logo
banner image

"ދައުލަތުގެ މާލިއްޔަތުގެ ގަވާއިދު" ބާބު 17 - 17.01 ހުއްދަ ނޫން ޢަމަލާއި، އެފަދަ ޢަމަލެއް ކުރުމުން ފިޔަވަޅުއެޅުން

މި ލިއުމުގައި މި ހިމަނާލަނީ، "ދައުލަތުގެ މާލިއްޔަތުގެ ގަވާއިދު"ގެ ބާބު ތަކާއި މާއްދާތައް ވަކިވަކިންނެވެ.

އެގޮތުން މި ލިއުމުގައި މި ގެނެސްދެނީ ބާބު 17 "ދައުލަތުގެ މުދަލާއި ފައިސާ ބެލެހެއްޓުމާއި، ގެންގުޅުމާއި، ހިސާބުތައް ލިޔެ ބެލެހެއްޓުމުގައި ދައުލަތުގެ މާލިއްޔަތުގެ ގަވާއިދާ ޚިލާފުވާ ފަރާތްތަކުގެ މައްސަލަތައް ބެލުމާއި، ފިޔަވަޅު އެޅުން" އާއި ޕްރޮކިއުމަންޓް ނިޒާމުން ހާސިލުކުރުމަށް ބޭނުންވާ ކަންތައްތަކާއި އުސޫލުތަކާއި ގުޅޭ މާއްދާތަކެވެ.

ހުއްދަ ނޫން ޢަމަލާއި، އެފަދަ ޢަމަލެއް ކުރުމުން ފިޔަވަޅުއެޅުން

17.01

ދައުލަތުގެ މުދަލާއި ފައިސާގެ ބެލެހެއްޓުމާއި، ގެންގުޅުމާއި، ހިސާބުތައް ލިޔެ ބެލެހެއްޓުމުގައި އެއްވެސް މުވައްޒަފަކު ނުވަތަ އެ ނޫން ފަރާތަކުން ވެސް ހުއްދަނޫން ޢަމަލެއް ކޮށްފިނަމަ، އެ މައްސަލައެއް ބަލައި ފިޔަވަޅުއަޅާނީ، މި ބާބުގައި ބަޔާންކޮށްފައިވާ ގޮތުގެ މަތީންނެވެ. މި ގަވާއިދުގެ ބޭނުމަށް ހުއްދަނޫން ޢަމަލެއް ކަމަށް ބަލާނީ، ތިރީގައިވާ ކަންކަމެވެ.

(ހ) ދައުލަތުގެ ފައިސާ ނުވަތަ މުދާ ނެގުމާއި، އަނބުރާ ހޯދުމާއި، ޖަމާކުރުމާއި، ހިސާބުތަކަށް ވެއްދުމުގެ ޒިންމާއާ ހަވާލުވެހުރި މީހަކު، ފައިސާ ނުވަތަ މުދާ ނެގުމާއި ނުވަތަ އަނބުރާ ހޯދުމާއި ނުވަތަ ޖަމާކުރުމާއި ނުވަތަ ހިސާބުތަކަށް ވެއްދުމުގައި އިހުމާލުވުން ނުވަތަ ފަރުވާކުޑަކުރުން.

(ށ) އެ މީހެއްގެ ޒިންމާގެ ދަށުގައި ހުރި ދައުލަތުގެ ފައިސާ ނުވަތަ ފައިސާއިން ބައެއް މަދުވުން.

(ނ) އެ މީހެއްގެ ޒިންމާގެ ދަށުގައި ހުރި ދައުލަތުގެ މުދަލަކަށް އުނިކަމެއް ލިބުން ނުވަތަ ގެއްލުން.

(ރ) ޤާނޫނު ނަންބަރު 3/2006 (ދައުލަތުގެ މާލިއްޔަތުގެ ޤާނޫނު) އާއި މި ގަވާއިދާ ޚިލާފަށް ދައުލަތުގެ ފައިސާއެއް ޚަރަދުކުރުމާއި، ފައިސާއެއް ނުވަތަ މުދަލެއް އެއްވެސް ފަރާތަކަށް ދިނުން، ނުވަތަ ވިއްކައިލުން، ނުވަތަ ނައްތައިލުން، ނުވަތަ ފޮރުވުން ނުވަތަ ކޮރަޕްޝަނުގެ ޢަމަލެއް ހިންގުން.

(ބ) ޤާނޫނު ނަންބަރު 3/2006 (ދައުލަތުގެ މާލިއްޔަތުގެ ޤާނޫނު) އާއި މި ގަވާއިދާ ޚިލާފަށް ޢަމަލުކުރުން.