަމުގައެވެ. އަދި މި ސެންޓަރުގެ ސަބަބުން މި ސަރަޙައްދުގެ މަސައްކަތްތެރިކަމުގެ ބާޒާރަށް ބޭނުންވާ ފަންނީ އަދި ހުނަރުވެރި ދިވެހި ޒުވާނުން އުފެއްދުމަށް ބޮޑު ބާރަކަށް ވެގެންދާނެ ކަމުގައެވެ.
މި މަޝްރޫއުގެ މަސައްކަތް ސެންޓްރަލް ލައިން ޕްރައިވެޓް ލިމިޓެޑާ ހަވާލު ކުރެވިފައިވަނީ 12 މަސް ދުވަހުގެ ތެރޭގައި ނިންމާ ގޮތަށެވެ.
