ޕެޓްސް ކޮމްޕެޓިޝަން 2026 ގައި ރަން މެޑެލި ހާސިލުކުރި އެމްއެންޑީއެފްގެ ޓީމަށް ހޫނު މަރުހަބާއެއް
ޕާކިސްތާނުގައި ބޭއްވި 9ވަނަ "އިންޓަރނޭޝަނަލް ޕާކިސްތާން އާމީ ޓީމް ސްޕިރިޓް (ޕެޓްސް) ކޮމްޕެޓިޝަން 2026" ގައި ބައިވެރިވެ ރަން މެޑެލި ހާސިލުކުރި އެމްއެންޑީއެފްގެ ޓީމު އެނބުރި ރާއްޖެ އައުމުން އެ ޓީމަށް އެމްއެންޑީއެފް އިން ހޫނު މަރުހަބާއެއް ކިޔައިފިއެވެ.
ފެބުރުވަރީ 14ވަނަ ދުވަހުގެ ހެނދުނު އެ ޓީމް އެނބުރި ރާއްޖެ އައުމުން ވެލާނާ އިންޓަނޭޝަނަލް އެއަރ ޕޯޓުން އެ ޓީމަށް މަރުހަބާ ދެންނެވީ ވައިސް ޗީފް އޮފް ޑިފެންސް ފޯސް، ބްރިގޭޑިއަރ ޖެނެރަލް އަޙްމަދު ޣިޔާޘްއާއި ސްޕެޝަލް ފޯސަސްގެ ކޮމާންޑަރ، ލެފްޓިނެންޓް ކާނަލް އަޙްމަދު ރަޝީދުއެވެ. އަދި ޓީމް ހެޑްކުއޯޓަރޒް އަށް އައުމުން، ހެޑްކުއޯޓަރޒް އިން ދިފާޢީ ވަޒީރު، އޮނަރަބަލް މުޙައްމަދު ޣައްސާން މައުމޫންއާއި، ޗީފް އޮފް ޑިފެންސް ފޯސް، މޭޖަރ ޖެނެރަލް އިބްރާހީމް ޙިލްމީގެ އިތުރުން ޖެނެރެލް އޮފިސަރުންނާއި ގިނަ އަދަދެއްގެ ސިފައިން ވަނީ ޓީމް ހޯދި ފަޚުރުވެރި ކާމިޔާބީއަށް ހޫނު މަރުހަބާ އެއް ދަންނަވާފައެވެ.
ހެޑްކްއޯޓަރޒް އިން ޓީމަށް މަރުހަބާކިޔުމަށް ބޭއްވި ރަސްމިއްޔާތުގައި ދިފާޢީ ވަޒީރު، އޮނަރަބަލް މުޙައްމަދު ޣައްސާން މައުމޫން އާއި ސްޕެޝަލް ފޯސަސްގެ ކޮމާންޑަރ ލެފްޓިނެންޓް ކާނަލް އަޙުމަދު ރަޝީދު ވަނީ ވާހަކަފުޅު ދައްކަވާފައެވެ.
ދިފާޢީ ވަޒީރުގެ ވާހަކަފުޅުގައި ބުރަމަސައްކަތުން، ދާއޮހޮރުވައިގެން ޓީމް ހޯދައިދިން ކާމިޔާބީ އަކީ އެމްއެންޑީއެފް ގެ އިތުރުން މުޅި ޤައުމު ފަޚުރުވެރިވާ ކާމިޔާބީއެއްކަން ފާހަގަކުރެއްވިއެވެ. އަދި މިއިން ދައްކުވައިދިނީ، އަޅުގަނޑުމެންގެ އަތުގައި އެންމެ ޒަމާނީ ވަޞީލަތްތައް ނެތް ނަމަވެސް ދިވެހި އަސްކަރިއްޔާގެ ސިފައިންނަކީ ދުނިޔޭގެ ކޮންމެ ބަޔަކާއި ވާދަކުރެވޭވަރުގެ ހިތްވަރާއި، ޢަޒުމާއި، ފެންވަރާއި، ފަންވަރާއި، ބުންވަރު ހުރިބައެއް ކަމުގައެވެ. މީގެއިތުރުން ދިވެހިރާއްޖޭގެ އިއްޒަތްތެރި ރައީސުލް ޖުމްހޫރިއްޔާ އަދި ސިފައިންގެ އެންމެ މަތީވެރިޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒުގެ ސީދާބެއްލެވުމުގެ ދަށުން މަސައްކަތްކުރައްވަމުން ގެންދަވަނީ ސިފައިންނަށް ބޭނުންވާ ހަތިޔާރާއި، އިކްއިޕްމެންޓާއި، އުމްރާނީ ވަސީލަތްތައް ވެސް ދުނިޔޭގެ އަސްކަރިއްޔާތަކާ އެއްހަމަކޮށްދިނުމަށްކަން ފާހަގަ ކުރެއްވިއެވެ. އަދި ސިފައިންގެ ޤާބިލްކަން އިތުރުކުރުމަށް ކުރައްވަން ޖެހިވަޑައިގަތް ކޮންމެ މަސައްކަތެއް ކުރައްވާނެކަމުގެ ޔަޤީންކަން ދެއްވާކަން އެމަނިކުފާނު ފާހަގަ ކުރެއްވިއެވެ.
ސްޕެޝަލް ފޯސަސްގެ ކޮމާންޑަރ ލެފްޓިނެންޓް ކާނަލް އަޙުމަދު ރަޝީދުގެ ވާހަކަފުޅުގައި އަސްކަރިއްޔާ ކުރިއަރުވާ ތަރައްޤީ ކުރުމަށްޓަކައި ދިވެހިރާއްޖޭގެ އިއްޒަތްތެރި ރައީސުލް ޖުމްހޫރިއްޔާ އަދި ސިފައިންގެ އެންމެ މަތީވެރިޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު އާއި ދިފާއީ ވަޒީރު އަދި ސިފައިންގެ ލީޑަރޝިޕް އިން ކުރައްވަމުން ގެންދަވާ މަސައްކަތްޕުޅުތައް ފާހަގަކުރައްވާ ޝުކުރު އަދާ ކުރެއްވިއެވެ. އަދި ޓީމަށް ކުރުމުއްދަތެއްގެ މަސައްކަތުން މިފަދަ ކާމިޔަބީއެއް ލިބުމުގެ އެއްސަބަބަކީ މިދެންނެވުނު މަސައްކަތްޕުޅުތަކުގެ ނަތީޖާކަން ވެސް ފާހަގަކުރެއްވިއެވެ.
ފެބުރުވަރީ 5 އިން 7 އަށް ޕާކިސްތާންގެ ނޭޝަނަަލް ކައުންޓަރ ޓެރެރިޒަމް ސެންޓަރ، ޕަބި، ގައި ކުރިއަށްދިޔަ މި މުބާރާތުގައި 16 ޤައުމެއްގެ އަސްކަރިއްޔާއިން 24 ޓީމެއް ބައިވެރިވިއެވެ.
މި މުބާރާތުގައި އެމްއެންޑީއެފުން ބައިވެރިވި ޓީމްގައި ހިމެނެނީ ސްޕެޝަލް ފޯސަސްގެ 15 ސިފައިންނެވެ.
ޕާކިސްތާން އަސްކަރިއްޔާއިން ކުރިއަށްގެންދާ "ޕެޓްސް ކޮމްޕެޓިޝަން" އަކީ އަސްކަރީ ޤާބިލުކަން އިތުރުކުރުމަށްޓަކައި ހިންގޭ އެންމެ މަތީ ފަންތީގެ މުބާރާތެކެވެ. މިގޮތުން މި މުބާރާތުގައި އަސްކަރީ ގޮތުން ބޭނުންކުރާ އުކުޅުތަކާއި އެކިއެކި ހާލަތްތަކުގައި އަމަލުކުރާނެ ގޮތްތައް ވަނީ ކުރިއަށް ގެންގޮސްފައެވެ.
ބޭރުގެ ގިނަ އަސްކަރިއްޔާތަކެއް ބައިވެރިވި މި ޝަރަފުވެރި މުބާރާތުގައި ދިވެހި އަސްކަރިއްޔާއިން މި ފަޚުރުވެރި ކާމިޔާބީ ހާސިލުކޮށްފައި މި ވަނީ ދިވެހިރާއްޖެ ޢިއްޒަތްތެރި ރައީސުލްޖުމްހޫރިއްޔާ އަދި ސިފައިންގެ އެންމެމަތީ ވެރިޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު، ދިވެހި އަސްކަރިއްޔާގެ ޤާބިލުކަމާއި ދިވެހި ސިފައިންގެ ހުނަރުވެރިކަން މަތިކޮށް، ތަރައްޤީކުރުމަށް ދެއްވާ ޚާއްޞަ ސަމާލުކަމާއި، ދެއްވާ ލަފާފުޅާއި އިރުޝާދުގެ ދަށުން ކުރެވޭ މުހިންމު މަސައްކަތްތަކުގެ ނަތީޖާއެއްގެ ގޮތުންނެވެ.
