ކަނޑުގެ ލޮނުގަނޑު އުފުލުމުގެ ސަބަބުން ކުރިމަތިވާ ސަލާމަތީ ނުރައްކާތަކާ ގުޅޭގޮތުން ފޮރިން މިނިސްޓަރު ޑރ. ޚަލީލް ވާހަކަފުޅު ދައްކަވައިފި
ޖަރުމަނުވިލާތުގެ މިއުނިކްގައި ކުރިއަށްދާ 62 ވަނަ މިއުނިކް ސެކިއުރިޓީ ކޮންފަރެންސްގެ ހަވާސާގައި ގްލޯބަލް ސެންޓަރ ފޮރ ކްލައިމެޓް މޮބިލިޓީ (ޖީ.ސީ.ސީ.އެމް) އާއި ރޮބަރޓް ބޯޝް ޝްޓިފްޓުންގ އިން ބޭއްވި ބައްދަލުވުމެއްގައި މިނިސްޓަރ އޮފް ފޮރިން އެފެއާޒް ޑރ. ޢަބްދުﷲ ޚަލީލް މިއަދު ބައިވެރިވެވަޑައިގެން ވާހަކަފުޅު ދައްކަވައިފިއެވެ.
"ރައިޒިން ސީސް، ރައިޒިން ރިސްކްސް: ހައު ޓު ރެސްޕޮންޑް ޓު ދަ މަލްޓިޑައިމެންޝަނަލް ސެކިއުރިޓީ ޗެލެންޖަސް ޕޯޒްޑް ބައި ސީ ލެވެލް ރައިޒް" ގެ ޝިއާރުގެ ދަށުން ބޭއްވި މި ބައްދަލުވުމުގައި މިނިސްޓަރު ވަނީ ކަނޑުގެ ލޮނުގަނޑު އުފުލުމުގެ ސަބަބުން ކުރިމަތިވާ ގޮންޖެހުންތަކަށް އަލިއަޅުއްވާލައްވާފައެވެ.
-1771088418857.webp)
މިނިސްޓަރު ޑރ. ޚަލީލްގެ ވާހަކަފުޅުގައި، މޫސުމަށް އަންނަ ބަދަލުތަކަކީ މުޅި ދުނިޔެއަށް ކުރިމަތިވެފައިވާ މައްސަލައެއް ނަމަވެސް، އޭގެ ނޭދެވޭ އަސަރުތައް އެކި ގައުމުތަކަށް ކުރަނީ އެކި މިންވަރަށްކަން ފާހަގަކުރެއްވިއެވެ. ވަކިން ހާއްސަކޮށް ރާއްޖެ ފަދަ ކުދި ޖަޒީރާ ގައުމުތަކަށް މީގެ ނުރައްކާ އިންތިހާއަށް ބޮޑުކަމަށާއި، ކަނޑުގެ ލޮނުގަނޑު އުފުލުމަކީ ރާއްޖޭގެ ގައުމީ ސަލާމަތާއި، އިގްތިސާދީ ހަމަޖެހުމާއި މުޖުތަމައުގެ ދުޅަހެޔޮކަމަށް ސީދާ އަސަރު ކުރާ ކަމެއްކަން އެމަނިކުފާނު ބަޔާންކުރެއްވިއެވެ.
މީގެ އިތުރުން މޫސުމަށް އަންނަ ބަދަލުތަކުން ލިބޭ ގެއްލުންތަކުން އަރައިގަތުމަށް ރާއްޖެއިން ކުރަމުންދާ މަސައްކަތްތަކުގެ މައްޗަށް މިނިސްޓަރ އަލިއަޅުއްވައިލެއްވިއެވެ. އަދި މޫސުމީ ބަދަލުތަކާ ގުޅިގެން ދިމާވާ ގޮންޖެހުންތަކުން އަރައިގަތުމަށް ކުރެވޭ މަސައްކަތްތަކުގެ އިތުރުން ޤައުމުތަކުން ހަރުދަނާ ފިޔަވަޅުތަކެއް އެޅުމުގެ މުހިއްމުކަން އެމަނިކުފާނު ފާހަގަކުރެއްވިއެވެ.
މިނިސްޓަރ ޑރ.ޚަލީލް ވާހަކަފުޅު ނިންމަވާލައްވަމުން، މޫސުމީ ބަދަލުތަކާ ދެކޮޅަށް ކުރެވޭ މަސައްކަތުގައި ރާއްޖެއިން ދެމިއޮންނާނެ ކަމުގެ ޔަގީންކަން ދެއްވިއެވެ. އަދި މޫސުމީ ބަދަލުތަކުގެ ނުރައްކާ ބޮޑު ގައުމުތައް ހިމާޔަތްކޮށް، ދެމެހެއްޓެނިވި މުސްތަގުބަލެއް ކަށަވަރުކުރުމަށްޓަކައި ބައިނަލްއަގުވާމީ އެއްބާރުލުން އިތުރުކުރުމަށް މިނިސްޓަރު ވަނީ ގޮވާލައްވާފައެވެ.
