53 ހާހަށް ވުރެ ގިނަ މަސް ކޭސް ދޫކޮށްފި، ދެން ދޫކުރާނީ މިފްކޯއިން
ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒުގެ ވަޢުދުފުޅާ އެއްގޮތަށް 1447 ވަނަ އަހަރުގެ ބަރަކާތްތެރި ރަމަޟާންމަހަށް ކޮންމެ ގޭބިސީއަކަށް ސަރުކާރުން ހަދިޔާކުރާ މަސްދަޅު ކޭސްތަކުގެ ތެރެއިން ގްރޭޓަރ މާލެ ސަރަޙައްދު (މާލެ، ވިލިނގިލި، އަދި ހުޅުމާލެ) ގެ ގޭބިސީތަކަށް ރޭގެ ނިޔަލަށް 53،308 މަސްދަޅު ކޭސް ދޫކޮށްފިއެވެ.
މާލެ ސަރަޙައްދުގައި ރޯދަ ހަދިޔާ ދޫކުރުމުގެ މަސައްކަތް ފެށީ ހުސްވި ޖެނުއަރީ މަހުގެ 24 ވަނަ ދުވަހުއެވެ. ރޯދަ ހަދިޔާ މަސްދަޅު ކޭސްތައް ދޫކުރުމުގެ މަސައްކަތް ރޭގެ ނިޔަލަށް ނިންމާލާފައިވާއިރު، އެއްވެސް ސަބަބަކާހުރެ މަސްދަޅު ކޭހާއި ޙަވާލުނުވާ ފަރާތްތަކަށް ދެން މަސްދަޅު ކޭސް ލިބިވަޑައިގަންނަވާނީ މާލޭގައި ހުންނަ މިފްކޯ މަރުކަޒުންނެވެ. އެ ތަނުން މަސްދަޅު ކޭސްތައް ދޫކުރާނީ މުލަ ރޯދަ ދުވަހާ ހަމަޔަށެވެ.
މަސްދަޅު ކޭސް ދޫކުރުމުގެ މަސައްކަތް މާލެ ސަރަޙައްދުގައި ކުރިއަށް ގެންދިޔައީ މިނިސްޓްރީގެ އިސް ނެންގެވުމާއެކު ސަރުކާރުގެ ކުންފުނިތަކާއި، ފުލުހުންނާއި ސިފައިން ގުޅިގެންނެވެ. މި މަސައްކަތް ކާމިޔާބުކަމާއެކު ނިންމާލާފައިވާއިރު އެކަމުގައި އުޅުއްވި ހުރިހާ ބޭފުޅުންނަށް މިނިސްޓަރ އޮފް ސިޓީސް ލޯކަލް ގަވަރމަންޓް އެންޑް ޕަބްލިކް ވަރކްސް އާދަމް ޝަރީފު ޢުމަރު ވަނީ ޝުކުރު އަދާކުރައްވައިފައެވެ.
