މާލޭގެ އުތުރުފަރާތު ބޮޑުތަކުރުފާނު މަގު ތަރައްޤީކުރުމުގެ މަޝްރޫޢުގެ ދެވަނަ ފިޔަވަހީގެ މަސައްކަތް ނިންމައި، އާންމުންނަށް ހުޅުވާލައިފި
މާލޭގެ އުތުރުފަރާތު ބޮޑުތަކުރުފާނު މަގު ތަރައްޤީކުރުމުގެ މަޝްރޫޢުގެ ދެވަނަ ފިޔަވަހީގެ މަސައްކަތް ނިންމައި، އާންމުންނަށް ހުޅުވާލައިފިއެވެ.
މި މަޝްރޫޢުގެ ދަށުން 254 މީޓަރުގެ މަގުގައި ތާރު އެޅުމާއި ދުވާރުތައް ހެދުމާއި ފެން ހިންދާ ނިޒާމް ޤާއިމުކުރުމާއި ރޯޑް މާރކިން އަދި ސައިން ބޯޑް ހަރުކުރުމާއި މަގު ބައްތި ހަރުކުރުމުގެ އިތުރުން ހަތަރު ލޭނަށް މަގު ފުޅާކުރުމުގެ މަސައްކަތް ވަނީ ކޮށްފައެވެ.
މާލެ އުތުރުފަރާތު ބޮޑުތަކުރުފާނު މަގުގެ މަޝްރޫއުގެ ދެވަނަ ފިޔަވަހީގެ މަސައްކަތުގެ އެއްބަސްވުމުގައި މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިންގް ކޮމްޕެނީ ޕލކ (އެމްޓީސީސީ) އާއެކު މިނިސްޓްރީއިން ސޮއިކޮށްފައިވަނީ 12 ނޮވެމްބަރު 2025 ވަނަ ދުވަހު އެވެ.
210 ދުވަހުގެ ތެރޭގައި ނިންމުމަށް 60,426,818.64 ރުފިޔާއަށް އެމްޓީސީސީއަށް ހަވާލުކުރި މި މަޝްރޫޢުގެ އަމަލީ މަސައްކަތް ފަށާފައިވަނީ 10 ޑިސެމްބަރ 2025 ގައެވެ. މި މަޝްރޫޢުގެ އަމަލީ މަސައްކަތް ފެށިތާ 68 ދުވަހުގެ ތެރޭގައި މަސައްކަތް ނިންމައި، އެ ސަރަހައްދު މިހާރު ވަނީ އާންމުންނަށް ހުޅުވާލާފައެވެ.
