logo
banner image

ކީރިތި ޤުރުއާން ކިޔެވުމާއެކު އެ މަތިވެރި ކަލާމްފުޅު ހިތުދަސްކުރާ ޙާފިޡުންނަށް ދޭން ޖެހޭ ޤަދަރު އަޅުގަނޑުމެން ދޭން ޖެހޭނެކަމަށް ރައީސުލްޖުމުހޫރިއްޔާ ވިދާޅުވެއްޖެ

ކީރިތި ޤުރުއާން ކިޔެވުމާއެކު އެ މަތިވެރި ކަލާމްފުޅު ހިތުދަސްކުރާ ޙާފިޡުންނަށް ދޭން ޖެހޭ ޤަދަރު އަޅުގަނޑުމެން ދޭން ޖެހޭނެކަމަށް ރައީސުލްޖުމުހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ވިދާޅުވެއްޖެއެވެ.

ރައީސުލްޖުމުހޫރިއްޔާ މިހެން ވިދާޅުވީ ރައްޔިތުންގެ މަޖިލިސް ހުޅުވުމަށް ބޭއްވި ޖަލްސާގައި ރިޔާސީ ބަޔާނުގައި ދެއްކެވި ވާހަކަފުޅުގައެވެ. ރައީސް ވިދާޅުވީ، ކީރިތި ޤުރުއާނަކީ މުސްލިމުންގެ ދުސްތޫރުކަމަށާއި އިންސާނާގެ ދެދުނިޔޭގެ ބާއްޖަވެރިކަމަށް މަގު ދައްކުވައިދޭ އިލާހީ ދަންމަރުކަމަށެވެ. މި ސަރުކާރުން ޙާފިޡުންގެ އަގުވަޒަންކޮށް ޤުރުއާން ހިތުދަސްކުރުމުގެ މަސައްކަތް ކުރާ ބޭފުޅުންނަށް ހިތްވަރު ދިނުމުގެ ގޮތުން ހާފިޒުންނަށް ސަރުކާރުން ދެމުން އައި އެލަވަންސް 2000 ރުފިޔާއިން 4000 ރުފިޔާއަށް ބޮޑުކޮށްފައިވާކަން ރައީސްގެ ވާހަކަފުޅުގައި ވަނީ ފާހަގަކުރައްވާފައެވެ.

މީގެ އިތުރުން 2025 ވަނަ އަހަރު ވެގެންގޮސްފައިވަނީ ދިވެހިރާއްޖޭގެ ތާރީޚުގައި އެންމެ ގިނަ އަދަދަކަށް ޙާފިޡުން ދަސްވެނިވެގެންދިޔަ އަހަރަށްކަމަށާއި ފާއިތުވެދިޔަ އަހަރު 30 ޙާފިޡުން ދަސްވެނިވެފައިވާކަމަށް ރައީސްގެ ވާހަކަފުޅުގައި ވިދާޅުވިއެވެ.

މީގެ އިތުރުން ކީރިތި ޤުރުއާނުގެ ދާއިރާއިން ކުރަމުންދާ ބައެއް މަސައްކަތްތަކަށް ރައީސްގެ ރިޔާސީ ބަޔާނުގައި ވަނީ އަލިއަޅުއްވާލައްވާފައެވެ. އެގޮތުން ރާއްޖޭގެ މީހުން ދިރިއުޅޭ ކޮންމެ ރަށެއްގައި ކީރިތި ޤުރުއާނާއި ބެހޭ މަރުކަޒުގެ ގޮތްޕެއް 2028 ވަނަ އަހަރުގެ ނިޔަލަށް ހުޅުވުމަށް ނިންމާ ނިމިދިޔަ އަހަރު އެ މަސައްކަތް ފެށިފައިވާކަމަށާއި އަދި ޤުރުއާނާއި ބެހޭ އެކި ކަންކަމަށް ޚަރަދުކުރުމަށް ދެމެހެއްޓެނިވި ގޮތެއްގައި ފައިސާ ލިބޭނެ ނިޒާމެއް ޤާއިމްކުރުމުގެ ގޮތުން މާލޭގައި ޤުުރުއާނަށް ޚާއްސަ ވަޤްފު ޢިމާރާތެއްގެ މަސައްކަތް މިއަހަރުގެ ތެރޭގައި ފެށިގެންދާނެކަމަށް ރައީސްގެ ވާހަކަފުޅުގައި ވިދާޅުވިއެވެ.

ހަމައެއާއެކު ޤައުމީ ޤުރުއާން ކިޔެވުމުގެ މުބާރާތް ރާވާ ހިންގުމުގެ ހުރިހާ ޚަރަދެއް ސަރުކާރުގެ ބަޖެޓުން ބެލެހެއްޓުމާއި ވަނަވެރީންނަށް ދެމުން އައި އިނާމު ދެގުނަ ކުރުމާއި މުޅި މުބާރާތުން އެއް ވަނަ ހޯދާ ބައިވެރިޔާއަށް ރައީސުލްޖުމުހޫރިއްޔާގެ ޚާއްސަ އިނާމެއްގެ ގޮތުން ބޭނުން ދާއިރާއަކުން، ބޭނުން ޤައުމަކުން، ޕީއެޗްޑީއާއި ހަމައަށް ކިޔެވުމުގެ ފުރުސަތު ދޭން ފަށާފައިވާކަން ރައީސްގެ ވާހަކަފުޅުގައި ފާހަގަކުރެއްވިއެވެ.