ކަނޑުހުޅުދޫ ކައުންސިލުން މިނިސްޓަރާ ބައްދަލުކުރައްވައިފި
ހުވަދުއަތޮޅު އުތުރުބުރީ ކަނޑުހުޅުދޫ ކައުންސިލުން މިނިސްޓަރ އޮފް ސިޓީސް، ލޯކަލް ގަވަރމަންޓް އެންޑް ޕަބްލިކް ވަރކްސް އާދަމް ޝަރީފު ޢުމަރާ ބައްދަލުކުރައްވައިފިއެވެ.
މިނިސްޓްރީގައި މިއަދު އޮތް މި ބައްދަލުކުރެއްވުމުގައި ކޮންޓްރެކްޓަރ ފައިނޭންސް އުސޫލުން އެ ރަށުގައި ޢިމާރާތްކުރާ ކައުންސިލްގެ އިދާރާގެ މަސައްކަތް ކުރިޔަށްދާ ގޮތާ ބެހޭގޮތުން މަޝްވަރާކުރެވިފައިވެއެވެ. އަދި ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުޢިއްޒުގެ ވަޢުދުފުޅާ އެއްގޮތަށް ކުޑަކުދިންގެ ޕާކެއް ނެތް ކޮންމެ ރަށެއްގައި ޕާކެއް އެޅުމަށް ސަރުކާރުން ހިންގާ މަޝްރޫއުގެ ދަށުން ކަނޑުހުޅުދޫގައި އަޅާ ޕާކުގެ މަސައްކަތާ ބެހޭގޮތުންވެސް މަޝްވަރާ ކުރެވިފައިވެއެވެ.
މީގެ އިތުރުން ކައުންސިލުގެ މުވައްޒަފުންގެ ޤާބިލުކަން އިތުރުކުރުމަށް ތަމްރީނު ޕްރޮގްރާމެއް ހިންގުމުގެ ވިސްނުން ކައުންސިލުން މިނިސްޓަރާ ހިއްސާކުރެއްވިއެވެ.
މި ބައްދަލުވުމުގައި ސްޓޭޓް މިނިސްޓަރ އަޙުމަދު ރަޝީދު ވަނީ ކަނޑުހުޅުދޫގައި ހިންގާ މަޝްރޫއުތަކުގެ އަދާހަމަ ކައުންސިލާ ހިއްސާކުރައްވާފައެވެ. އަދި މިނިސްޓަރ ވަނީ ކައުންސިލުން އެދިވަޑައިގެންނެވި ކަންކަން ފުރިހަމަ ކުރުމަށް މަސައްކަތް ކުރައްވާނެ ކަމުގެ ފުރިހަމަ ޔަޤީންކަން ދެއްވާފައެވެ.
